މިދިޔަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްްސް (ޕީޕީއެމް) އިން މޯލްޑިވިއަން އެއާލައިނުން ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކައިފިއެވެ.
މޯލްޑިވިއަން އިން ބުނީ ޕީޕީއެމުން އިއްޔެ 3.8 މިލިއަން ރުފިޔާ ދައްކާ އެ ފައިސާ ހަލާސްކޮށްފައިވާ ކަމަށެވެ. މި ފައިސާ ޕީޕީއެމުން ދައްކާފައިވަނީ މި ސިވިލް ކޯޓުން ހުކުމް ކުރިތާ ހަތަރުމަސް ވާން ކައިރިވެފައި ވަނިކޮށެވެ. މޯލްޑިވިއަނަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ޕީޕީއެމްގެ މައްޗަށް އަމުރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސްކަމުގައި ހުންނަވާ ޕީޕީއެމުން ރިޔާސީ އިންތިހާބަށް ކުރި ދަތުރުތަކުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، އެ ފައިސާ ހޯދުމަށް މޯލްޑިވިއަނުން ދައުވާ ކުރުމުން އެ މައްސަލަ ބެލުމަށްފަހުގައެވެ. ޕީޕީއެމުން މީގެ ކުރިން ބުނެފައިވަނީ ފައިސާ ނުދެއްކިގެން އުޅެނީ އިލްކެޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދޭންޖެހޭ 8 މިލިއަން ރުފިޔާ ނުދީގެން ކަމަށެވެ. ނަމަވެސް މޯލްޑިވިއަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޕީޕީއެމުން ވަނީ އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް އެއްބަސްވެފައެވެ.
ޕީޕީއެމުން 3.8 މިލިއަން ރުފިޔާ 15 ދުވަހުގެ ތެރޭގައި ޕީޕީއެމްއިން އެ އެއާލައިންއަށް ދެއްކުމަށް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފައެވެ. ޕީޕިއެމުން މޯލްޑިވިއަނަށް ރިޔާސީ އިންތިހާބުގައި ކުރި ދަތުރުތަކަށް 4.8 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. ނަމަވެސް މޯލްޑިވިއަނުން ކޯޓަށް އެ މައްސަލަ ވެއްދުމުގެ ކުރިން ޕީޕީއެމުން ވަނީ އެއް މިލިއަން ރުފިޔާ މޯލްޑިވިއަނަށް ދައްކާފައެވެ.
ޕީޕީއެމަށް ލިބެން ޖެހޭ 8 މިލިއަން ރުފިޔާ ލިބުމުން ފައިސާ ދައްކާނެކަމަށް ބުނި ނަމަވެސް އެ ފައިސާ ލިބުމުން ވެސް ޕީޕީއެމުން މޯލްޑިވިއަނަކަށް ފައިސާ ދައްކާފައި ނުވެއެވެ. އަދި ޕީޕީއެމުން އެ ފައިސާ ދައްކާފައިވަނީ މި އަހަރު ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާ އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދޫކުރުމުންނެވެ. މި އަހަރުގެ ބަޖެޓުން ޕީޕީއެމަށް 9.2 މިލިއަން ރުފިޔާ ވަނީ ދީފައެވެ.