މިއީ 1960ގެ އަހަރުތަކުގެ ތެރެއިން ގދ. ރަތަފަންދޫގައި ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.

"ޖައުހަރު... ޖައުހަރު..."

ވައިއަޑުން މީހަކު އޭނާއަށް ގޮވަމުން ދިޔަ އަޑު ކަންފަތުގައި ޖެހުމާއެކު ޖައުހަރު ފުންމައިގެން އޮތްތަނުން ތެދުވިއެވެ. ޖިފުޓިގަނޑު ތެރޭގައި އެއްވެސް އަލިކަމެއް ނެތުމުން އޭނާގެ ދެލޯ އެ ކަނު އަނދިރިކަމުގެ ތެރެއަށް ހާނުވަން ވަގުތުކޮޅެއް ނެގިއެވެ. އަނެއްކާވެސް ވަރަށް ގާތުން އޭނާގެ ނަމުން ގޮވާލި އަޑު އިވިގެން ދިޔައެވެ. ނިދިފިލާފައިވާ ޖައުހަރު ދެލޯ ބޮޑުކޮށްލަމުން އަޑު އައި ދިމާއަށް ބަލާލީ ލައިގެން ހުރި މުންޑުގަނޑު ރަނގަޅު ކޮށްލަމުންނެވެ. ތެދުވަން މަސައްކަތް ކުރި އިރު އޭނާގެ ނޭފަތުގައި ކުނި ވަސްގަނޑެއް ޖެހުމުން ނޭފަތް ކުނިކޮށްލިއެވެ.

އޭނާ ނިދަން އޮތް ރޯނު އެނދުގައި އަތް ހާކާލީ އެއްޗެއް އަތުގައި ޖެހޭތޯއެވެ. މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައިރު ޖައުހަރުގެ ހިތަށް ވަނީ ބިރުވެރިކަމެއް ވެރިވެފައެވެ. އެނދުމަތީގައި އޭނާ ބާއްވާފައި އޮތް ލަޓިބުރި އަތުގައި ޖެހުމާއެކު އޭނާއަށް ހިތްވަރެއް ލިބިގެން ދިޔަ ކަހަލައެވެ. އަތަށް ލަޓިބުރި ހެޔޮވަރުކޮށްލަމުން އަނދިރިކަމުން ފުރިގެންވާ އެ ކޮޓަރީގެ ހަތަރުބިތަށް އޭނާ ކަޅި ހިންގާލިއެވެ. ނިތްކުރިމަތިން ހިއްލާފައިވާ ދާތިކިތައް މޫނުގެ ދެފަރާތުން އޮހެމުންދިޔައެވެ.

"ކާކު؟..."

ބިރުގެންފައި ހުރިވަރުން ފުރަތަމަ ޖައުހަރުގެ ދުލުން ބޭރުކޮށްލި ބަހަކީ އެއީއެވެ. ހަމައެއާ އެކު ހިތާހިތުން ދުލަށް އައިހާ ހެޔޮ އެއްޗެއް އޭނާ ކިޔަން ފެށިއެވެ. ދެން އޭނާއަށް އިވުނީ މީހަކު ކުކުރާލި އަޑެވެ. ދޮންވެލިލާފައިވާ ބިންމައްޗަށް އޭނާ ބަލާލީ ފައިގައި ލޮނދި އެއްޗެއް ޖެހުނުހެން ހީވުމުންނެވެ. ތިރިއަށް ބަލާލި ވަގުތު ދޮންވެލިގަނޑުމަތީ މީހަކު އޮތްކަން އޭނާއަށް ޔަގީންވީ މީހެއްގެ ބައްޓަމަށް އޭނާއަށް ފެނުނު ހިޔަނިންނެވެ. އަތަށް ހެޔޮވަރުކޮށްލާފައި އޮތް ލަޓިބުރިން ޖަހަން އުޅެފައިވެސް އޭނާ މަޑުޖެހިލީ އެ މީހަކު ވާހަކަ ދައްކަން ފެށުމުންނެވެ.

ދަންނަ އަޑެއްކަމުން ލަޓިބުރި ބާއްވާފައި ޖައުހަރު ގުދުވެ އެމީހާގެ ގައިގާ ހިފާލީ އޭނާއަށް އެހީވާށެވެ. ވީ ކިހިނެއްތޯ އަހާލުމުން ބަނޑުގައި ރިއްސާފަ މިރޭ ހޮޑުލެވޭ ވާހަކަ އެނާ ބުނީ ބަލިކަށި ގޮތަކަށެވެ. ގައިގާ އެއްވެސް ވަރެއް ނެތް ވާހަކަ ބުނުމުން ޖައުހަރު އަވަސްވެގަތީ އަލިކަމެއް ލިބޭނެގޮތެއް ހޯދާށެވެ. ރޯނު އެނދު ކައިރީގައި ހުރި ފުޅިބައްތި ދިއްލާލަމުން އޭނާ ފުޅިބައްތީގެ އަތްގަނޑުގައި ހިފާ އުފުލާލިއެވެ. އޭރު މުޅި ބިންމައްޗަށް އޭނާގެ އެކުވެރި ރެކިފުތާ ވަނީ ހޮޑުލާފައެވެ. އޭނާގެ ކޮނޑުގައި ހިފާލަމުން ކާނެ އެއްޗެއް ހޯދަން ބޭރަށް ދަމާ ހިނގާށޭ ޖައުހަރު ބުނެލީ ހިތްހެޔޮކަމާ އެކީގައެވެ.

ދާހިއްލާ ފޯވެފައި ހުރި ޖައުހަރުގެ ހަށިގަނޑަށް ފިނި ކަމެއް ލިބުނީ ޖައްވުގެ ފިނިކަން ލިބޭ ހިސާބަށް ނުކުތުމުންނެވެ. އެ ގޭގެ ބޭރު އަށިމަތީގައި އޭނާ ބަހައްޓާފައި ހުރި ކުރުނބާތައް ވަނީ ހުސްވެފައެވެ. އެތާ އެމީހުންނަށް ބަނޑުހައި ހޫނުކަން ފިލުވާލެވޭނެ ހަމަ އެކައްޗެއްވެސް ނެތެވެ. ރަށުތެރެއަށް ޖައުހަރު ނަޒަރު ހިންގާލީ ރެކިފުތާއަށް އެހީވާން ހަނދާނެގޮތަކާ މެދު ވިސްނާލަމުންނެވެ. ކައިރި ކައިރީގައި އަޅާފައި ޖިފުޓިތަކުގެ ތެރެއިން އެއްވެސް އަލިކަމެއް ފެންނަން ނެތުމުން ބަޔަކު ހޭލާ ނުޅޭކަން އޭނާއަށް ކަށަވަރުވިއެވެ.

އެންމެންވެސް ތިބީ ގަދައަށް ނިދާފައި ކަމަށް ރެކިފުތާ ބަލިއަޑަކުން ބުނެލީ ކޮށި ކެއްސުމެއް ކެއްސަމުންނެވެ. އެހެންކަމުން އެކުވެރިޔާއަށް ކާނެ އެއްޗެއް ހޯދަން ނުކުންނަން ޖައުހަރު ނިންމިއެވެ. ބައެއް ސާމާނު އެގޭ އަށިދަށުން ނަގަން އޭނާ ގާތްވެލިއެވެ. ބުޅިއެއް ލައްވާފައިވާ ނަނަކާއި، ބޮޑުވަޅިއެއް ހިފައިގެން ރެކިފުތާއާ އެކީ އޭނާ އަތިރި މައްޗަށް ދާން ހިނގައިގަތެވެ.

އަތިރި މަތީ ފުޅި ބައްތި ބެހެއްޓުމަށްފަހު ރެކިފުތާ ގާތު އެތާ މަޑުކުރަން ޖައުހަރު އެދުނެވެ. މޫދަށް ނަނު އެއްލުމަށްފަހު ބިމަށް ޖަހާ ހެޔޮވަރުކޮށްލި ލަކުޑި ބުރީގައި އެ ނަނު ރަނގަޅަށް އައްސާ ބާރުކޮށްލިއެވެ. ރެކިފުތާ ގާތު މަހެއް ގަނޭތޯ ބަލަން ހުންނާށޭ ބުނެ ޖައުހަރު ހިނގައިގަތީ އެއްގަމާ ދިމާލުން ގަސްތަކުގެ ތެރެއަށް އެ ދެމީހުންނަށް ކާނެ އެއްޗެއް ހޯދުމުގެ ބޭނުމުގައެވެ.

ގައިހުރި ބާރެއްލާ އަތަށް ހެޔޮވަރުކޮށްލި ބޮޑުވަޅިން ޖަހާ ކުޑަ ރުކެއް ޖައުހަރު ކަނޑާލިއެވެ. މިވަގުތު ދިގު ރުކަކަށް އަރާނެހާ ވަރު ހަށިގަނޑުގައި ނެތުމުން އޭނާ ނިންމީ ރުއްކުރިއަކުން ފުއްދާލާށެވެ. ހެޔޮވަރުގެ ރަނގަޅު ރުއްކުރިގަނޑެއް ލިބުމުން ލައިގެން ހުރި މުންޑުގެ ފަސްބައިގެ ތެރެއަށް ރުއްކުރިގަނޑު ލާ ނުވެއްޓޭނެހެން ގޮށެއް ޖަހާލިއެވެ. އެއަށް ފަހު އަނެއްކާ ވެސް އޭނާ ގަސްތަކުގެ ތެރެއަށް ވަންނަން ހިނގައިގަތީ އިތުރު ރުއްކުރިގަނޑެއް ފެނޭތޯއެވެ.

މާދުރަށް ނުދެވެނީސް އަނެއްކާވެސް ގަސްތަކުގެތެރެއިން ހެޔޮވަރުގެ ކުޑަ ރުކެއް ފެނުމުން ޖައުހަރުގެ ހުދު ދަތްތައް ދިލުވާލިއެވެ. އޭނާ އެ ރުކާ ގާތްވެލީ ދެމީހުންނަށް ކާން ދެ ރުއްކުރިގަނޑު ގެންދަން ނިންމައިގެން ވަރަށް އުފަލުން ހުރެއެވެ. އެ ރުކާ ގާތްވިތަނާހެން މީހެއްގެ ހަޅޭކުގެ އަޑު ޖައުހަރުގެ ކަންފަތުގައި ޖެހުމުނެވެ. ވަގުތާއި އޭނާ ހުރި ހާލަތާއި ތަނުގެ ގޮތުން އެ އިވުނު އަޑާއެކު އޭނާއަށް ސިހުންވިއެވެ. ވަށައިގެން ގަސްތަކުގެ ތެރެއަށް އޭނާއަށް ބަލާލެވުނީ އެ އަޑު އައި ދިމާލެއް ޔަގީން ކުރާށެވެ.

އެއީ ރެކިފުތާގެ އަޑާ މެދު އޭނާއަށް ޝައްކު އުފެދުނެވެ. ހިނދުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު އަޑުގެ ނެތްތަނަށް ރެކި ފުތާއަށް ޖައުހަރު ގޮވާލީ ހަބަރެއް ނުވުމުންނެވެ. އަނެއްކާ ރެކިފުތާ އޯކާ ދެމި ހޮޑުލަނީ ކަމަށް އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އިވުނު އަޑު ވައްތަރީ މީހަކު އޯކާ ދެމިގަތްކަހަލަ އަޑަކާއެވެ. ވިސްނާލަން މަޑުކޮށްލުމަށްފަހު އަނެއްކާވެސް އެ ކުޑަ ރުކުގައި ޖަހަން އަތުގައި އޮތް ވަޅި މަޅާލިއެވެ. ރުކާ ހަމައަށް ވަޅި ގެންގޮސް ނުޖެހެނީސް އަނެއްކާ ވެސް އަޑެއްއިވުނެވެ. މި ފަހަރު އިވުނީ މީހަކު ރޮއެގަތް އަޑެވެ. ވޭނީ ހަޅޭކެއްގެ އަޑެވެ. އިވުނު އަޑާއެކީ ޖައުހަރުގެ މުޅި ގައިން ހީބިހި ހިލިގެން ދިޔައެވެ. ދެން ޖައުހަރަށް އެތަނުގައި މަޑުކުރާކަށް ނުކެރުނެވެ. އެއީ ރެކިފުތާގެ އަޑުކަން އޭނާއަށް ޔަގީންވުމުން ވަލުތެރެއިން ނުކުންނަން އޭނާ ހިނގައިގަތެވެ.

އެއް އަތުގައި އޮތް ބޮޑުވަޅީގެ މުށްގަނޑުގައި ބާރަށް ހިފަހައްޓައިގެން ހުރެ އަނެއް އަތުން މުންޑުގަނޑު ކޮށިކުރަމުން ޖައުހަރު އަތިރިއަށް ނުކުމެވެން ހުރި ދިމާއަށް ދިއުމަށް އަވަސްވެގަތެވެ. ގަސްތަކުގެ ތެރެއިން ބޭރަށް ނުކުމެވުމުން އޭނާ ނަނު އެއްލި ދިމާއަށް ނަޒަރު ހިންގާލީ ރެކިފުތާ ހުރި ތަނެއް ބެލުމުގެ ބޭނުމުގައެވެ. ނަމަވެސް އެ ސަރަހައްދުން ރެކިފުތާ ފެންނާކަށް ނެތެވެ. ޖައުހަރު ހިތަށް އެރީ ރެކިފުތާ އެކަނިމާ އެކަނި އެތަނުގައި އިންނަން ނުކެރުނީމަ ގެއާ ދިމާއަށް ދިޔައީ ކަމަށެވެ. ނޫނީ މޭ ނުބައިކޮށް ހޮޑުލަވާތީ ދިޔައީ ކަމަށެވެ.

ފަތިސް ނަމާދު ވަގުތު ޖެހެންވާއިރަށް ޖައުހަރު އުޅޭ ޖިފުޓިގަނޑަށް އެނބުރި ދާނީ ދެމީހުންނަށް ފިހެގެން ކާލެވޭނެ ރަނގަޅު މަހަކާއި ރުއްކުރިގަނޑު ހިފައިގެން ކަމަށް ޖައުހަރު ނިންމިއެވެ. ފަސްގަނޑަށް ޖަހާ ހަރުކުރި ލަކަޑު ބުރި ގަނޑުގައި އައްސާފައިވާ ނަނު މޮހެލުމަށްފަހު އެ ނަނަށް ޖައުހަރު ދަމާލިއެވެ. ނަނަށް ވާން ވެލާފައި އޮތުމުން އޭގައި މަހެއް ޖެހިފައި އޮތް ކަން ޖައުހަރަށް އެނގުނެވެ. އަތަށް ބާރުލާ އެ ނަނަށް އޭނާ ދަމަން ފެށިއެވެ. ހުސް އަތާ ނަނަށް ދަމަމުން ދިޔައިރު ޖައުހަރުގެ އަތުގެ ހަންގަނޑުން ހަންދާ ވަރަށް ނަނަށް ވާންވަމުން ދިޔައެވެ.

ވާންކުރަމުން ދިޔަ ނަނަށް ދަމަމުން އޭގައި ގަނެފައިވާ މަސް އޭނާ ބޭނިއެވެ. އެއީ ރަތްމަހެކެވެ. އެ މަސް ނަގާ އޭނާ ހުރި ދިމާލުން ދޮންވެލިގަނޑު މަތީ ބޭއްވުމަށްފަހު އަނެއްކާވެސް އެ ނަނު ބޯމަތިން އަނބުރާލުމަށްފަހު މޫދަށް ދޫކޮށްލީ އަދި ރަނގަޅު މަހެއް ބޭނޭތޯއެވެ. އެއް މަސް ބޭނިއްޖިއްޔާ އަނެއް މަސްވެސް ބޭނޭނެއޭ ހިތާ އެ ނަނުގެ ކޮޅު ބިމަށް ޖަހާފައިވާ ލަކުޑިބުރީގައި އަނެއްކާވެސް އައްސާލިއެވެ. އެއަށް ފަހު ހިންދެމިލަމުން އުނަގަނޑުގައި ދެއަތް ވިއްދާލަމުން އުދަރެހާ ދިމާއަށް ބަލާލީ މަހެއް ބޭނުނީމަ އެކަމާ ހިތްހަމަޖެހުމުންނެވެ.

އިރުއެރުމާއި ގާތްވެފައިވާތީ އުޑުމަތިން ފެންނަމުން ދިޔަ ގުދުރަތީ ރީތި ކުލަތަކަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު އެތާ ހުރި ފުޅި ބައްތި މަތިން ހަނދާން ވުމުން އެއާ ދިމާއަށް އޭނާ ބަލާލިއެވެ. އެ ފުޅިބައްތި ހުރީ ނިވިފައި ކަމުން އެ ނަގަން ކުރިއަށް އޭނާ ފިޔަވަޅެއް އަޅާލިއެވެ. އެޅި ފުރަތަމަ ފިޔަވަލާއެކު ފައިދަށުން އެއްޗެއް މުގުރުނު އަޑު އިވިގެން އޭނާ ބަލާލި ނަމަވެސް މާ ބޮޑު އަލިކަމެއް ނެތުމުން އެއީ ކޮން އެއްޗެއް ކަމެއް މުޅިއަކުން ސާފެއް ނުވިއެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ އެއީ ކުރިން އެތަނުގައި ހުރި އެއްޗެއް ނޫން ކަމެވެ.

ގަސްތަކުގައި ޖައްސައިގެން ތިބި ކާޅު ބައިގަނޑެއް ގޮވަމުން އުދުއްސައިގެން އަޑު ފައްގަނޑަށް ޖައުހަރަށް ސިހުމެއް ލިބިގެން ދިޔައެވެ. އެ ކާޅުތައް ޖައުހަރުގެ ބޯމަތިން ވަށާ އުދުހެމުން ދިޔައިރު އޭނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އިސް އުފުލައިގެން ހުރެ ކޮޅުކޮޅަށް އޭނާ އެނބުރެމުން ދިޔައީ އެ ކާޅުތައް އޭނާގެ ބޯމަތިން ވަށާ އެނބުރެމުން ދާތީއެވެ. ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އަށަގަތީ އެހިސާބުންނެވެ.

ކުއްލިއަކަށް ދަންވަރު ހޭލެވުނު ގޮތްވެސް ހިތަށް އެރީ އެހިސާބުންނެވެ. އޭނާއަށް ރެކި ފުތާ ގޮވި ވަގުތުގެ ގޮތުންނާއި އޭނާއާއި އެކު އަތިރިއަށް އާދެވުނު ގޮތް އޭނާގެ ހަނދާނަށް އައެވެ. ރަށުތެރޭ އެންމެން ނިދާ ހިމޭންވެފައިވާ ވަގުތެއްގައި ޖައުހަރަށް ގޮވައިގެން ބަނޑުހައިވީ ކަމަށް ބުނެ އަތިރިއަށް އައި މީހާ މިހާރު އެތާ ނެތުމުންވެސް ވަހުމްތަކެއް އުފެދުނެވެ. އަނެއްކާ އޭނާއަށް މިރޭ އެ ގޮވީ ރެކިފުތާ ހެއްޔެވެ. ނޫނީ އެއީ އޭނާ މިތަނަށް ގެނައުމަށް އޭނާގެ ލޯމައްޗަށް ދައްކުވާލި ދަޅައެއް ހެއްޔެވެ.

ކުރިއަށް ހިނގައިގަންނަން ވެސް ނުކެރިފައި ހުރި ޖައުހަރުގެ ބޯމަތިން ވަށާ ކޮޅުކޮޅަށް އުދުހެމުން ދިޔަ ކާޅުތައް އެއްފަހަރާ ކަހަލަ ގޮތަކަށް އޭގެ މިސްރާބު ބަދަލުކޮށްލިއެވެ. އެ ރަށާ ދާދި ކައިރިން ފެންނަން އޮތް ކުރެއްދޫއާ ދިމާއަށް އެ ކާޅުތަކުގެ މިސްރާބު ބަދަލުކޮށްލަމުން އޭގެ ފިޔަ ފަތްގަނޑު ތަޅުވަމުން އެސޮރުމެން އުދުއްސައިގަތީ ނުހަނު ހަލުވި ކަމާއެކީގައެވެ.

ކާޅު ބައިގަނޑު ދިއުމުންނާއި އެސޮރުގެ ގޮވެލީގެ އަޑު ފަނޑުވަމުން ދިއުމުން ޖައުހަރުގެ ހިތަށް ވެރިވި ބިރުވެރިކަންވެސް ކޮންމެވެސް ވަރަކަށް ކުޑަވިއެވެ. ކުރެއްދޫއާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށް ޖައުރަށް ކަމެއް ހަނދާންވެގެން އޭނާ އެއްސި ނަނާ ދިމާއަށް ބަލާލިއެވެ. އެ ނަނު އައްސާފައިވާ ލަކުޑިބުރިއަށް އޭރު ވާންވެ ފަސްގަނޑުތެރެއިން އެ ލަކުޑިބުރި މޫދާ ވީ ފަރާތަށް ލެނބެމުން ދިޔައެވެ. ނަނުގައި ވަރުގަދަ މަހެއް ޖެހުނީކަން ޖައުހަރަށް އެނގުމުން އޭނާ އަވަހަށް ގާތްވެލީ ލަކުޑިބުރީގައި އައްސާފައިވާ ނަނު މޮހެލާށެވެ. އެކަން ނުވެގެން އުޅެނިކޮށް އެ ލަކުޑިބުރި ބިމުން ލުހިގެން މައްޗަށް އެރިއެވެ. އެއްލިއަތުން ޖައުހަރަށް ލަކުޑި ބުރީގައި ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. އަތަށް ލެވުނު ބާރެއްލާ ނަނުގައި ހިފާ ދަމައިގަނެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

ޖައުހަރު ގަޔަށް ބާރުލާ ނަނަށް ދަމަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ފައިތިލަ ބިމުގައި ހަރުލާ ގޮތެއް ނުވިއެވެ. ނަނަށް ވާންވެފައިވާލެއް ބޮޑުކަމުން އޭނާގެ ފައި ބިމުގައި ހަރުނުލާ މޫދާ ހަމައަށް އޭނާގެ ފައި ކޫއްތަމުން ދިޔައެވެ. މޫދުގެ ލޮނުގަނޑުގައި ފައިތިލަ ޖެހުނު ވަގުތު އޭނާގެ ފައިން ދިލަ ތަދެއްނެގުމުން ޗޫސް ދަމާލެވުނެވެ. ނަމަވެސް ނަނުން ދޫކޮށްނުލާ ވޭތޯ އޭނާ މަސައްކަތްކުރިއެވެ.

ނަނުގައި ހިފައިގެން ލަކިޖަހަމުން ދަނިކޮށް ދެން އޭނާއަށް އިވުނީ މީހަކު ރޮއެގަތް އަޑާއި އެކު މޫދުގެ ލޮނުގަނޑުމަތީ އެއްޗެއް ޖެހިގެން އަޑެވެ. އިސްއުފުލާލަމުން ޖައުހަރު ކުރިއަށް ބަލާލީ ކުރިމަތިން އެއްޗެއްގެ ހިޔަންޏެއް ވީހެންވެސް ހީވުމުންނެވެ. ފެންގަނޑުމަތިން ދެއަތް ތަޅުވަމުން ފެންމަތީ އޮންނަން މަސައްކަތް ކުރަމުން ދިޔަ ރެކިފުތާ ފެނުމާ އެކީ ޖައުހަރު އެ ހުރިތަނަށް ގަނޑުވިއެވެ. ނަނުގެ ކޮޅުގައި އައްސާފައިވާ ބުޅިގަނޑު ހުރީ ރެކިފުތާގެ އަނގައިގެ ތެރެއިން އެމުނިގެން ކޯކަށިގަނޑާ ދިމާލުން ފޫއަޅުވާލާފަ ނުކުމެފައެވެ. އަނގަ ތަންމިނަށް ހުޅުވައިގެން ހުރެ ރެކިފުތާ ހަލޭއްލަވަމުން ދިޔަތަން ފެނި ޖައުހަރު ހިފަހައްޓައިގެން ހުރި ނަނުން އަތް ދޫކޮށްލިއެވެ. ދެން ހަދާނެ ގޮތެއް ނުވިސްނިފައި ހުރި ޖައުހަރު އެ ހުރިތަނަށް ތިރިވިއެވެ.

މޫދުގައި ބީހިލާފައި އެއްގަމަށް އަންނަމުން ދިޔަ ތެތްފިނިކަމެއް އެކުލެވޭ ވައިރޯޅީގައި ފަރުހަކި ވަހެއް ހުއްޓެވެ. އޭރު ކުރެއްދޫއާ ދިމާލުން އަރައިގެން އައި ބިޔަ ހިޔަންޏެއްހެން ހުރި އެތީގެ އަނގަ ތަންމިނަށް ހުޅުވާލި ތަން ޖައުހަރަށް ފެނުނެވެ. އޭތީގެ ހަށިގަނޑުގެ ބައެއް އޭރު ވަނީ މޫދުގެ ތެރޭގައެވެ. މާސިންގާ ބޮޑު ރުކެއްގެ އިސްކޮޅު ހުރި އެއީ ފުރޭތައެކެވެ. ދެ ދަޅު ފަޅާފައިވާ އެ ފުރޭތަ އަނގަ ހުޅުވައިގެން ހުރެ އައި ގޮތަށް އައިސް ފެންމަތީ ބަކަތަޅަމުން ދިޔަ ރެކިފުތާގެ ބޮލާ ދިމާލުން އޭތީގެ އަނގަ ތިރިކޮށްލިއެވެ. ރެކިފުތާގެ ބޯ އޭތީގެ އަނގަޔަށް ވަދެގެން ދިޔަ ތަން ބަލަން ހުރި ޖައުހަރު އެއިން ތަނުން ތެދުވި އިރު އޭނާގެ ފައި ބިމުގައި ހަރުނުލާ ވަރަށް ރޫރޫ އަޅަމުން ދިޔައީ ބިރުގެންފައި ހުރިވަރުންނެވެ.

ރެކިފުތާ ކާލަމުން އޭތީގެ ހަށިގަނޑު ލޮނުގަނޑުގެ ތެރެއަށް ފީނާލި އިރު އޭތީގެ ބޮޑު ނިގޫފަތްގަނޑު ލޮނުގަނޑުމަތީ ޖަހާލިއެވެ. ހަމައެއާއެކު ބިޔަ ރާޅެއް އުފެދުނެވެ. އެރާޅު ރަށާ ދިމާއަށް ދަތުރުކުރިތަން ފެނުމުން ޖައުހަރު ދެއަތުން މުންޑުގަނޑު ކޮށިކުރަމުން ދުއްވައިގަތެވެ. ފައިތިލައިގައި ހުރި ރިހުމާއެކީ ކުޑަ ކޮރެއް ޖަހަމުން ކަހަލަ ގޮތަކަށް އޭނާ ރަށުތެރެއަށް އަރައިގެން ދިޔައީ ރަށުގެ މީހުންތަކަށް ގޮވަމުންނެވެ. ހަޅޭއްލަވާ އަޑުގެ ނެތްތަނަށް ރޮއެ ނަގަމުންނެވެ.

(ނުނިމޭ)