ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވާއިރު، މިތަކެތި ބެހުން މި މަހުގެ 24 ވަނަ ދުވަހު ފަށާނެ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ގްރޭޓާ މާލޭގެ 15 ތަނަ ތަނަކުން ރޯދަ ހަދިޔާ ދޫކުރާނެކަމަށާއި، ކިއުގައި ނުޖެހި ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގޭނެ ކަމަށެވެ.

އިތުރަށް ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ބޭނުންވާ 118673 މަސްދަޅު ކޭސް މިހާރު ވަނީ ތައްޔާރު ކުރެވިފައިކަމަށާއި، އެއްވެސް ގޭބީސީއެއް އުނިކުރުމެއް ނެތި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެކަމަށެވެ.

ރޯދަމަހު ސަރުކާރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ބެހުމަށް ނިންމާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޯދަ މަހުގެ ކަަރަންޓު ބިލަށް ދައްކަން ޖެހޭ އަދަދު 400 ރުފިޔާއަށް ވުރެ އިތުރު ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރޯދަ މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށެވެ. ބިލަކަށް 400 ރުފިޔާއަށް ވުރެ އިތުރަށް އަރައިފި ނަމަ އިތުރުވާ ބަޔަކީ ބަޔަކީ ޑިސްކައުންޓް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މީގެ ކުރިން އައި ދެ ރޯދަ މަހު ވެސް ކަރަންޓާއި ފެން ބިލުން ވަނީ ޑިސްކައުންޓް ދީފައެވެ. ހަމައެއާއެކު މިދިޔަ ރޯދަ މަހުވެސް ކޮންމެ ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ދީފައެވެ. އެގޮތުން ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައި ވެއެވެ.