ހަތަރު އަހަރު ފަހުން ރޯދަ ވީއްލަން އެއްޗެތި ގަންނަން ހޯމް މިނިސްޓަރު އަދި އަދާލަތް ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަމިއްލައަށް ފިހާރައަށް ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ހަތަރު އަހަރު ފަހުން ރޯދަ ވީއްލަން އެއްޗެތި ގަންނަން އަމިއްލައަށް ދެވުމުން ތަފާތު އިހުސާސްތަކެއް ކުރެވުނު ކަމަށެވެ.

ރޯދަ ވީއްލަން އެއްޗެތި ގަންނަން މިނިސްޓަރު އިމްރާން ފިހާރައަށް ވަޑައިގަތުމުން ގިނަ ބަޔަކު ތައުރީފް ކުރަމުންދާ އިރު މަސް ބައްލަވައި ގަންނަވަން މާލޭގެ މަސް މާރުކޭޓަށް ނިކުންނެވުމުން އެކަމަށް ވެސް ގިނަބަޔަކު ވަނީ ތައުރީފު ކޮށްފައެވެ. މީގެ އިތުރުން އިމްރާނަކީ ގެވެހި ބޭފުޅެއް ކަމަށް އޭނާގެ އަނބިކަނބަލުން މަރިޔަމް ރީމް މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އެ ގޮތުން މީރު އެއްޗެހި ކެއްކެވުމާއި ދަރިންނަށް ކާން ދެއްވުމަކީ އިމްރާން އާންމުކޮށް ކުރައްވާ މަސައްކަތެއްކަން އަނބިކަނބަލުން ރީމް ފާހަގަ ކުރައްވާފައިވެއެވެ.

ހަތަރު އަހަރު ފަހުން މިނިސްޓަރު އިމްރާން ރޯދަ ވީއްލަން އެއްޗެތި ގަންނަން ފިހާރައަށް ވަޑައިގެންނެވީ، ވޭތުވެދިޔަ ހަތަރު އަހަރު ޖަލުގައި ވޭތު ކުރުމަށް ފަހުއެވެ.

މިފަދަ ކަންކަމަކީ އާންމުކޮށް މިނިސްޓަރުން ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން ފެންނަ ކަންކަމެއް ނޫނެވެ. މިފަދަ މަންޒަރެއް ރާއްޖޭގެ މިނިސްޓަރެއްގެ ފަރާތުން ފެނިގެން ގޮސްފައިވާތީ ގިނަބަޔަކު އެކަން ފާހަގަކޮށް ދަނީ ތައުރީފު ކުރަމުންނެވެ.