ފަތިސް ނަމާދުން ފައިބައިގެން ޒަމީރު ހިނގައިގަތީ އެހެންދުވަސް ތަކެކޭވެސް އެއްފަދައިން ހިނގާލާށެވެ. އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުންދާ ޒަމީރު ކޮންމެ ދުވަހަކު ހެނދުނު ހިނގާލަން ދެއެވެ. މިއަދު އޭނާއަށް ތަފާތު އިހްސާސްތަކެއް ކުރާ ކަހަލައެވެ. އޭނާ ހިނގާލަން ދިޔުމުގެ ބަދަލުގައި ގެއަށް ދާން ބޭނުން ވިއެވެ. މާ ބޮޑަށް ވަރުބަލިވާ ފަދަ އިހްސާސެއް އޭނާއަށް ކުރާތީއެވެ.

އެހެންކަމުން އެނާގެ ފިޔަވަޅު އަވަސްކޮށްލީ ގެއާ ދިމާލަށެވެ. ހަމަ އެވަގުތު ޒަމީރުގެ ލޮލުގައި އަޅަައިގަތީ ހުދު ފޭރާމެއްގައި އަތިރިމަތީ ހުރި މީހެކެވެ. އެމީހާ ހުރީ ވަރަށް ރީތިވެގެންނެވެ. ބަލާބެލުމުންވެސް އެއީ ވަރަށް މާތް މީހެއްހެން އޭނާއަށް ސިފަވިއެވެ. މޫނުމަތީގައި ވަނީ އުޖާލާކަމެވެ. ނޫރެއްހެން އެނާގެ މޫނު ދިއްލިފައިވާއިރު ތުންފަތް މައްޗަށް ވެރިވެފައި ވަނީ އުފާވެރިކަމެވެ. އެމީހާ ޒަމީރާ ދިމާލަށް އަތް ހަނާ އަޅާލިއެވެ. ޒަމީރުވެސް ރައްދުގައި އެމީހާއާ ދިމާލަށް އަތް ހަނާ އަޅާލިއެވެ.

ކިތަންމެ މަޑުކުރަން ބޭނުމަސް އޭނާއަށް އެތާކު ހުރެވޭކަށް ނެތެވެ. ނޭވާއަށް އުނދަގޫވާކަހަލަ ގޮތްތަކެއް ވަނީއެވެ. އެހެންކަމުން ޒަމީރު އަަވަސްވެގަތީ ގެއާ ހަމަޔަށް ދިޔުމަށެވެ. ކުރަންޖެހޭ ކަންތައްތަކެއް ނުކުރެވި ހުރިހެން އޭނާއަށް ހީވާން ފެށިއެވެ. ކުރިއަށް ހިނގާފައި ގެއާ ހަމަޔަށް ދެވުުނު އިރު އިރުއަރާ މުޅި ރަށުތެރެއަށް އަލިކަން ފެތުރިއްޖެއެވެ.

ޒަމީރުމެންގެ ގެއަކީ ރަށުގައި ހޮވާލެވޭ ގެތަކުގެ ތެރެއިން އެއް ގެއެވެ. އޭނާގެ ބުރަ މަސައްކަތުން ކޮޅަށް ޖަހާފައިވާ ގެއާ ދިމާލަށް ފުން ނަޒަރަކުން ބަލާލިއެވެ. ގޭތެރެއަށް ވަނުމަށް ދޮރު ހުޅުވާލި ވަގުތު ދުވަމުން ދިޔައީ އޭނާގެ އަންހެނުންގެ ކެއްކުންގަނޑުގެ މީރު ވަހެވެ. ގޭގެ މައިދޮރުގެ އެއްފަރާތެއްގައި ހުރި ހަރުމަތީ ފައިވާން ބެހެއްޓުމަށްފަހު ޒަމީރު ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. އޭރު އޭނާގެ އަަންހެނުން އުޅުނީ ރޮށިފިހެ ރިހަ ކައްކައެވެ.

"ގުލްފާމް... ހާދަަ މީރުވަސް ދުވެޔޭ... މިއަދު ތި ކައްކަނީ އަހަރެންނަށް އެންމެ މީރު ބިސްރިހަދޯ... ކޮބާ ސިތާރާއާ ޝިޔާދު... އެމީހުން އަދި ނުހޭލަނީތަ؟..." ޒަމީރު ސިންކު ކައިރިއަށް ގާތްވުމަށްފަހު އަތް ދޮވެލިއެވެ.

"ނަމާދުކޮށްގެން ބަދިގޭގަ ހުރެފަ ކުޑަ މީހާ ހޭލީމަ ސިތާރާ އެދިޔައީ ކޮޓަރިއަށް... އެމީހުން އަންނަން ވާ އިރަށް ހިނގާ އަހަރެމެން ސައިބޯން..." ގުލްފާމް ސައިތަށި ތައްޔާރު ކުރަން ހުރެ ވާހަކަދެއްކިއެވެ.

"ނޫން ގުލްފާމް.... އަހަރެން މިއަދު ބޭނުމީ ހުރިހާ ކުދިންނާ އެކީ ސައިބޯން... އެކުދިން ސައިބޯން އައީމަ ގޮވަލާ...." ޒަމީރު ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ސިޓިންގް ރޫމް ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ފްރޭމްތަކަށް ބަލަން ހުރި ޒަމީރުގެ ލޮލަށް ޖަމާވަމުން ދިޔައީ އުފާވެރިކަމުގެ ަރުނައެވެ.

ޒަމީރުމެންގެ އާއިލާއަކީ ކުޑަ އާއިލާއެކެވެ. އެދެމެފިރިންނަށް ލިބިފައިވަނީ ދެ ކުދިންނެވެ. އެ ދެކުދިންނަކީ ވެސް ކިޔަވައިގެން ރަށުގައި ރަނގަޅު ވަޒީފާގައި މަސައްކަތްކުރާ ކުދިންނެވެ. އޭގެތެރެއިން އެންމެ ދޮށްޓަށް ހުރި ސިތާރާއަށް ވަނީ ދެކުދިިން ލިބިފައެވެ. އަދި ޝިޔާދުގެ ހުންނަ ީ އެއްމެ ކުއްޖެކެވެ.

ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ފްރޭމްތަކުން ޒަމީރުގެ ކާފަ ދަރިންގެ ފޮޓޯތަކަށް ބަލާލި ވަގުތު ހިިނިތުންވެވުނެވެ. އެކުދިންގެ މައުސޫމްކަން ފެނި ހިތް އުފަލުން ބަންޑުން ވިއެވެ. ދުނިޔޭގައި ހޭދަ ކުރެވުނު ދުވަސްތަކުގައި ރަނގަޅު ކަންތައްތަކެއް ކުރެވުނު ކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ.

ކޮޓަރިއަށް ވަދެ ޒަމީރު އިނީ މުސްހަފް ނަގައިގެން ކިޔަވާށެވެ. ޒަމީރަށް ލިބޭ ހުސް ވަގުތުތަކުގައި އާންމުކޮށް އިންނާނީ ޤުރުއާން ކިޔަވާށެވެ. އޭގެ އިރުކޮޅެއްފަހެވެ. ޒަމީރަށް އިވުނީ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑެވެ. ޚަތިމް ލައްޕާލުމަށްފަހު ޒަމީރު ތެދުވެ ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ސިތާރާ އައިސް ހުރީ ބައްޕަ ގޮވަައިގެން ސައިބޯން ދާށެވެ. މުސްހަފް ބޭއްވުމަށްފަހު ޒަމީރު ކޮޓަރިން ނުކުތީ ސިތާރާގެ ފަހަތުންނެވެ.

ކާމޭޒު ދޮށުގައި ޒަމީރު އިށީންނަށް ހާއްސަކޮށްފައިވާ ގޮނޑީގައި އޭނާ އިށީނެވެ. އެއަށްފަހު އޭނާ ބަލާލީ އެއްފަރާތެއްގައި ހުސްކޮށް ހުރި ގޮނޑިއާ ދިމާއަށެވެ. ޒަމީރުގެ މޫނުމަތީގައިވާ އުޖާލާކަން ފަނޑުވެއްޖެކަން ގުލްފާމަށް ނަގައިގަނެވުނެވެ. ލޮލުގެ އިޝާރާތުން ސިތާރާއާ ދިމާއަށް ކަ ިއެއް އެއްލަމުން ހުސްކޮށް އިން ގޮނޑި އޭނާ ދައްކާލިއެވެ. ފަރުވާ ކުޑަގޮތަކަށް ސިތާރާ ކޮނޑުއަރުވާލީ ޝިޔާދު ނާންނާނެކަން އެނގޭތީއެވެ. ގުލްފާމް ހިތްހަމަނުޖެހުނަސް އެއްޗެކޭ ނުބުނެ ހުރީ ޒަމީރު ހިތްހަމަނުޖެހިދާނެތީއެވެ.

އެންމެން ކާން ތިއްބާ ޒަމީރު ގޮނޑި ފަހަތަށް ދަމާލާފައި އިން ތަނުން ތެދުވިއެވެ. އޭނާ މިއަދު އެއްޗެކޭ ނުބުނެ ސައި ބުއިމުގެ ބަދަލުގައި ބޭނުންވީ ތެދުވެ އެތަނުން ދާށެވެ. އެހެންދުވަސް ދުވަހު އޭނާ ކަންކުރާ ގޮތާ ހިލާފަށް ސައި ނުބޮއެ ތެދުވުމުން ގުލްފާމް ހުއްޓުން އެރިއެވެ. ޒަމީރު ގާތު ސައި ނުބޮއެ ތި ދަނީ ކޮންތާކަށްތޯ ސުވާލު ކުރުމުން ޖަވާބެއް ނުދީ ކާކޮޓަރިން ނުކުމެގެން ޒަމީރު ދިޔައީއެވެ. ވާނުވާ ނޭނގިފައި ސައިބޯން ފަށަން އެކަކަށްވެސް ނުކެރި ތިބީ ޒަމީރު ހަދާ އެއްޗެއް ބަލާށެވެ. މިވީ ހުރިހާ ދުވަހު ޒަމީރާ ނުލާ އެގޭ އެއްވެސް ކުޑަކުއްޖަކު ސައެއް ނުބޮއެވެ. އެހެންކަމުން އެގޭ އެންމެން ޒަމީރު އަންނާނެ ވަގުތެއްގެ އިންތިޒާރުގައި މަޑުކޮށްގެން ތިބީއެވެ.

ދޮރުގައި ޓަކި ޖަހާލި އަޑަށް ޝިޔާދު އެއްއަތުން އަނެއް އަތަށް ފުރޮޅިލިއެވެ. ޓަކި ޖަހަމުން ދިޔަ އަޑަށް ބަދަލެއް ނައެވެ. އެންމެފަހުން އައިސްފައި ހުރި ރުޅިގަނޑު ބޭރުކޮށްލީ ކަންފަތްމަތީ ބާރުކޮށްގެން އަޅާފައިވާ ބާލީހަށެވެ. ބާލީސް ނަގާ އެއް ފަރާތަށް ހޫރާލުމަށްފަހު ގުންފައިޖަހާފައި އޭނާ އެނދުމަތިން ތެދުވިއެވެ. ބާރު ހިނގުމެއްގައި ގޮސް ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވާލީ ދޮރުމަތީ ހުރި މީހަކާ ދިމާއަށް ފުކަކަށް ދޭށެވެ. ދެބުމަ ގޮށްޖަހައިގެން ހުރި ޝިޔާދުގެ ހަރަކާތް މަޑުވެ މީހާ ހީމޭންވިއެވެ.

އޭނާގެ ބައްޕަ އައިސް ދޮރުމަތީ ހުއްޓިގެން ޝިޔާދާ ދިމާއަށް ބަލަން ހުރިގޮތް ފެނުމުން އޭނާ ޖެހިލުންވިއެވެ. މުށްމަޅައިގެން ހުރި އަތް ތިރިކޮށްލަމުން ޝިޔާދު އިސްޖަހާލީ ބަސްއަހާ ކުޑަކުއްޖަކު ފަދައިންނެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޒަމީރު އެ ކޮޓަރި ތެރެއަށް ވަދެ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ފޮތް ބަހައްޓާފައި ހުރި ރެކު ކައިރިއަށް ޖެހިލުމަށްފަހު އޭގައި ހުރި ފޮތްތަކާ ދިމާއަށް ޒަމީރު ބަލާލީ ޝައުގުވެރި ކަމާއެކީގައެވެ.

އަދިވެސް ދެބަފައިންގެ ދެމެދުގައި ބަހުގެ މުއާމަލާތެއް ނުހިނގައެވެ. އެ ހަރުތެރޭ އެއްފަރާތަކަށް ޖަހާފައިވާ ޚަތީމް ނެގުމަށްފަހު އޭގެ ބަނޑޭރިގަނޑުގައި ހުރި ހިރަފުސްތައް ޒަމީރުގެ އަތުން ފޮޅާލިއެވެ. އަދި ޝިޔާދާ ދިމާއަށް ބަލާލުމަށްފަހު އޭނާ އައިސް އެނދުގައި އިށީނީ އެ މުސްހަފް ހިފައިގެންނެވެ.

"މިއިން ދުވަހަކު ޤުރުއާނުގެ އަކުރެއްވެސް ނުކިޔަވާ ތިހުންނަނީ ކީއްވެތޯ ބައްޕައެއް ނާހާނަން... ބައްޕަ މިއަދު ދައްކަން މިއުޅެނީ މުޅިން އެހެން ވާހަކައެއް... ދަރިފުޅަށް އެނގެން ޖެހޭނެ ބައްޕަ އަބަދަކު މިދުނިޔެއަކު ނުހުންނާނެ ކަން... އާއިލާއެއް ހިނގަން ކުރަން އޮތް ކަމަކީ ހަމައެކަ ި މަސައްކަތް ކުރުމެއްނޫން. މަސައްކަތް ކޮށްކޮށްފައި އައިސް ނިދިއަކަސް އެނިމުނީކީ ނޫން... ދަރިފުޅުގެ އަނބި ދަރިން ކުރާ މަސައްކަތާ މެދު ވިސްނާލަންވާނެ... މި ދުނިޔެއަކީ ވަގުތީ މަންޒިލެއް.... މި މަންޒިލަށްފަހު ދެން އަހަރެމެންނަށް ދެވޭ ދާއިމީ މަންޒިލުން އުފާ ހާސިލްވާނީ އަހަރެމެނ މުސްލިމުން ކުރަންޖެހޭ އެތައް ކަމެއް ކޮށްގެން.. އޭގެތެރެއިން ނަމާދަކީ އަހަރެމެންނާ އެދުވަހުން ކުރެވޭނެ ފުރަތަމަ ސުވާލު... ނަމާދުކޮށް ހެޔޮއަމަލުތައް ކުރުންމަތީ އަހަރެމެން ދެމިތިބެން ޖެހޭ... ދުނިޔޭގައި އުޅޭ އިރު ދިމާވާ ދަތިތަކަށް ކެތްތެރިވެ މާތްﷲ އަހަރެމެންނަށް ދެއްވި ނިއުމަތްތަކަށް އަބަދުވެސް ޝުކުރުވެރިވާންވާނެ... ދަރިފުޅާ މިއަދު ބައްޕަ މިދޭ ނަސޭހަތުގައި ދަރިފުޅު ހިފައިގެން ކުރިއަށް ދާނެކަމަށް ބައްޕަ ވަރަށް އުންމީދުކުރަން... މީ ފަހަރުގައި ބައްޕަ ނަސޭހަތް ދޭނެ ފަހު ދުވަހަށްވެސް ވެދާނެ.. ދެން ދޭ ރީތިވެގެން ސައިބޯން ދާން.. ބައްޕަ އަބަދުވެސް ބޭނުންވަނީ ހެނދުނުގެ ނާސްތާ ހުރިހާ ކުދިން އެއްކޮށް އެއް މޭޒެއްގެ ދޮށުގައި ތިބެ ނަގަން..."

ޒަމީރު ދެއްކި ވާހަކަތަކާ ދެކޮޅަށް އެންމެ ބަހެއްވެސް ބުނާކަށް ޝިޔާދަކަށް ނުކެރުނެވެ. އެއީ ޒަމީރާއި ގުލްފާމަށް ދެވިފައިވާ ރަނގަޅު ތަރުބިއްޔަތުގެ ނަތީޖާއެވެ. ބަސްއަހާ ކުއްޖަކު ފަދައިން ފެންވަރަން ދާން ޝިޔާދު އަވަސްވެގަތީ ބައްޕަ އެދުނުހެން އާއިލާ އެންމެން އެއް ސުފުރާ މަތިން ސައިބުއިމަށެވެ.

ފެންވަރަން ހުރި އިރުވެސް ޝިޔާދުގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު އޭނާގެ ބައްޕަ ދެއްކި ވާހަކަތަކެވެ. އެ ވާހަކަތަކުން ކޮންމެވެސް ކަހަލަ އަސަރެއް ޝިޔާދަށް ކޮށްފިކަހަލައެވެ. މިއަދުން ފެށިގެން ނަމާދުކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ. ދުނިޔޭގައި ބޭނުންވާ އުފާތައް އޭނާއ ށް ލިބިފައިވީ ނަމަވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބިގެން އުޅެން ޖެހޭ ސަބަބާމެދު އުފެދިފައިވާ ސުވާލު އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.

ލޯބިވާ އަންބަކާ ދަރިއެއް އެބަހުއްޓެވެ. އުފަލުގައި އާއިލާއަށް އެކުގައި އުޅޭވޭނެ ބޯހިޔާވަހިކަމެއް އެބައޮތެވެ. ރަނގަޅު ވަޒީފާއެއްގައި މަސައްކަތް ކޮށްގެން ލިބޭ އާމްދަނީއިން އާއިލާއަށް އެކީގައި އުފަލުގައި އުޅެވެން އެބައޮތެވެ. ދުނިޔޭގައި އޭނާގެ މައިންބަފައިން ތިބި އިރު މިއަދު ޝިޔާދުގެ ޒިންމާއަކީ އޭނާގެ މައިންބަފައިންނަށް ހިދުމަތްކޮށްދީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމެވެ. ނަމާދުކޮށް މި ނިއުމަތްތައް އޭނާއަށް ދެއްވި ކަމަށް ޝުކުރުވެރިވާން އެބަޖެހެއެވެ.

ފެންތައް އޮހެމުން ދިޔަ މާގަނޑު ބާރުކޮށްލުމަށްފަހު ތުވާލިން އޭނާ ގައި ހިއްކާލިއެވެ. އަވަސްކޮށްލައިގެން ފާހާނާއިން ޝިޔާދު ނުކުތެވެ. އޭރުވެސް އޭނާގެ ބައްޕަ ގޮނޑީގައި އިށީނދެގެން އިންތަން ފެނުމުން ޝިޔާދު އަތްމަތި އަވަސްކޮށްލިއެވެ. ރީތިވެ ނިމިގެން އައިސް ބައްޕަގެ ކޮނޑުގައި އޭނާ ހިފާލަމުން ސައިބޯން ދާން ހިނގާށޭ ބުނެލީ ބައްޕަގެ އެދުން ފުރިހަމަ ކޮށްދިނުމަށެވެ.

ގޮނޑީގައި ލެނގިލައިގެން ބައްޕަ އެއިނީ ޝިޔާދު އަންނަން ދެން ހެއްޔެވެ. ޝިޔާދުގެ އަތް ޒަމީރުގެ ކޮނޑުގައި ޖެހުމާއެކީ އޭނާގެ ހަށިގަނޑު އެއްފަރާތަށް އަރިވެގެން ވެއްޓެން ދިޔައެވެ. ޝިޔާދަށް އޭނާގެ ބައްޕަގެ ހަށިގަނޑުގައި ހިފެހެއްޓުނީ ހަމަކިރިއާއެވެ. އަޑުގެ ނެތްތަނަށް ޝިޔާދު ހަޅޭއްލަވައިގަތީ އޭނާގެ ދައްތައާ މަންމައަށް ގޮވަމުންނެވެ.

ކާމޭޒުކައިރީ ތިބި އެންމެން ދުވެފައި ކަހަލަ ގޮތަކަށް އައިސް އެ ކޮޓަރިއަށް ވަނެވެ. އެންމެން ކަހަލަ ގޮތަކަށް ބަލާލީ ރޮމުން ޒަމީރު ގޮވައިގެން ތަޅުން މައްޗަށް ތިރިވަމުން ދިޔަ ޝިޔާދާ ދިމާއަށެވެ. ހުއްޓުން އަރާފައި ޒަމީރުގެ ހަށިގަނޑާ ދިމާއަށް ބަލަން ގުލްފާމު ހުރީ ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނުކެރިފައެވެ. އެހެންދުވަސްދުވަހާ ހިލާފަށް މިއަދު ޒަމީރުގެ އުޅުމުގައި ތަފާތުކަމެއް އޭނާއަށް ވަަނީ ފާހަގަވެފައެވެ. ޒަމީރުގެ ފަހު ނޭވާ ދޫކޮށްލީ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް ނަސޭހަތް ދިނުމަށްފަހުއެވެ.

*** *** *** *** *** ***

އަނދިރިކަމެއްގެ ތެރެއިން ގަދަ އަލިކަމެއް ވެރިވެ ލޮލަށް އުނދަގޫވުމުން ޝިޔާދުގެ ލޯމައްޗަށް އަތް ހުރަސްކޮށްލިއެވެ. ދެލޯ ހަނިކޮށްލަމުން ފެންނަމުން ދިޔަ ގަދަ އަލިކަމަށް އޭނާ ބަލާލިއެވެ. ހުދު ފޭރާމެއްގައި ހުރި މީހެކެވެ. އޭނާ ކުރިއަށް ހިނގާފައި އައިސް ޝީޔާދަށް ގޮވާލިއެވެ. ހުދު ފޭރާމުގައި ހުރި މީހާގެ ހެދުމަކީ އިހްރާމެކެވެ. އޭނާގެ ހުދުވެފައިވާ ދިގު ތުނބުޅި ވަރަށް ވެސް ރީއްޗެވެ. އެމީހާގެ ގައިން ފެންނަމުން ދިޔައީ ސާފުކަމެވެ. ދުވަމުން ދިޔައީ މަޑު އަތަރެއްގެ ވަހެވެ. ދެލޯ ހުޅުވަން މަސައްކަތް ކުރަމުން ދިޔަ ޝިޔާދުގެ ކަންފަތުގައި ޖެހުނީ އޭނާގެ ބައްޕަގެ އަޑެވެ. "ދަރިފުޅާ ފަތިސް ނަމާދަށް ގޮވައިފި.. އަވަހަށް ތެދުވޭ ނަމާދަށް ދާން..."

ސިއްސައިގެން ގޮސް ހޭލި ޝިޔާދު ބަލާލީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ. އޭނާގެ މަގަތުގައި ނިދާފައި އޮތް ހުދާ އަށް އޭނާ ގޮވާލީ ފަތިސްނަމާދު ކުރަން ތެދުވާށެވެ. އެއަށްފަހު ޝިޔާދު އެންދުން ތެދުވެ އެއްފަރާތެއްގައި ހުރި އެނދުގައި ނިދާފައި އޮތް ޝިޔާދުގެ ފިރިހެން ދަރިފުޅަށް އޭނާ ގޮވާލީ ބައްޕައާ އެކު ނަމާދަށް ދާން ހޭލުމަށެވެ.

ހުދާ އެނދުމަތިން ތެދުވެ އޭނާގެ ހޭވިފައިވާ އިސްތަށިގަނޑު އެއްކޮށްލާ ހުޅިއެއްހެން ހަރުކޮށްލިއެވެ. އެއަށް ފަހު އަށް އަހަރުގެ ހައިކަލް ރީތިކޮށް ނިންމާލިއިރު ޝިޔާދު ފާހާނާއިން ނުކުމެ ތުވާލިން އޭނާގެ މޫނު ފޮހެލިއެވެ. އެ ދެބަފައިން ނަމާދުކުރަން މިސްކިތަށް ފޮނުވާލުމަށްފަހު ހުދާވެސް އަވަސްވެގަތީ ނަމާދު ކުރާށެވެ. އޭނާގެ ފިރިމީހާއަށް އައިސްފައިވާ ހެޔޮ ބަދަލު ފެނި އޭނާ މިއަދު އުފާކުރެއެވެ. ނަމާދު ކުރުމަށް މުސައްލަ ފަތުރާލުމަށްފަހު ދޮޅިއަޅާ ފަޔަށް ސްޓާކީން މަހާލިއެވެ. އެއަށް ފަހު ދެއަތް މައްޗަށް އުފުލާލުމަށްފަހު ހަށަން ބަނދެލިއެވެ.

ސަލާމްދީ ނަމާދުކޮށް ނިންމާލުމަށްފަހު އޭނާ ދެއަތް ނަގާ އުފުލާލިއެވެ. "ޔާ ﷲ ! އިބަރަސްކަލާންގެ މިއަޅާއަށް ދެއްވާފައިވާ ނިއުމަތްތަަކަށް ފައްފަށުން ޝުކުރު ކުރަން. އަލްހަމްދުލިއްލާހި. އިބަރަސްކަލާނގެ އިރާދައާއި ރަހްމަތުން މިއަޅާގެ ހަޔާތުގައި ހުރިހާ ކަމެއްވެސް މިދަނީ އެންމެ ފުރިހަމަ ގޮތަށް. އަދި މިއަޅާއަށް މިއަޅާއާ ގުޅިފައިވާ އެހެންމީހުންނަށް ރަނގަޅު ގޮތްތައް މިންވަރުކުރެއްވުން އެދެން"

ހަމްދު އެޅުމަށްފަހު ހުދާއަށް ބަލާލެވުނީ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައި ހައިކަލްއާ ޝިޔާދާ ދިމާއަށެވެ. ދޮޅި ބާލައި ފަތްޖަހާލުމަށްފަހު މުސައްލަ ތެރެއަށްލާ އޮޅާލިއެވެ. އަދި އެއަށްފަހު އެނދާ ދިމާއަށް ހުދާ ބަލާލިއެވެ. ހައިކަލް އޭރު އެނދަށް އަރާ އ ށޯވެ ބާލީހުގައި ބައްދާ ދެލޯ މަރާލައިފިއެވެ. ޝިޔާދު ފޮތް ހަރުކައިރިއަށް ޖެހިލުމަށްފަހު ޚަތިމް ނަގާ އޭގައި އަތް ހާކާލިއެވެ. އަދި ޑްރެސިންގް ޓޭބަލް ކައިރީ ހުރި ގޮނޑީގައި އިށީންނަމުން އޭނާގެ ލޯބިވާ އަނބިމީހާއާ ދިމާއަށް ބަލާލިއެވެ.

"ބައްޕަ ނިޔާވިތާ އަހަރެއްވީ. މިއަދު ހުކުރަށް ފަހު ސަދަގާތެއް ބަހަން މި އުޅެނީ..." އިސްޖަހާލުމަށްފަހު ޝިޔާދު އެ ޚަތިމުގައި ފާހަގަކޮށްފައިވާ ސަފްހާ ހުޅުވާލިއެވެ. އެއަށްފަހު އޭނާގެ ފިރިހެންވަންތަ ރީތި އަޑުން ޤުރުއާނުގެ އާޔަތްޔައް ކިޔަވަން ފެށިއެވެ.

ބަދިގޭގައި ގުލްފާމު މިހާރު ސައިތައްޔާރުކުރަން އުޅޭނެކަން އެނގޭތީ ހުދާ ކޮޓަރިން ބޭރަށް ނުކުތުމަށް އަވަސްވެގަތީ މަންމައަށް އަތް ގާތްކޮށްދީ އެހީވުމަށެވެ. ދޮރު ލައްޕާލަމުން ފަހު ފަހަރަށް ހުދާ އެ ކޮޓަރި ތެރެއަށް ބަލާލިއެވެ. އެނދުގައި އޮށޯތް ހައިކަލްއަށް އޭރު އޮތީ ނިދިފައެވެ. ޝިޔާދު ގުރުއާން ކިޔަވަން އިން ދިމާއަށް ބަލާލިއިރު ހުދާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.

ބައްޕަގެ ނަސޭހަތް އަޑުއަހައިގެން ޝިޔާދު ބަދަލުވީތީ އެކަމާ ހުދާ އިންތިހާއަށް އުފާކުރެއެވެ. ބައްޕަ މިއަދު ދުނިޔޭގައި ނެތުމުން އެކަމާ ހިތާމަ ކުރިޔަސް ބައްޕަ މި ދުނިޔެ ދޫކޮށްފައި ދިޔައީ ހުދާ ބޭނުންވި ކަހަލަ މީހަކަށް ޝިޔާދު ބަދަލުކޮށްދީފައެވެ. ބައްޕަގެ ނަސޭހަތް ގަބޫލުކޮށް މިހާރު ޝިޔާދަކީ ދީންވެރި ރަނގަޅު މާތް ފިރިހެނެކެވެ. ދަރިންދެކެ ލޯބިވާ އަނބި މީހާއަށް އޯގާތެރި ފިރިއެކެވެ.

"އަލްހަމްދުލިއްލާއި"

(ނިމުނީ)