ރޯދަމަހާ ދިމާކޮށް އަމީނިއްޔާގެ ދަރިވަރުންނަށް ގުރުއާން ކިޔެވުމާއި ހަތިމު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެ ސްކޫލުން މި ޕްރޮގްރާމް ހިންގަނީ ރޯދަމަހަކީ އަޅުކަމުގެ މައްސަރަކަށް ވީ ހިނދު، ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމުގެ ބޭނުމުގައެވެ. ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިން ވެސް މި ޕްރޮގްރާމްގައި ބައިވެރިވި އިރު، މިދިޔަ ބްރާސްފަތި ދުވަހުން ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މި ހަފްތާގެ ނިޔަލަށް އެ ސްކޫލްގެ ހޯލްގައެވެ.
މި އަހަރުގެ ރޯދަމަހާއި ދިމާކޮށް އަމީނިއްޔާ ސްކޫލުން މި ޕްރޮގްރާމް ބާއްވަނީ އެ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބިލްގެ މުނާސަބަތާއި ވެސް ގުޅުވައިގެންނެވެ. އަމީނިއްޔާ ސްކޫލުން ދަނީ އެ ސްކޫލުގެ އަލިމަސް ޔޫބިލާ ދިމާކޮށް އެތައް ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން އަލިމަސް ޔޫބީލްއާ ދިމާކޮށް އެ ސްކޫލުން ހާއްސަ ލަވައެއްވެސް ވަނީ ހަދާފައެވެ. އަދި އެ ސްކޫލުން ވަނީ އާންމުކޮށް ހުޅުވާލައިގެން ލޯގޯ ހެދުމުގެ ޕްރޮގްރާމެއް ވެސް ބާއްވާފައެވެ.
މުޅި އަހަރު ދުވަހު ކުރިއަށްދާ މި ހަރަކާތްތަކުގެ ތެރޭގައި ގްރޭންޑް ރަން އަކާއި، ފެއާއެއް އަދި މުސްކުޅި ދަރިވަރުންނާ އަދި މިހާރުގެ ދަރިވަރުން ހިމެނޭގޮތަށް ޕެރޭޑެއްވެސް ބޭއްވުމަށް އެ ސްކޫލުން ވަނީ ނިންމާފައެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން އެ ސްކޫލުގެ ދަރިވަރުންނާ ބެލެނިވެރިން އަދި މުސްކުޅި ދަރިވަރުންގެ ފަރާތުން ވަރަށް ގިނަ އީޖާދީ ހިޔާލުތައް ލިބެމުންދާ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ބުނެއެވެ.