މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން އެޗްޑީސީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރޯދަ ބާޒާރު ފެސްޓިވަލް"ގައި ސްޓޯލް ކުށްޔަށް ހިފުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ރޯދަ މަހާ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރޯދަ ބާޒާރު ފެސްޓިވަލުން ސްޓޯލް ކުށްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޖެނުއަރީ 18، 2026 ވާ އާދިއްތަ ދުވަހުން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

އެގޮތުން އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި އާންމުކުރާ ލިންކު މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ފަސްޓު ކަމް-ފަސްޓް ސާވް" އުސޫލުން ޝަރުތު ހަމަވާ ފަރާތްތަކަށް ސްޓޯލް ހިންގުމަށް ދޫކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ފޯމު ހުށަހެޅުމަށް ހުޅުވާލާނީ ޖެނުއަރީ 18، 2026 ވާ އާދިއްތަ ދުވަހުގެ މެންދުގެ 12:00 އިން ފެށިގެން ޖެނުއަރީ 20، 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށްކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓު މެދުވެރިކޮށް ލިބިގެންދާނެކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެެވެ.

އެޗްޑީސީން އަންނަނީ ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަ ކަންކަން އިންތިޒާމުކުރަމުންނެވެ. އެގޮތުން މި އަހަރުގެ ރޯދަ މަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ތަރުކާރީ އާއި މޭވާ ފަސޭހައިން ލިބޭނެ ގޮތަށް "ވަގުތީ ލޯކަލް މާރުކޭޓެއް" ވެސް ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.