މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ މަސްރޭހުގެ ދެވަނަ ބުރުން ފުރިހަމަ ކާމިޔާބީއެއް ހޯދައިގެން ޓީމް ބޮއި ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ދެވަނަ ބުރު ރޭ ކުރިއަށް ގެންގޮސްފައި ވާއިރު މި ބުރުގައި ބައިވެރިވެފައިވާ ހަތަރު ޓީމަކީ، ޓިމް ބޮއިގެ އިތުުރުން ޓީމް އެންޒީ އާއި، ޓީމް މޯލްޑިވް ގޭސް އަދި ޓީމް ފަންރިޔާއެވެ.

އުރީދޫ މަސްރޭސް 2019ގެ ދެވަނަ ބުރުގައި ބައިވެރިވި ޓީމް ބޮއެ ބޭނި މަހަކާއެކު / ފޮޓޯ: އުރީދޫ

ޓީމް ބޮއި ފައިނަލުން ޖާގައެއް ހޯދާފައިވާ އިރު އެ ޓީމަކީ މިދިޔަ އަހަރުގެ އުރީދޫ މަސްރޭހުގެ ރަނައަޕް ޓީމް ވެސް މެއެވެ. ޓީމް ބޮއި އާ އެކު ފައިނަލަށް ދަތުރުކޮށްފައިވާ އަނެއް ޓީމަކީ ޓީމް ކްލަބް ވެލައްސަރެވެ.

މި މުބަރާތުގައި މިއަހަރު ބައިވެރިވި 16 ޓީމްގެ ތެރެއިން ހަތަރު އަންހެން ޓިމެއްވެސް ވަނީ ބައިވެރި ވެފައެވެ. އޭގެ ތެރޭގައި ޔުނައިޓެޑް ބީއެމްއެލް، ސްޓެލްކޯ ވިމެންގެ އިތުރުން ޑީއެސްސީ ވިމެން އަދި އެމްޓީސީސީ ކަނބަލުން ހިމެނެއެވެ.

އުރީދޫ މަސްރޭސް 2019ގެ ދެވަނަ ބުރުގައި ބައިވެރިވި ޓީމް އެންޒީގެ މަސްތައް ކިރަނީ / ފޮޓޯ: އުރީދޫ

މި އަހަރު މަސް ރޭހުގައި ބައިވެރިވާ ޕާޓްނަރުންގެ ތެރޭގައި ވީމީޑިއާ އާއި މޯލްޑިވްސް ޕޮލިސް ސާވިސަސްގެ އިތުރުން މާލެ ސިޓީ ކައުންސިލް އަދި ފިޝަރީޒް މިނިސްޓްރީ ހިމެނެއެވެ. މި މުބާރާތް ބާއްވާ 10 ވަނަ އަހަރަށް ވެފައި މި އަހަރުގެ މަސް ރޭހަށް އައުޓް ބޯޑް އިންޖީނާއި އަގު ބޮޑު އިނާމުތައް ވަނީ ހުށަހަޅާފައެވެ.