ދީނީ ގޮތުން މިޔުޒިކް އަޑުއެހުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު:

الحمد لله وحده، والصلاة والسلام على من لا نبي بعده.

ތިމާގެ ހަވާނަފްސާއި އެއްގޮތަށް، އެއްވެސް ދަލީލެއްގެ މައްޗަށް ބިނާނުކޮށް ދީނުގައި ހުއްދައް ކަމެއް ޙަރާމްކުރުން، ނުވަތަ ޙަރާމްކަމެއް ހުއްދައްކުރުން މިއީ އެއްވެސް މީހެއްގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَلاَ تَقُولُواْ لِمَا تَصِفُأَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَىاللّهِ الْكَذِبَ) (النحل:116) މާނައީ: "މާތް ﷲއާއިމެދެ، ދޮގުތައް އުފައްދައިގެން ހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ސިފަކޮށްދައްކާ ދޮގުތަކާއިމެދެ، މިއީ ޙަލާލު އެއްޗެކޭ، މިއީ ޙަރާމްއެއްޗެއްކޭ،(ނުވަތަ ކަމެކޭ) މިހެން ކިޔައި ނުއުޅޫށެވެ! "ވީމާ ކަނޑައެޅިގެން ޤުރުއާނާ ޙަދީޘުން ޙަރާމް ކަމެއްކަން އެނގޭ ކަމެއްގައި ޙަލާލޭ ބުނާމީހަކު އެކަމަށް ޙުއްޖަތް ދައްކަން ޖެހޭނެއެވެ. ހަވާނަފުސަށް ތަބަޢަވެ މިވެނިކަމެއް ޙަލާލޭ އެވެނި ކަމެއް ޙަރާމޭ ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ސަބަބަކީ ކަންތައް ޙަލާލުކުރައްވާ، ޙަރާމް ކުރައްވާ ފަރާތަކީ ހަމައެކަނި އެއްކައުވަންތަ ﷲ އެވެ.

އެގޮތުން ސުވާލުގައި ވިދާޅުވެފައިވާ ލަވަޔާއި މިއުޒިކުގެ ޙުކުމާ ބެހޭގޮތުން ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާގެ ޙަދީޘްފުޅުތަކާއި އަދި މިއުއްމަތުގެ އިސްވެ ގޮސްފައިވާ ދަންނަބޭކަލުންނާ ފަހުގެ ދަންނަބޭކަލުންގެ ބަސްފުޅުތައް މިތަނުގައި ބަޔާންކޮށްދޭނަމެވެ.

ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ[لقمان:6] މާނައީ " އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކު ވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އެބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ." އަދި އިމާމް އިބްނި ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު މިއާޔަތާއި މެދު ވިދާޅުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ލަވައެވެ. އަދިވެސް މިފަދައިން ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އިބްނު ޢައްބާސާއި، މުޖާހިދާއި، ޘައުރީ އާއި މަކްޙޫލް ރަޟިޔަﷲ ޢަންހުމް ފަދަ ބޭފުޅުން ހިމެނެއެވެ.

އަދިވެސް ﷲ އަލް އިސްރާ ސޫރަތުގައި ވަޙީކުރައްވާފައި ވެއެވެ. وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ[الإسراء:64] މާނައީ " އަދި އެބައިމީހުންގެ ތެރެއިން، ކަލެއަށް (ޝައިޠާނާއަށް) ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވާ ހެއްލުން ތެރިކުރާށެވެ! "ތަފްސީރު ޢިލްމުވެރިންގެ ތެރެއިން އިބްނު ކަޘީރާއި އިބްނު ޖަރީރް ރަޙިމަހުމުﷲ ފަދަބޭފުޅުން ވިދާޅުވަނީ އެތަނުގައި ޝައިޠާނާގެ އަޑޭ އެވާ ބަހުގެ މުރާދަކީ ލަވައެވެ. މިފަދަ އެތައް އާޔަތަކުން ޢިލްމުވެރިން އިސްތިދްލާލު ކުރައްވައެވެ.

ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކަށް ބަލާލާއިރު މިކަމަށް ދަލީލުކޮށްދޭ ބަސްފުޅުތައް ނުހަނު ގިނަ ގުނައެވެ. އެގޮތުން ކޮންމެވެސް ވަރެއް ބަޔާންކޮށްލާނަމެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ.))ليكونن من أمتي أقوام يستحلون الحروالحرير والخمر والمعازف(((رواهالبخاريفي صحيحهمعلقاً بصيغة الجزم) މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކު މީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ".)) صوتان ملعونان في الدنيا والآخرة: مزمار عند نعمة، ورنة عندمصيب(((روىالبزارفي مسنده،صححهالألبانيفي تحريمآلات الطرب) މާނަޔަކީ: "ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލެއްވިގެންވާ ދެއަޑެއް ވެއެވެ. އެއީ ނިޢުމަތެއް (އުފާވެރިކަމެއް) ލިބޭހިނދު އިވޭ އަޑަކާއި، މުޞީބާތެއް (ހިތާމައެއް) ލިބޭހިނދު އިވޭއަޑެކެވެ. "ޢިލްމުވެރިން ވިދާޅުވާ ގޮތުންނަމަ، އުފާވެރިކަމެއް ދިމާވާ ހިނދު އިވޭ އަޑެކޭ ބުނެވޭ ބަހުގެ މުރާދަކީ އުފާވެރި މުނާސަބަތު ތަކުގެ ނަމުގައި ކިޔޭ ލަވަތަކާއި ކުޅެވޭ މިއުޒިކާއި ނެށުމުގެ ވާހަކައެވެ. އެހެނެއް ކަމަކު އުފާވެރިކަމެއް ދިމާވާ ހިނދު ޝުކުރު ދަންނަވަން ޖެހޭނީ އެއްކައުވަންތަ ﷲ އަށެވެ. ލަވަޔާ މިއުޒިކަކުން ނޫނެވެ.))في هذه الأمة خسف ومسخ وقذف، قالرجل من المسلمين: يا رسول الله، ومتى ذلك؟ قال: إذا ظهرت القينات والمعازف وشربتالخمر((رواهالترمذيوصححهالألبانيމާނައީ: "މިއުންމަތުގެ ތެރެއިން ބަޔަކު ޤަޛުފް ކުރެވި، ސިފަބަދަލުވެ، ބިމަށް ގަންބަވައި ގަނެވޭނެއެވެ. އެހިނދު މުސްލިމުންގެ ތެރެއިން މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެއީ ކޮން އިރަކުން ތޯއެވެ؟ އެހިނދު ޙަދީޘްފުޅުކުރެއްވިއެވެ. ރާބުއިމާއި މިއުޒިކުސާމާނާއި އަޅުން ޢާއްމު ވުމުންނެވެ."))ليشربن ناس من أمتي الخمر يسمونهابغير اسمها، وتضرب على رؤوسهم المعازف والمغنيات، يخسف الله بهم الأرض، ويجعل منهمالقردة والخنازير(((صححهالألبانيفي غايةالمرام)

މާނައީ: " ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުން ލަވަކިޔާނެއެވެ. ﷲ އެބައި މީހުން ބިމުގެ ޢަޑިއަށް ގަންބަވާނެތެވެ. އަދި އެބައި މީހުންގެ ތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ."

މިހިސާބުން މިބަލައިލަނީ މިމައްސަލާގައި ކުރިޔާއި ފަހުގެ ބައެއް ދަންނަ ބޭކަލުންގެ ބަސްފުޅުތަކަށެވެ.

ފަހެ މިއުއްމަތުގެ ކުރީގެ ދަންނަށް ބޭކަލުން ވަނީ ދުއްފު (ތާރަ) ފިޔަވައި އެހެން ހުރިހާ މިޔުޒިކް ސާމާނަކީ ޙަރާމް އެއްޗެތިކަމަށް އިޖުމާޢް ވެލައްވާފައެވެ. މިއީ އިޖްމާޢެއް ކަމަށް ދަންނަވާފައިވާ ޢިލްމުވެރިންގެ ތެރޭގައި އަބޫ ޠަބީބު އައްޠަބަރީ، އިމާމް ޤުރުޠުބީ، އިބްން ރަޖަބް، އިބްން ޞަލާޙް އަދި އިބްން ޙަޖަރު އަލްޙައިތަމީ ރަޙިމަހުމުﷲ ފަދަ ބޭކަލުން ހިމެނެއެވެ. މުއުމިނުންގެ ޚަލީފާ އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައި ވެއެވެ. "ލަވަޔާ މިޔުޒިކަކީ ޝައިޠާނާގެ އަޑެވެ."، އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައި ވެއެވެ. "ފެނުގެ ސަބަބުން ވިނަ ހެދޭ ފަދައިން ލަވައިގެ ސަބަބުން ހިތުގައި ނިފާޤްކަން އުފެދެއެވެ. އަދި ލަވަޔާއި މިޔުޒިކު ހަރާމް ވުމުގެ އެންމެ ބޮޑު އެއް ޙިކުމަތަކީ ﷲ ތަޢާލާގެ މަތިން ޣާފިލު ވުމެވެ." ހަމަ އެފަދައިން ޢުމަރުބިން ޢަބްދުލް ޢަޒީޒު ވިދާޅުވެފައި ވެއެވެ. "ލަވަޔާ މިޔުޒިކުގެ ފެށުން ވަނީ ޝައިޠާނާގެ ގާތުންނެވެ. އޭގެ ނިމުންވަނީ އައްރަހުމާނުގެ (ﷲ) ކޯފާއިންނެވެ."

އަދި ޝައިޙުލް އިސްލާމް އިބްނު ތައިމިޔާ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. ހަތަރު މަޒުހަބުގެ (ޙަނަފީ، މާލިކީ، ޝާފިޢީ އަދި ޙަންބަލީ) ޢިލްމުވެރިންގެ އަރިހުގައި ހުރިހާ މިޔުޒިކު ސާމާނަކީ ވެސް ޙަރާމް އެއްޗެކެވެ. (مجموع الفتاوى: 11/576)

އިމާމް އަބޫޙަނީފާ ރަޙިމަހުﷲ ލަވަޔަށް ނުރުއްސަވައެވެ. އަދި އެއީ ފާފައެއް ގޮތުގައި ހިމަނުއްވައެވެ. ހަމައެފަދައިން ކޫފާގެ އަހުލުވެރިންގެ މަޛްހަބަކީވެސް އެއީއެވެ. އޭގެތެރޭގައި ސުފްޔާންއާއި، ޙައްމާދާއި، އިބްރާހީމާއި، ޝަޢްބީ ރަޙިމަހުމުﷲ ފަދަބޭކަލުން ހިމެނިވަޑައިގަންނަވައެވެ. މިބޭކަލުންގެ މެދުގައި މިކަމުގައި ޚިލާފެއް ނުވެއެވެ. އަދިހަމަ އެފަދައިން ބަޞަރާގެ އަހުލުވެރިންގެ ތެރޭގައިވެސް މިކަމުގަ ޚިލާފެއް ވާކަމެއް އެނގިފައި ނުވެއެވެ. އަދި އިބްނުލް ޤައްޔިމް ރަޙިމަހުﷲ އިޣާޘަތުލް ލަހްފާންގައި ވިދާޅުވެފައި ވެއެވެ. މިޔުޒިކު ޙަރާމްކަމުގައި ދެކޭ އެންމެ ހަރުކަށި މަޒުހަބަކީ އަބޫ ޙާނީފާގެ މަޒްހަބެވެ. އެކަލޭގެފާނުގެ ބަސްފުޅު މިކަމުގައި އެންމެ ހަރުކަށި ބަސްފުޅު ތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެކަލޭގެފާނުގެ މަޒްހަބުގެ ބޭފުޅުން ވަނީ މިފަދަ ހުރިހާ އެއްޗެއް އަޑުއެހުން ޙަރާމްވާނޭ ކަމަށް ޞަރީޙަ ބަހުން ވިދާޅުވެފައެވެ. އަދި އެއީ ކަނޑައެޅިގެން އުރެދުމެއް ކަމަށާއި އެމީހެއްގެ ހެކިބަސްވެސް ބަލައި ނުގަނެވޭނެ ކަމުގައި ވިދާޅުވެއެވެ. އަދި އެއަށްވުރެވެސް ހަރުކަށިކޮށް އެބޭފުޅުން ވިދާޅުވެފައި ވެއެވެ. "އެ އަޑު އެހުމަކީ ފާސިޤު ކަމެކެވެ. އެއިން ލައްޒަތު ލިބިގަތުމަކީ ކުފުރެކެވެ." މިއީ ކަނޑައެޅިގެން އެބޭފުޅުންގެ ބަސްފުޅެވެ. އިމާމް މާލިކް ވަނީ ލަވަޔާއި މިޔުޒިކު ކުޅުމާއި އަޑުއެހުން މަނާ ކުރައްވާފައެވެ. އަދި ވިދާޅުވެއެވެ. ތިމަންނަމެންގެ ތެރެއިން އެކަންކުރަނީ ފާސިޤުންނެވެ. އަދި އިމާމް ޝާފިޢީ ރަޙިމަހުﷲ އާދާބުލް ޤަޟާގައި ވިދާޅުވެފައި ވެއެވެ. ހަމަކަށަވަރުން ލަވަޔަކީ މަކްރޫޙަވެގެންވާ ބޭކާރު ވާހަކައެވެ. އަދި އެ އެއްގޮތް ވެގެން ވަނީ ބާޠިލާއެވެ. އެކަން ގިނަކޮށްފި މީހާ އަކީ މޮޔައެކެވެ. އަދި އޭނާގެ ހެކިބަސް ޤަބޫލު ނުކުރެވި ރައްދުކުރެވޭ ހުއްޓެވެ. އަދި އެކަލޭގެފާނުގެ މަޒުޙަބުގެ މަޝްހޫރު ޢިލްމުވެރިން އެކަން ޙަރާމް ކުރައްވައެވެ. އަދި އެކަލޭގެފާނު ލަވަ ހުއްދަކުރާ ކަމަށް ބުނާމީހުން (ޤާޟީފަދަ ބޭކަލުން) ގެބަހަށް އިންކާރު ކުރައްވައެވެ. އިމާމް އަޙްމަދު ރަޙިމަހުﷲގެ އަރިހުން ޔަތީމުން ތަކަކަށް ވާރުތަ މުދަލުގެ ގޮތުގައި ވާރުތަވެފައިވާ ލަވަކިޔާ ޖާރިޔާއެއް ވިއްކުމާއި ބެހޭގޮތުން ސުވާލު ކުރުމުން ދެއްނެވިއެވެ. އޭނާ ނުވިއްކާ ހުށިކަމެވެ. އެހެނެއް ކަމަކު އޭނާއީ އާދައިގެ ދެރަ މީހެއްގެ ގޮތުގައި ވިއްކާލާށެވެ. ޝައްކެއް ނެތް ގޮތުގައި ލަވަޔާއި ގުޅުން ހުރި މީހެއްގެ ގޮތުގައި އެކުއްޖާ ވިއްކިނަމަ ބޮޑު އަގުގައި ވިއްކުނީހެވެ. ނަމަވެސް އެކަލޭގެފާނު އެކަން ހުއްދަ ނުކުރައްވާތީވެ ދަށް އަގުގައި ވިއްކުމަށް އަމުރު ކުރެއްވީއެވެ.( غذاء الألباب في شرح منظومة الآداب)

އަދި އަލް އިމާމް ޤުރުޠުބީ ރަޙިމަހުﷲގެ ކިބައިން ނަގުލުވެގެން ވެއެވެ. "ބެރާއި މިޔުޒިކު ސާމާން ކުޅުމާއި އަޑުއެހުން ޙަރާމް ކަމާމެދު އެއްވެސް ޙިލާފެއް ނުވެއެވެ. އަދި އިތުބާރު ހިފޭ ސަލަފުންގެ (ކުރީގެ) އަދި ޚަލަފުގެ (ފަހުގެ) އެއްވެސް އިމާމެއްގެ ކިބައިން ލަވަ ހުއްދަކުރަނިކޮށް އަހުރެން އަޑެއް ނާހަމެވެ. ފަހެ ކީއްވެތޯ ޙަރާމް ނުވާންވީ! އެއީ ރާބޯ މީހުންނާއި ފާސިޤުންގެ ޝިޢާރެވެ. އަދި ފަސާދައާއި ޝަޙުވަތް ޙަރަކާތް ކުރުވަނިވި އެއްޗެއްސެވެ."

ފަހުގެ ޢިލްމުވެރިންގެ ތެރެއިން ސަމާޙަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވަނީ ލަވަ އަޑުއެހުމަކީ ޙަރާމްވެގެންވާ މުންކަރާތެކެވެ. އަދި އެއީ ހިތުގެ ބަލިމަޑުކަން އިތުރުވެ ހިތް ހަރުވެ ﷲ ތަޢާލާގެ މަތިން ހަނދުމަ ނެތިކޮށްލާ ކަމެކެވެ.

އަދި ޢައްލާމާ ނާޞިރުއްދީން އަލް އަލްބާނީ ރަޙިމަހުﷲ މިއުޒިކް ސާމާނު ހުއްދަ ކުރާނޭ ބަޔަކު އަންނާނޭ ކަމަށް ވާ ޙަދީޘާ ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ. ޙަދީޘްގައި މިއުޒިކް ސާމާނު ކަނޑައެޅިގެން ޙަރާމްކަމަށް ދަލީލު ކޮށްދެނީ އެޙަދީޘްގައިވާ އެހެނިހެން ކަންތައް ކަނޑައެޅިގެން ޙަރާމް ވުމުންނެވެ. އެގޮތުން ޒިނޭކުރުމާ ރާބުއިން ހިމެނެއެވެ.

މިހުރިހާ ބަސްފުޅުތަކާއި ދަލީލުތަކުން މިކަމުގެ ޙުކުމް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ނަމަވެސް މިހިސާބުން ޢިލްމު ވެރިން މިކަމުގެ ޙުކުމް ބައްސަވާފައިވާ ތަރުތީބު ހާމަ ކޮށްލާނަމެވެ.

ޝަރުޢީގޮތުން ލަވައިގެ ޙުކުމަށް ބަލާލާއިރު މިޔުޒިކާއެކު ކިޔާފައިވާ ލަވައެއްނަމަ ފިރިހެނުން އަދި އަންހެނުންގެ މައްޗަށް ޙަރާމް ކަމަށް ޢިލްމުވެރިން ވަނީ އިޖުމާޢް ވެފައެވެ. ހަމައެކަނި އިސްތިސްނާ ވެގެންވަނީ ތާރަ އާއި މެދުގައެވެ. އަދި ތާރައާއި ބެހޭގޮތުން ޢިލްމެރިންގެ އެންމެ ޞައްޙަ ގޮތަކީ އަންހެނުންނަށް ޢީދުގަޔާއި ކައިވެނި ޕާޓީ ތަކުގައި ހުއްދަކަމަށެވެ. އެކަމަކު އޭގައި ޝަރުޠު ވެގެންވަނީ ފާޙިޝް ނޫން ބަސްތަކަކާއި އެކު ބޭނުންކުރުމެވެ. އަދި އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ބަސްތަކެއް ކަމުގައި ވުމާ އެކު ނަފްސުގެ ޣަރީޒާ ތަކާ ކުޅެލާ ބަސްތަކެއް ކަމުގައި ނުވުމެވެ. ދެން އޮތީ ލަވަ މިޔުޒިކާއި ނުލައި ކިޔުމުގެ ޙުކުމެވެ. މި ބެހިގެން ދަނީ ދެބަޔަކަށެވެ. ލަވަކިޔާ މީހާއަކީ އަންހެނަކު ކަމުގައި ވެ އަޑުއަހާ މީހާއަކީ ފިރިހެނެއް ކަމުގައި ވާނަމަ މީގެ ޙަރާމް ކަމާއިމެދެ އެއްވެސް ޝައްކެއް ނުވެއެވެ. މީގެ މިސާލަކީ އަންހެނަކު ބަންގިގޮވުން ދީނުގައި މަނާވެގެން ދާފަދައެވެ. ދެވަނަބަޔަކީ ފިރިހެނުން ކިޔާލަވައެވެ. ފަހެ އެ ކިޔޭ ލަވަޔަކީ ހެޔޮކަމަކަށް ގޮވާލައި، އަދި އެކަމުގައި ހެޔޮބަސްތައް އެކުލެވިގެންވާ ނަމަ ބައެއް ޢިލްމުވެރިން މިކަން ހުއްދައް ކުރައްވައެވެ. އަދި ބައެއް ޢިލްމުވެރިން މަކްރޫހަކަމެއްގެ ގޮތުގައި ދެކިލައްވައެވެ. އަދި ޚާއްޞަކޮށް އެކަމަށް އަގު ނަގާމަނަމައެވެ. މިކަމުގައިވެސް ޢިލްމުވެރިންގެ އެންމެ ޞައްޙައް ބަސްފުޅަކީ، އެއީ ޝިޢްރު (ޅެން) ނަވަތަ މަދަޙަ ފަދަ އެއްޗެއް ކަމުގައިވެ އަދި އޭގައި ހެޔޮ ބަސްތަކެއް އެކުލެވިގެން ވާނަމަ ހުއްދަ ކަމުގައި ދެކުމެވެ. ނަމަވެސް މިފަދައިން ކިޔޭ ޅެންފަދަ ތަކެއްޗަކީ ފާޙިޝް ކަމާއި މުންކަރާތާއި އަންހެނުންނައް ހިތްކިޔާ އަދި ހަޑި ހުތުރު ބަސްތަކެއް ކަމުގައި ވަނީ ނަމަ ޙަރާމްވެގެންވުމެވެ.

މިހިސާބުން މިބަލާލަނީ ލަވަޔާއި މިއުޒިކަކީ ހުއްދައެއްޗެކޭ ބުނާ ބައެއްގެ ވާހަކަޔަށެވެ. އެބޭފުޅުންނަށް ދަންނަވާލަން އޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތުންނާއި، އެކަލާނގެ ރަސޫލާގެ ސުންނަތުންނާއި މިއުންމަތުގެ ކުރިޔާ ފަހުގެ ޢިލްމުވެރިންނާ އިމާމުންގެ ބަސްފުޅުތަކުން މިއީ ހުއްދަ ކަމެއް ނޫންކަމަށް ގެނެސް ދެވުނު ދަލީލިތައް މަދު ތޯއެވެ؟ އެދަލީލު ތަކުގެ މައްޗަށް ބާރު ގަދަވާނޭ ދަލީލު ތަކެއް ނިކަން ގެންނަވާށެވެ. ފަހެ އިހުގެ ޢިލްމު ވެރިންގެ ތެރެއިން އަލް ޤާޟީ އަބޫބަކްރުބިން އަލް ޢަރަބީ އާއި، އަލް އިމާމް އިބްނު ޙަޒްމު ރަޙިމަހުމަﷲ އާއި ދެބޭކަލުންގެ ބަސްފުޅު ނޫން އެއްޗެއް ތިޔަބޭފުޅުން ނަށް ފެންނަން ނެތީ ތޯއެވެ؟ އިސްވެ ބަޔާންވެ ދިޔަ ހުރިހާ ބޭކަލުންގެ ބަސްފުޅުތަކާއި ދަލީލުތަކުގެ މައްޗަށް އެ ދެ ބޭކަލުންގެ މަދު ބަސްފުޅެއް ކުރި ހޯއްދެވީ ކޮން އިންޞާފަކުން ތޯއެވެ؟ ހަވާނަފުސާ، ޝައިޠާނާގެ ވަސްވާސްތައް ދޫކޮށް ޙައްޤައް އަވަހަށް ރުޖޫޢަވަމާ ހިންގަވާށެވެ. ﷲ ތަޢާލާ އެކަލާނގެއަށް ރުޖޫޢަވާ މީހުން ދެކެ ލޯބިވެ ވޮޑިގަންނަވައެވެ.

މިހިސާބުން ނިންމާލުމުގެ ކުރިން މިކަމުގައި އޮތް އެއްމެ ހެޔޮ ބަދަލަކީ، ނުވަތަ ލަވަޔާއި މިއުޒިކުގެ ބަދަލުގައި އަޑުއަހާ، ބައިވެރިވާން ވީ ކޮންކަމެއްގައިތޯ ފާހަގަ ކޮށްލާނަމެވެ. އެގޮތުން ބަލާއިރު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަރަށް ފުރިހަމަ ބަދަލެއް އަޅުގަނޑުމެން މުސްލިމުން ނަށް ދެއްވާފައެވެ. ލަވަޔާ މިއުޒިކް އަޑުއަހާ ބައެއްގެ ޙުއްޖަތަކީ އެއީ ހިތްހަމަޖައްސާލަދީ ނަފުސަށް އަރާމު ގެނެސްދޭ ކަމެއްކަމަށް ބުނުމެވެ. އަޅުގަނޑުމެން ހެއްދެވިފަރާތް އަޅުގަނޑުމެނަށް ހިތްހަމަ ޖެހުން ލިބޭނޭ ކަންތަކާ ގޮތްތައްވެސް މާމޮޅަށް ދެނެވޮޑިގަންނަވާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ[الرعد:28]މާނައީ:"ދަންނާށެވެ. ހިއްތަކަށް ހަމަޖެހުންވަނީ ﷲ ހަނދުމަ ކުރުމުންނެވެ. "އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.فَاذْكُرُونِي أَذْكُرْكُمْ[البقرة:152] މާނައީ:" ތިޔަބައިމީހުން ތިމަން ﷲގެ މަތިން ހަނދުމަ ކުރާށެވެ. އޭރަށް ތިމަން ﷲ ތިޔަބައިމީހުންގެ މަތިން ހަނދުމަ ކުރާ ހުށީމެވެ"

ވީމާ ﷲ ގެ މަތިން ހަނދުމަކުރުމަކީ މިއުޒިކުގެ ބަދަލުގައި އަޅުގަނޑުމެނަށް އޮތް އެންމެ ފުރިހަމަ ޙައްލެވެ. އެގޮތުން ފަސްވަގުތު ނަމާދު ކުރުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. އަދި ހެނދުނާ ހަވީރުގެ ޒިކުރުތަކާ ދުޢާތައް ކިއުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. ގިނަ ގިނައިން ކީރިތި ޤުރުއާން ކިޔެވުމާއި ދީނީ ފޮތްތައް ކިޔުމާއި ވައުޟާ ނަޞޭޙަތް އަޑުއެހުމަކީ ހައްތާވެސް ޝައިޠާނާގެ މަގުން އެއްކިބާ ކޮށްދީ ގަދަ ކީރިތިވަންތަ، އަޅުގަނޑުމެންނަށް ހުރިހާ ނިޢުމަތެއް ދެވަވާ ޚާލިޤުވަންތަ ޖައްބާރުވަންތަ ﷲ ގެ މަތިން ހަނދުމަ ކޮށްދޭނޭ ކަންތައްތައްކަން ޔަޤީނެވެ. وما علينا إلا البلاغ المبين(އެމް ވީ އިސްލާމް ކިޔޫ އޭ އިން ނަގާފައި)