ދިވެހި ސަގާފަތާ ގުޅުންހުރި ކުޅިވަރެއް ކުޅުނަސް، ދިވެހި އާދަކާދަ ތަމްސީލުކޮށް ދިނަސް އެތަނަކުން އެންމެ އާންމުކޮށް ފެންނަ އެކައްޗަކަށް ވެފައި އޮންނަނީ "އޮއްވަޅުގޮނޑި" އޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ރާއްޖެއިން ބޭރުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާތަކާ އެގްޒިބިޝަންތަކުގައި އޭނޫންވެސް އިސްތިހާރުތަކުގައި ދިވެހި ކުޅިވަރެއްގެ ގޮތުގައި އޮއްވަޅުގޮނޑި ކުޅޭތީ ފެނިފައި އެބަހުއްޓެވެ.

މިވީހާތަނާ ޖެހެންދެކަށް ޚުދު އަޅުގަނޑަށްވެސް ހީވެފައި އޮތީ މިއީ ދިވެހި ކަބަފައިންގެ އުފެއްދުމެއް ކަމަށެވެ. ނަމަވެސް ސުވާލު އުފެދިގެން އައީ ސޯޝަލް މީޑިއާގެ ފުންގަނޑުގައި ފީނަމުންދަނިކޮށް، ޕްރޮފެސާ ހަސަން އުގައިލް ހިއްސާކުރައްވާފައިވާ ޕޯސްޓަކުންނެވެ.

ކޮމްޕިއުޓާ ސައިންޓިސްޓް ޕްރޮފެސާ ހަސަން އުގައިލް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓް/ފޮޓޯ: ފޭސްބުކް ސްކްރީންގްރޭބް

އިނގިރޭސިވިލާތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކޮމްޕިއުޓާ ސައިންޓިސްޓް ޕްރޮފެސާ އުގައިލްގެ ޕޯސްޓުގައިވެސް ވަނީ މިފަދަ ވާހަކަތަކެކެވެ. އެގޮތުން އޮއްވަޅުގޮނޑީގެ އިޝާރާތެއް މިސްރުން ލިބެންހުރިކަން ޕްރޮފެސާ އުގައިލް ވަނީ ފާހަގަކުރައްވާފައެވެ.

އެ ވަގުތުން ފެށިގެން ހޯދި ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި، އޮއްވަޅުގޮނޑި ކުޅުމާ އެއްވެސް ވަރެއްގެ ތަފާތުކަމެއް ނެތް ކުޅިވަރެއް، މީލާދީން 7 ވަނަ ގަރުނާ ހިސާބުގައި މިސްރުގައި ކުޅުނު ކަމަށްވެއެވެ. މިހާރުވެސް މިސްރުގެ އިތުރުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ކުޅެމުން އަންނަ މި ކުޅިވަރަށް އެބައިމީހުން ކިއަނީ "މަންޤަލާ" އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި 800 އަށްވުރެ ގިނަ ނަމުގައި "އޮއްވަޅުގޮނޑި" ކުޅެއުޅޭ/ފޮޓޯ: އަރައުންޑް ދަ ވާލްޑް އިން އެއިޓީ ގޭމްސް

"މަންޤަލާ" "އޮއްވަޅިގޮނޑި" އަށް ބަދަލުވީ ކިހިނެއްބާއެވެ. ލިބިފައިވާ ބައެއް މައުލޫމާތަށް ބަލާއިރު މިއީ ދެކުނު އިންޑިއާގައިވެސް ކުޅެ އުޅުނު ކުޅިވަރެކެވެ. އިންޑިއާގެ ތެލަންގާނާގައި ޒަމާނުއްސުރެ ކުޅެމުން އައި މިކުޅިވަރަށް އެމީހުން ކިއަނީ "އޮއްމަނު ގުންތަލު" އެވެ. ދެކުނު އެފްރިކާގެ ހިސާބުތަކުގައި މި ކުޅިވަރު ކުޅޭތާ ޒަމާންތަކެއް ވެއްޖެއެވެ. އެމީހުން މި ކުޅިވަރަށް ކިއަނީ "އޮއްވަލެ" އެވެ.

މި ދެ ސަރަހައްދަކީވެސް ގަދީމީ ޒަމާނުގައި ދިވެހިރާއްޖެއަށް މީހުން ޒިޔާރަތްކޮށް އުޅުނު ސަރަހައްދުތަކެވެ. ފަހަރުގައި މިނަންތައް ދިވެހި ކޮށްލުމަށްފަހު، މި ކުޅިވަރު ކުޅުމަށް ބޭނުންކުރާ އޮށް ފުއްތަކާ، ކުޅިބައި އަޅާ ވަޅުކެނޑި ގޮނޑިއަށް ނިސްބަތްކޮށް "އޮއްވަޅުގޮނޑި" ކިއީ ކަމުގައިވެސް ދެންނެވިދާނެއެވެ.

އެއް އުސޫލަކުން މި ކުޅިވަރަށް ކިއާ 800އަށްވުރެ ގިނަ ނަން ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ ހޯދިފައެވެ. ބެލެވޭ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކަށް "އޮއްވަޅުގޮނޑި" ނުވަތަ "މަންޤަލާ" ފެތުރުނީ ވިޔަފާރީގެ ބޭނުންތަކަށްޓަކައި މިސްރުން ދެކުނު އެފްރިކާގެ އެކި ހިސާބުތަކަށް ދަތުރުކުރި މީހުންގެ ފަރާތުން ކަމުގައި ބެލެވެއެވެ.

ދެކުނު އެފްރިކާ ހިސާބުގައި މި ކުޅިވަރަށް ކިއާ އުޅެނީ "އޮއްވަލެ"/ފޮޓޯ: ރިންގްމާ

މިސްރުގެ އިތުރުގެ ސޫރިޔާއާއި ލުބްނާނުންވެސް މި ކުޅިވަރުގެ ގަދީމީ ހެކިތައް ވަނީ ހޯދިފައެވެ. އެމީހުންވެސް ކިއާ އުޅުނީ "މަންޤަލާ"އެވެ. ބެލެވޭ ގޮތުގައި މިހެން ކިއާ އުޅުނީ "ގުޑުވުމުގެ" މަނާގައެވެ.

އުރުދުންއިން ފެނުނު އާސާރީ ބައެއް ހެކިތަކަށް ރިއާޔަތްކޮށް، ތާރީހު ދިރާސާ އިލްމުވެރިން ބުރަވާ ގޮތުގައި "އޮއްވަޅުގޮނޑި" ނުވަތަ "މަންޤަލާ" އަކީ ދުނިޔޭގައި މިހާތަނަށް ކުޅެމުން އައި އެންމެ ދުވަސްވީ ކުޅިވަރެވެ.