މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޕާކުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި ދިރާގުން ވައިފައި ހޮޓްސްޕޮޓު ގާއިމް ކުރުމުގެ ހިދަމްތަ އިފްތިތާހްކޮށްފިއެވެ.

މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރަސްރަނި ބަގީޗާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ސިފާ މުހައްމަދެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން ދޭ އިންޓަނެޓުގެ ހިދުމަތުގެ ކޮލެޓީ ރަނގަޅު ކުރަން އަބަދުވެސް މަސައްކަތް ކުރާކަމަށާއި އިންޓަނެޓުގެ ހިދުމަތް ވީހާވެސް ފަސޭހައިން ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށެވެ.

ކުރެވެމުންދާ މަސައްކަތަކީ އިންޓަނެޓުގެ ހިދުމަތް ވީހާވެސް ފަސޭހަކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް، ކޮންމެ ރަށެއްގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ލިބޭނެ ގޮތް ހަދައިދިނުން.
ދިރާގު ސީއީއޯ އިސްމާއިލް ރަޝީދު

އިންޓަނެޓަކީ މިހާރު ޒަރޫރީ ހިދުމަތަކަށް ވެފައިވާ ކަމަށާއި، ދިރާގުން މަސައްކަތް ކުރަނީ ވަސޭހައިން މީހުންނަށް އިންޓަނެޓުގެ ހިދުމަތް ލިބެނެ ގޮތް ހަދައިދިނުމަށް ކަމަށް ވިދާޅުވެ އިސްމާއިލް ވަނީ މާލެސިޓީއިން ދީފައިވާ އެއްބާރުލުން ފާހަގަކޮށްފައެވެ.

ރަސްރަނި ބަގީޗާގައި ދިރާގު ހޮޓްސްޕޮޓް ބޯޑު ހަރުކޮށްފައި / ފޮޓޯ: ދިރާގު

އެ ހިދުމަތް ލިބޭކަން އަންގައިދޭ ބޯޑު ހަރުކޮށްފައި ހުންނަ ސަރަހައްދުތަކުން 30 މިނެޓަށް ހިލޭ ވައިފައި ހިދުމަތް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. 100 އެމްބީގެ ހިދުމަތް ހަމަވުމުން، އިތުުރު އެޑްއޮން ނަގައިގެން ބޭނުންކުރޭވެނެ ކަމަށްވެސް އެފަރާތުން ބުނެއެވެ. ދިރާގު ވައިފައި ހޮޓްސްޕޮޓަށް ކަނެކްޓްކޮށްލުމުން ލޮގްއިން ޕޭޖްގައި މޯބައިލް ނަންބަރު ޖަހާލައިގެން ފޯނަށް އަންނަ އޯޓީޕީ އެންޓާ ކޮށްލައިގެންނެވެ.