ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ މުއާމަލާތްތައް މަޑުޖައްސާލުމަށް ކޮރަޕްޝަން ބަލާ ކޮމިޝަނުން އަންގައިފިއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލަމުން އަންނަ ރިޔާސީ ކޮމިޝަނުން އެކަން އަންގާފައި ވާކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދުވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓުއަރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ހިއްސާ ބަދަލުކުރުން ފަދަ މުއާމަލާތްތައް ހުއްޓާލަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

ރަށްތަކުގެ މުއާމަލާތް މަޑުޖައްސާލުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަަރީ ކޮމިޝަނުން އަންގާފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ބަލަމުން ދަނިކޮށެވެ. އެކޮމިޝަނުން މިހާތަނަށް މި މައްސަލައާއި ގުޅޭގޮތުން މިޑިއާއަށް އެއްވެސް ވާހަކައެއް ތިލަކޮށްފައި ނުވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ހިއްސާ ބަދަލުކުރަން ހުށަހަޅައިފިނަމަ އެ މައުލޫމާތު ކޮމިޝަނަށް ދިނުމަށް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި އެގޮތަށް އަންގާފައިވަނީ ކޮމިޝަނުން ސީރިއަސް ތަހުގީގެއް ހިންގަމުން ދަނިކޮށް އެފަދަ މުއާމަލާތެއް ހިނގައިފި ނަމަ ތަހުގީގަށް ހުރަސް އެޅިދާނެތީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެ ބޭފުޅުން [ކޮމިޝަނުން] ރިކުއެސްޓް ކުރައްވާފަ މި އޮތީ ހެޑްލީޒް ބަދަލު ކުރުމާއި ޝެއާ ޓްރާންސްފާ ބަދަލު ކުރުން މަޑުޖައްސާލަން. އަޅުގަނޑުމެން މިއަދު ވާނީ އެ ކޮމިޝަންގެ ރައީސާ މަޝްވަރާކޮށްފައި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއަށްވުރެ ވެސް ބޮޑުކޮށް، އެއްގޮތަކަށް ވެސް މި އެސެޓް މޫވް ކުރުމުގެ ޗާންސެއް ނެތް ވަރަށް މި ތަހުގީގު ނިމެންދެން ބާއްވަން ޓޫރިޒަމް މިނިސްޓްރީން ބޭނުންވޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަށްތަކާއި ފަޅުތަކާއި މެދު އެ މިނިސްޓްރީން ދެން މުއާމަލާތް ނުހިންގާނެ ކަމަށެވެ. އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުގެ އަދަދު 55 އަށް އަރައެވެ. މީގެ ތެރޭގައި ނ. އަތޮޅުން ތިން ތަނަކާއި، ރ. އަތޮޅުން 11 ތަނަކާއި، ބ. އަތޮޅުން ނުވަ ތަނަކާއި، ޅ. އަތޮޅުން އެއް ތަނާއި، މާލެ އަތޮޅުން 12 ތަނެއް (11 ފަޅާއި އެއް ރަށް) އާއި އއ. އަތޮޅުން ދެ ތަނަކާއި އދ. އަތޮޅުން ހަ ތަނެއް ހިމެނެއެވެ. މީގެ އިތުރުން ވ. އަތޮޅުން ހަތަރު ތަނަކާއި، މ. އަތޮޅުން އެއް ތަނާއި، ދ. އަތޮޅުން ދެ ތަނާއި، ތ. އަތޮޅުން ތިން ތަނެއްގެ އިތުރުން ގއ އަތޮޅުން އެއް ތަން ހިމެނެއެވެ.

ޓޫއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ހިއްސާ ބަދަލުކުރުން ފަދަ އެއްވެސް މުއާމަލާތެއް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ރަށްތައް ކުއްޔަށް ހިފައިފައިވާ ފަރާތްތަކުން ހިންގާފައި ނުވާކަމަށެވެ.