"އެވެންޖާޒް: އެންޑްގޭމް" އިން ބޮކްސް އޮފީހުގައި 3 ހަފުތާ ވަންދެން ދަމަހައްޓަމުން އައި ރެކޯޑް، ފިލްމުގެ ފުރަތަމަ ޝޯއާއިއެކު "ޖޯން ވިކް 3" އިން މުގުރާލައިފިއެވެ.

"ޖޯން ވިކް: ޗެޕްޓާ 3 ޕެރާބިލަމް" އުތުރު އެމެރިކާގެ ސިނަމާތަކުގައި އެޅުވި ފުރަތަމަ ހަފުތާ ބަންދުގައި އެކަނިވެސް 57 މިލިއަން ޑޮލަރު ވަނީ ހޯދާފައެވެ. ރިލީޒް ކުރިތާ 4 ހަފުތާ ވެފައިވާ "އެވެންޖާޒް: އެންޑްގޭމް"އަށް ބޮކްސް އޮފީހުގައި ހޯދިފައިވަނީ 29.4 މިލިއަން ޑޮލަރެވެ.

ޖޯން ވިކް 3 ގެ މަންޒަރެއްގައި ކިއާނޫ ރީވްސް ހަރަކާތްތެރިވަނީ/ފޮޓޯ: ރޯލިންގް ސްޓޯންސް

އެކްޝަން ފިލްމް ފްރެންޗައިޒް "ޖޯން ވިކް"ގެ 3 ވަނަ ފިލްމަށް ދުނިޔޭގެ އެކި ހިސާބުތަކުން 66 ބާޒާރަކުން ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ކުރިއެރުންތަކާއެކު "ޖޯން ވިކް 3" އަށް މިހާރު ވަނީ 92 މިލިއަން ޑޮލަރު ހޯދިފައެވެ.

ކިއާނޫ ރީވްސް ލީޑުން ފެނިގެންދާ "ޖޯން ވިކް" ފްރެންޗައިޒްގެ 3 ވަނަ އިންސްޓޯލްމަންޓުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ހެލީ ބެރީއާއި ލޯރެންސް ފިޒްބާން ފާހަގަކުރެވެއެވެ. "ޖޯން ވިކް" ފްރެންޗައިޒްގެ ޑައިރެކްޓަރަކީ ކުރީގެ ސްޓަންޓްމޭން ޗޭޑް ސްޓާހެލްސްކީއެވެ.

މިދިޔަ ހަފުތާ ބަންދުގައި ރިލީޒް ކުރި ފިލްމުތަކަށް ބަލާއިރު، ބޮކްސް އޮފީސް ޗާޓުތައް ދައްކާ ގޮތުން އެންމެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައިވަނީ ވޯނާ ބްރޯސްއާއި އެމްޖީއެމްގެ "ދަ ސަން އިޒް އޯލްސޯ އަ ސްޓާ"އަށެވެ.