ކައުންސިލްތަކުގެ މާލީ ބާރު ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނައުމަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ ތާއީދާއެކުގައެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ 8 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ކައުންސިލުގެ ދައުރު ހަމަވާން ބާކީ އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށޭނީ ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކައުންސިލުތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓުތައް ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށާއި އަދި އެ މިނިސްޓްރީއިން އެދިއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓްތައް ދޭންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ވަކި ޝަރުތުތަކެއް ހުންނަންވާނެއެވެ. އެއީ އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސޯދީ މަސައްކަތެއް ކަމުގައި ނުވުމާއި އެ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމުގައިވުމުގެ އިތުރުން އެ މަސައްކަތުގެ އިންވެސްޓްމެންޓް 10،000،000ރުފިޔާއަށްވުރެ ބޮޑުވުމެވެ.

އެ ޝަރުތުތައް ހަމަނުވާ މަސައްކަތެއް މިހާރު ކުރަމުންދާނަމަ، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެއެވެ.