ޖިހާދުކުރުމަކީ އެ ބައެއްގެ އަމިއްލަ ގައުމުގައި ތިބެގެން ދީނާއި ގައުމުގެ ދިފާއުގައި ކުރާ ހަނގުރާމަކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ މައުމޫން ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އިހްޔާ ޕްރޮގްރާމުގައި ރައީސް މައުމޫން ވާހަކަ ފުޅު ދެއްކެވީ އިސްލާމް އަދި ޖިހާދާއި ބެހޭ ގޮތުންނެވެ. އެމަނިކުފާނުނގެ ވާހަކަފުޅުގައި ދިވެހިން އެހެން ގައުމުަތަކަށް ގޮސް ހަނގުރާމަކުރުމަކީ އެއްވެސް ހާލެއްގައި ޖިހާދެކޭ ނުބުނެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ހަނގުރާމަ ކުރުމުގެ ހުއްދަ ހިޖުރީގޮތުން ދެ ވަނަ އަހަރު ދިނީ އަމިއްލަ ވަޒަނާއި ދީނުގެ ދިފާއުގައި ބަޔަކު ހަމަލާދިނުމުން އެކަމުން ސަލާމަތްވުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ، އިސްލާމްދީނުގައި ދިފާއުގައި ޖިހާދުކުރުން ވާޖިބު ވަނީ އަދުއްވުންގެ ބަޔަކު، މުސްލިމް ގައުމަކަށް އަރައިގަނެ މުސްލިމުންނާ ހަނގުރާމަކޮށް އެ މީހުން ނިކަމެތިކުރަން މަސައްކަތްކުރާ ހާލަތުގައި ކަމަށެވެ. އަދި އަމާންކަމާއި ސުލްހަ މަސަލަސްކަމާއެކު އަމިއްލަ ގައުމުގައި ތިއްބައި ގައުމަށް އަރައިގަނެ، ގެދޮރުން ނެރެލަން މަސައްކަތް ކޮށްފިއްޔާ އެއީ ޖިހާދުކުރުމުގެ ވަގުތު ޖެހުނީ ކަމަށާއި އެވަގުތު އެންމެން ނިކުމެ އެ މީހުން ބަލިކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް، ބަޔަކާ ދެކޮޅަށް އިސްވެ ހަނގުރާމަކުރުމަކީ އިސްލާމްދީނުގައި ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އަމާންކަމާއެކު ދިރިއުޅެމުން ދަނިކޮށް އެއްވެސް ބޭނުމެއްގައި އެތަނަށް އަރައި ހަނގުރާމަކޮށްގެން ނުވާނެ ކަން އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

މީގެ އިތުރުން ދީން ކުރިއެރުވުމުގެ ނަމުގައި ހަނގުރާމަކޮށްގެން ނުވާނެކަމަށް ރައީސް މައުމޫނު ވިދާޅުވީ ގިނަ އަދަދެއްގެ ދިވެހީން ސީރިޔާގައި ކުރާ ދާހިލީ ހަނގުރާމައިގައި ބައިވެރިވަމުން ދަނިކޮށެވެ. އޭގެ ތެރެއިން ބައެއް މީހުން މމި ހަނގުރާމައިގައި މަރުވެފައިވާއިރު އެ ގައުމުގައި އެތައް ދިވެހީންނެއް ޔަތީމުވެފައި ވެއެވެ. އަދި ޔަތީމު ވެފައިވާ މީހުންގެ އޭގެ ތެރެއިން ބައެއް މީހުން ގެނައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ މީހުން އަދި އެމީހުންގެ އާއިލާތަކުން ދަނީ ކަމާބެހޭ ފަރާތްތަކަށް އެދެމުންނެވެ.