ސްރީލަންކާގެ އެކި ހިސާބުތަކުގައި މުސްލިމުންނާ، މުސްލިމުންގެ މުދަލާ ތަކެއްޗަށް ދެމުންދާ ގެއްލުންތަކުގެ ތެރެއިން، އެގައުމުގައި ހިންގާ އެންމެ ބޮޑު އެއް ޕާސްތާ ކާރުހާނާވެސް ސުންނާފަތިކޮށް ބިމާ ހަމަކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި އުފެދުނު ދެބަސްވުންތަކެއް ހޫނުވެ، އާދީއްތަ ދުވަހުން ފެށިގެން މުސްލިމުންނާ ދެކޮޅަށް ސްރީލަންކާގެ އެކި ޖަމާއަތްތަކުން ދެމުންދާ ހަމަލަތަކާ ގުޅިގެން މުޅި ސްރީލަންކާގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ނަމަވެސް ވެރިރަށް ކޮޅަނބާއި ދާދި ކައިރި ޕްރޮވިންސެއްގައި ހިންގާ ހަމަނުޖެހުންތައް އިންތިހާއަށް ގޯސްވެފައިވާއިރު، އެސަރަހައްދުގައި ދިރިއުޅެމުންދާ މުސްލިމުންނާ، މުސްލިމުންގެ މުދަލާތަކެއްޗަށް ދެމުންދާ ގެއްލުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ލިބެމުންދާ މައުލޫމާތަށް ބަލާއިރު މިވަގުތު ސްރީލަންކާގައި ހިންގާ ޕާސްތާ ކާރުހާނާ ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކާރުހާނާގެ އޯނަރަކީ މުސްލިމެކެވެ. މުސްލިމުންގެ ވިޔަފާރިތައް ލޫޓުވާ، ގެއްލުންދިނުމުގެ ސިލްސިލާ އޮއެވަރެއް ފެށިފައިވާއިރު، މި ކާރުހާނާ ސުންނާފަތިކޮށްލާފައިވަނީ ސަލާމަތީ ބާރުތަކުން އެސަރަހައްދުގައި ފޯރިމަރަމުން ދަނިކޮށްކަމަށް މައުލޫމާތު ލިބެއެވެ.

ޑައިމަންޓް ޕާސްތާ ޕްރައިވެޓް ލިމިޓަޑްގެ އޯނަރު އަޝްރަފު ޖިފްތީ، ފޯނު މެދުވެރިކޮށް އޭއެފްޕީއާއި ވާހަކަ ދައްކަމުން ބުނީ، އޭނާގެ ކާރުހާނާއަށް ގެއްލުން ދިން މީހުން ހުއްޓުވުމަށް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.

މައުލުމާތު ލިބޭ ގޮތުގައި ކާރުހަނާ އަންދާއަޅިއަށް ހަދާފައިވަނީ ރޯކޮށްފައިވާ ޓަޔަރު އެ ކާރުހާނާތެރެއަށް އުކައިގެންނެވެ. މި ހަމަލާތައް ދީފައިވަނީ ކޮންބައެއްކަން އަދި ހޯދިފައި ނުވާއިރު، ސަލާމަތީ ބާރުތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރަމުން ނުދާކަމުގެ ތުހުމަތާ، ޝަކުވާ، ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުން މިހާރުވެސް ވަނީ އުފުލާފައެވެ.

ޕާސްތާ ކާރުހާނާއަށް ދިން ހަމަލާތަކުގައި، އެ ކާރުހާނާއި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 3 މުވައްޒަފަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށްވެސް އެ ކާރުހާނާގެ އޯނަރުވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ކިޔައިދީފައެވެ.

މިކާރުހާނާގެ އޮޕަރޭޝަންތައް ފެށިތާ ވާނީ މަދު މަސްކޮޅެއް ކަމަށް ޚަބަރު ލިބެއެވެ.

ސިޔާސީ މުރާސިލުން ސިފަކުރާ ގޮތުގައި ސްރީލަންކާގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ ސީޔާސީ ގޮތުން ކުޅެމުންދާ ކުޅިގަނޑެކެވެ. ނަމަވެސް މިފަދަ ދޭތެރެޖެހޭ ފަދަ ވާހަކަތަކާ ޚަބަރުތަކަށް ނުހެއްލުމަށް ސްރީލަންކާގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ސްރީލަންކާގައި މިރޭވެސް ކާފިއު އިއުލާންކޮށްފައިވާއިރު، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ކިޔަމަންވެ އިހުތިރާމުކުރުމަށް ދިވެހި ޚާރިޖިއްޔާއިންވަނީ ގޮވާލާފައެވެ.