1. ކައިވެނީގެ ބޭރުން ލިބިފައިވާ ކުއްޖާގެ އަސްލު ބައްޕަ އެކަަމަށް އެއްބަސް ވެއްޖެނަމަ އެ ކުއްޖާއަށް ބައްޕަގެ ލިބޭނެތަ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޒިނޭކުރި އަންހެންމީހާ ކައިވެނި ކުރިތާ ހަމަސްފަހުން ވިހައިފިކަމަށްވަނީ ނަމަ ފިރިމީހާއަށް ދަރިލައްވާނެއެވެ. މި ޙާލަތުގައި ފިރިމީހާ އޭނާގެ ދަރިއެއްނޫން ކަމަށް ޘާބިތުކޮށްދޭން ބޭނުންވެއްޖެނަމަ އެކަމަށް އޮތް މަގަކީ ލިޢާނު ކުރުމެވެ. އެނޫންގޮތަކުންނަމަ ދަރިލައްވާނީ ފިރިމީހާއަށެވެ. އެހެންފިރިހެނަކު އަންހެންމީހާ އާއި އެކު ޖިމާޢުވި ކަމަށް ދަޢުވާކުރިކަމަށްވީނަމަވެސް އެވެ.

އަންހެންމީހާ ކައިވެންޏެއް ނުކޮށްހުއްޓާ ވިހައި، އޭނައާއި އެކު ޒިނޭކުރި ފިރިހެންމީހާ އެދަރިފުޅަކީ އޭނާގެ ދަރިފުޅެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ ދަރިލައްވާނެތޯ ނުވަތަ ނޫންތޯ، މިކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ.

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މި ޙާލަތުގައި ފިރިމީހާއަށް ދަރިއެއް ނުލައްވާނެއެވެ. އެބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެވެ. (الولدللفراش، وللعاهرالحجر)މާނައަކީ: ދަރިލައްވާނީ ތަންމައްޗަށެވެ.(މަންމައަށެވެ). ޒިނޭކުރި ފިރިހެންމީހާއަށް އޮތީ ހިލަގަނޑެވެ.( އޭނާ އަކަށް އެއްޗެއް ނެތެވެ)." އަދި ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޒިނޭގެ ދަރިންގެ މައްސަލަ އެއްގައި އެކުދިންގެ ބައްޕަ އިޢުތިރާފުވެފައިވަނިކޮށްވެސް، ބައްޕަ އަށް ދަރިނުލައްވައެވެ.

ނަމަވެސް އަލްއިމާމު ޙަސަނުލް ބަޞްރީ އާއި އިބްނު ސީރީން، ނަޚަޢީ، ދެކިލައްވާ ގޮތުގައި ފިރިމީހާގެ މައްޗަށް ޒިނޭގެ ޙައްދު ގާއިމް ކުރެވިއްޖެނަމަ ދަރިލައްވާނެއެވެ، އަދި ފިރިމީހާގެ މުދަލުން ވާރުތަވެސް ކުރާނެއެވެ. އެބޭކަލުންގެ ދަލީލަކީ ޖާހިލިއްޔަ ޒަމާނުގައި ވިހެއި ޒިނޭގެ ކުދިންތަކެއް، ޢުމަރުގެފާނު އެކުދިންގެ ބައްޕަ އަށް ލެއްވި ކަމެވެ.

އަލްއިމާމް އަބޫޙަނީފާ ވިދާޅުވަނީ ފިރިހެންމީހާ އޭނާގެ ދަރިއެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ އޭނާ އަށް ދަރިލައްވާނެ ކަމަށެވެ.

ޖުމްހޫރުންގެ (ގިނަ ޢިލްމުވެރިންގެ) ބަހުން ދޭހަވާގޮތުން ޒިނޭގެދަރި ނިސްބަތްވާނީ މަންމައަށެވެ. މަންމަގެ ފަރާތުން ވާރުތަވެސް ކުރާނެއެވެ. އަދި މަންމަގެ އެހެންކުދިންނަކީ އެކުދިންގެ އެއްބަނޑު ކުދިންނެވެ. އަދި އެކުދިން ބައްޕަ އަށް ނިސްބަތެއް ނުކުރެވޭނެއެވެ. އެކުދިންނަކީ އެފިރިހެންމީހާގެ ދަރިޔެކޭވެސް ނުބުނެވޭނެއެވެ. އެފަދަކުދިން ވާނީ އެފިރިހެންމީހާގެ ދޮންދަރިންނަށެވެ. އެހެންނަމަވެސް އެފިރިހެންމީހާއާއި ކައިވެނި ޙަރާމްވާނެއެވެ. އަދި އެފިރިހެންމީހާގެ އެހެންކުދިންނާވެސް ކައިވެނި ޙަރާމްވާނެ އެވެ. ކައިވެނި ޙަރާމްވިނަމަވެސް މަޙްރަމަކަށް ނުވާނެއެވެ. ކައިވެނި ޙަރާމްވާ ކޮންމެ މީހަކީ މަޙްރަމެއް ނޫނެވެ. والله أعلم

2. ނަހަލާލަށް ލިބިފައި ހުރި ދަރިންނަށް ސުވަރުގެއަށް ވަދެވޭނެތަ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ބައްޕަނެތް ކުދިންނަކީ އެކުދިންގެ ޒާތުގައި މަޢުޞޫމް ބަޔެކެވެ. އެކުދިންގެ މައިންބަފައިން ކުރި ނުބައިކަމެއްގެ ސަބަބުން އެކުދިން އެކަމުގެ ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. އެއީ އެކުދިންނަކާ ބެހޭވެސް ކަމެއްނޫނެވެ. ގިޔާމަތްދުވަހުން އެކުދިންނަކީވެސް އެހެންމީހުންނެކޭ އެއްފަދަ ބަޔެކެވެ. ޞާލިޙް ރަގަޅު ޢަމަލުކޮށްފައިވަނީ ނަމަ އަކަމުގެ ހެޔޮ ޖަޒާ ލިބޭނެއެވެ. ނުބައިކަމެއްކޮށްފައިވަނީނަމަ އެކަމެއްވެސް ދެކޭނެއެވެ. މުސްލިމެއްކަމުގައިވާ ޙާލު މަރުވެއްޖެނަމަ ސުވަރުގެލިބޭނެއެވެ. އިންޝާ ﷲ.