މިދިޔަ ދެތިން ދުވަހަށް ބަލާއިރު އިންޓަނެޓްގެ ފަޒާ ފަތަހަކުރި ތަރިއަކީ ހޮލީވުޑްގެ ޒުވާން ފަންނުވެރިޔާ ސެލީނާ ގޯމޭޒްއޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ.

އޭނާގެ އާ ފިލްމް "ދަ ޑެޑް ޑޯންޓް ޑައި"ގެ ޕްރޮމޯޝަނަލް އިވެންޓަށް، ކޭންސް ފިލްމް ފެސްޓިވަލް 2019 އަށް ސެލީނާ ދިޔައީ އުމުރުން 68 އަހަރުގެ ފިލްމީ ބަތޮލް އަދި ލިޔުންތެރިޔާ ވިލިއަމް މްރީ ނުވަތަ ބިލް މްރީއާއިއެކުގައެވެ.

މި އިވެންޓުތަކަށް ފަންނާނުން އާންމުކޮށް ގޮސް އުޅެނީ އެމީހުންގެ ހަޔާތުގެ ބައިވެރިޔާއާއިއެކުގައި ކަމަށްވާއިރު، ބިލްއާއިއެކު އިންޓަނެޓުގައި އާންމުކުރި ފޮޓޯތަކުގައި ސެލީނާ ވަނީ ދެމީހުން ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ މުޅި އިންޓަނެޓް ވިއުގަ ގުޑުވާލާފައެވެ.

ދުވަސްތަކެއް ވަންދެން ސެލީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޖަސްޓިން ބީބާ (ޖޭބީ) ކުށްލި ގޮތަކަށް މޮޑެލްއަކާ ކައިވެނި ކުރުމާއެކު އިންތިހާއަށް މާޔޫސްކަމެއްގެ ތެރެއަށް ވެއްޓުނު ސެލީނާގެ މި މެސެޖާއެކު އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކަން ފެށިއެވެ. ނޫސްވެރިންނަށް މި ޚަބަރު ވީ އެ މީހުންގެ ޚަބަރު ބުޅިތަކުގައި މީހުން ގަންނަ ވަރު އިތުރު ކުރުމަށް ޖައްސާނެ މޮޅު ކުލިކް ބެއިޓް ސްޓަންޓަކަށެވެ.

ކައިވެންޏާ ބެހޭ ގޮތުން، އުމުރުން 26 އަހަރުގެ ސެލީނާ ބުނި ވާހަކަތަކަށްފަހު ރަސްމީކޮށް އަދިވެސް ބަހެއް ބުނެފައި ނުވާއިރު، ބިލް މްރީ ބުނީ ސެލީނާއަކީ އާދަޔާ ހިލާފަށް އުޖާލާ ކުއްޖެއް ކަމަށާ، ސެލީނާ ފަދަ ޕޮޕް އައިކަންއަކާ ދިމާވުމުން އިންތިހާ ހިތްހަމަޖެހުން ލިބޭ ކަމަށެވެ.

ބިލް މްރީއަކީވެސް "ދަ ޑެޑް ޑޯންޓް ޑައި"ގެ ކާސްޓް މެމްބަރެކެވެ.