މިއީ މީގެ 78 އަހަރު ކުރީގެ ވާހަކައެކެވެ. މައްކާ އަކީ ފެންބޮޑުވުމުގެ ހާދިސާތައް މަދުން ހިނގާ ތަނަކަށް ވީ ނަމަވެސް ފަތާފައި ތަވާފް ކުރެވޭ ވަރަށް މައްކާގައި ފެންބޮޑުވެފައި ވަނީ އެންމެ ދެ ފަހަރެވެ. ފުރަތަމަ ހާދިސާ ހިނގި ކަމަށް ބުނެވެނީ ރަސޫލާގެ ޒަމާނުގައެވެ. ދެވަނަ ހާދިސާ ހިނގީ މީގެ 78 އަހަރު ކުރިން (1941) އެވެ.

1941 ގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ބަހްރެއިންގެ އަލީ އަލް-އަވާދީ ނަމަކަށް ކިޔާ މީހަކު ފަތާފައި ތަވާފް ކުރަނިކޮށް ނަގާފައިވާ ފޮޓޯ އެއް ވަނީ އާންމު ވެފައެވެ. މި ހާދިސާގައި ގެފުޅުގެ ވަށައިގެން ދޮޅު މީޓަރަށް ފެންގަނޑު އުފުލުނު ކަމަށް ރިޕޯޓް ތަކުން ބުނެއެވެ. އަދި ގެފުޅު ވަށައިގެން ތަވާފް ކުރުމުގެ ސަބަބުން މީހުންގެ ސަމާލުކަމަށް އައި އަލީ އަލް-އަވާދީ ވަނީ މީގެ ހަތަރު އަހަރު ކުރިން ނިޔާވެފައެވެ. އޭނާ ނިޔާވި އިރު އުމުރަކީ 86 އަހަރެވެ.

އަލީ އަލް-އަވާދީ / ފޮޓޯ: އަލް އަރަބިޔާ

އަލް-އަވާދީ ފަތާފައި ގެފުޅު ވަށާ ތަވާފް ކުރި އިރު، އޭނާ އަކީ މައްކާގައި ކިޔަވަން ގޮސް އުޅުނު އުމުރުން 12 އަހަރުގެ ކުއްޖެކެވެ. އަލް-އަވާދީ މި ކަމާއި ގުޅިގެން ބޭރުގެ މީޑިއާ އަކަށް ދިން އިންޓަވިއު އެއްގައި ބުނީ، އެ ހަފްތާ އަކީ ހުއްޓާ ނުލާ ބޯކޮށް މައްކާއަށް ވާރޭވެހުނު ހަފްތާއެއް ކަމަށެވެ. އަދި އޭނާ ގެފުޅަށް ޒިޔާރަތް ކުރީ ހުއްޓާނުލާ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ވަމުންދާ ގޮތް ބަލައި ލުމުގެ ޝައުގުގައި، އޭނާގެ މުދައްރިސަކާއި، ބޭބެއެއް އަދި ދެ ރަހުމަތްތެރިންނާ އެކުގައި ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނީ ފެތުމަށް ހުންނަ ޝައުގެއްގެ ސަބަބުން ފަތާފައި ތަވާފު ކުރަން ބޭނުންވި ކަމަށާއި އޭނާގެ މުދައްރިސާއި ބޭބެ އަދި ރަހްމަތްތެރިން ވެސް އޭނާއާ އެކު ފަތަން ފެށި ކަމަށެވެ. ނަމަވެސް، ތަންކޮޅަކަށް ފަތާލުމަށް ފަހު އެމީހުން ވަރުބަލިވެގެން ގެފުޅުގެ ދޮރުކޮޅުގެ އޮޅި މަތީގައި އީށީނީއެވެ. އަލް-އަވާދީ ފަތާފައި ތަވާފް ކުރަނިކޮށް ނަގާފައިވާ ފޮޓޯގައި އޭނާގެ ރަހްމަތްތެރިން ގެފުޅުގެ ދޮރުކޮޅުގެ އޮޅި މަތީގައި އިށީނދެގެން ތިބި މަންޒަރު ފެނެއެވެ.

ގެފުޅު ވަށައިގެން ފަތާފައި ތަވާފު ކުރި ފުރަތަމަ މީހާ އަކީ އަލް-އަވާދީ އެއް ނޫނެވެ. ފުރަތަމަ ގެފުޅު ވަށައިގެން ތަވާފް ކުރީ ރަސޫލާގެ ސަހާބީ އެއް ކަމުގައިވާ އަބްދު ﷲ އަލް-ޒުބައިރެވެ. އަދި މީގެ އިތުރުން ފަތާފައި ގެފުޅު ވަށައި ތަވާފް ކުރި މީހުންގެ ތެރޭގައި ބަދްރް އަލް-ދިން ބިން ހިމެނެއެވެ.