މި އަހަރެކޭ އެއްފަދައިން އަންނަ އަހަރުވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭސް ބެހުމަށް ނިންމައިފިއެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ ރޯދަމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބީސީއަކަށް ދޫކުރާނީ މިއަހަރެކޭވެސް އެއްގޮތަށް މަސްދަޅު ކޭހެއް ކަމަށާއި، ބައެއް ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވަނީ ގޭބީސީތަކުގެ މައުލޫމާތު ނަގަންވެސް ފަށާފައިކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މިއަހަރު މަސްދަޅު ކޭހެއް ރޯދަ ހަދިޔާގެ ގޮތުގައި ގޭބީސީތަކަށް ބަހާފައިވާއިރު، މިދިޔަ އަހަރު ވަނީ ސަރުކާރުގެ ހަރަދުގައި ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކޮށްފައެވެ. ކާޑުގެ ބާވަތްތަކުގެ ބަދަލުގައި ނިމުނު ރޯދަ މަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދެއްވާނެކަން ރައީސް އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ބޭއްވި ބޮޑު ޖަލްސާގައެވެ.

ފިނޭންސް މިިނިސްޓްރީން މީގެކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން މިދިޔަ ރޯދަމަހު ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން 108،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހާފައިވެއެވެ.

މީގެއިތުރުން މިދިޔަ ރޯދަ މަހު ސަރުކާރުން ފެން ބިލާއި ކަރަންޓް ބިލުތަކުންވެސް ޑިސްކައުންޓް ދެއްވާފައި ވެއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް އެފަހަރު ދީފައިވެއެވެ.