ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، އެމައްސަލަ ބަލައިދިނުމަށް އެދި ސިސިލްފަރުން އެންޓި ކޮރަޕްޝަން ކޯޕަރޭޝަން (އޭސީސީ) އަށްވެސް ހުށަހަޅައިފިއެވެ.

ސިސިލްފަރު ޖަމާއަތުގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ބުނީ، އޭސީސީއަށް މައްސަލަ ހުށަހެޅުމުން އޭސީސީން އިސްލާމިކް މިނިސްޓްރީގައި ހުރި ލިޔެކިއުންތައް ގެންގޮސްފައިވާ ކަމަށެވެ.

ސިސިލްފަރު ގްރޫޕުން، އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ އިސްލާމިކް މިނިސްޓްރީން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނީ އިންސާފު ވެރިކަމާ އެކު ނޫން ކަމަށް ބުނެއެވެ. އަދި ހައްޖަށް މީހުން ގެންދިއުމަށް ނިންމިގޮތް ބާތިލް ކުރުމުގެ މައްސަލައިގެ ޝަރީއަތެއް ބާއްވަނީ، މި މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުވުމުންނެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު ވަނީ ބާއްވާފައެވެ. އަދި މި މައްސަލައިގެ ޝަރީއަތް މިދިޔަ އާދިއްތަ ދުވަހު ބާއްވާފައި ވާއިރު، މި މައްސަލައިގެ އއްވެސް އަޑުއެހުމެއްގައި ދައުލަތުން ޖަވާބުދާރީ ވެފައެއް ނުވެއެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވި އިރު، ސިސިލްފަރު ގްރޫޕަކީ 35 އަހަރު ވާންދެން މީހުން ހައްޖަށް ގެންދިޔަ ކުންފުންޏެއް ކަމުގައި ވިޔަސް، ތަޖުރިބާ އަށް އެ ކުންފުންޏަށް ލިބިފައިވަނީ 0.7 ޕަސަންޓު މާކްސްއެވެ. ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވުމަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން ޕްރޮސެސް ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދިފައި ވެއެވެ.