ނިދާފައި އޮތް އިރުފާނަށް ހޭލެވުނީ އޭނާގެ ގައިދަށުގައި އޮތް ފޯނު ވައިބްރޭޓް ވާތީއެވެ. ކަންނެތް ގޮތަކަށް އޭނާގެ އަތް ފޯނު ހޯދަން ހަރަކާތްކުރިއިރުވެސް ދެލޯ ހުޅުވާކަށް މަސައްކަތެއް ނުކުރެއެވެ. ފޯނާ ހަމައަށް އޭނާގެ އަތް ފޯރަންވާއިރަށް އެ ކޯލު ކެނޑިއްޖެއެވެ. އެހެންކަމުން ބައް ާ ބާލީސް ގެނެސް މޭގައި ލައްކޮށްލާ ބާރަށް ދެއަތުން ބާލީހުގައި ބައްދާލަމުން އިރުފާން އަނެއްކާވެސް މަސައްކަތް ކުރީ ނިދާލެވޭތޯއެވެ.
ނިދި ފިލައިގެން ގޮސް ކުއްލިއަކަށް އިރުފާނަށް ލޯ ހުޅުވާލެވުނީ ކަމެއް މަތިން ހަނދާންވުމުންނެވެ. އޮފީހުން ގެއަށް އައި ގޮތަށް އޭނާ ނިދަން ޖައްސާލީ ރައްޓެހިންނާއެކީ ފިލްމެއް ބަލަން ދާނަން ކަމަށް ވައުދުވެފައެވެ. ލޯ އުނގުޅާލުމަށްފަހު އިރުފާން އެނދުން ތެދުވީ ފެންވަރައިގެން ތާޒާ ވެލާށެވެ. ފެންވަރަން ވަނުމުގެ ކުރިން ކޮޓަރީގައި ހުރި ގަޑިއާ ދިމާއަށް ބަލާލީ އޭނާ ފެންވަރައިގެން ތައްޔާރުވާނެހާ ވަގުތު އޮތްތޯ ޔަގީން ކޮށްލާށެވެ. ވަގުތު އޮތް ނަމަވެސް އޭނާ ފާހާނާއަށް ވަދެ ތައްޔާރުވާން އަވަސްވެގަތެވެ. ލަސްވެއްޖިއްޔާ ހުރިހާ ރައްޓެހިން އޭނާއާ ދިމާކުރާނެތީ އިރުފާން ބޭނުންވީ މިއަދު ފިލްމް ބަލަން އެތަނަށް އެހެން ރައްޓެހިންނަށް ވުރެ ކުރިން ދާށެވެ.
ފެންވަރައިގެން ނުކުމެ ރީތި ވާން ލޯގަނޑު ކައިރީ ހުރެ އޭނާގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެއަށްފަހު ޑްރެސިންގް ޓޭބަލް މަތީ ހުރި "ސެވޭޖް" ސެންޓު ފުޅިން ސެންޓުކޮޅެއް ގަޔަށް ބުރުވާލުމަށްފަހު ވޮލެޓް ޖީބަށް ލިއެވެ. އަދި އެނދުމަތީ އޮތް ފޯނު ނަގާ ބެލްކަންޏަށް އޭނާ ނުކުތެވެ. ފޯނަށް އައިސްފައިވާ މިސްޑް ކޯލްތަކަށް ބަލަމުން ދިޔަ އިރުފާންގެ ނިތައް ރޫގިނަ ކޮށްލެވުނީ އޭނާ ނުދަންނަ ނަންބަރަކުން އެތައް ފަހަރަކު ގުޅާފައި އޮތުމުންނެވެ. ބެލްކަނީގެ ރޭލިންގް ދަގަނޑު ގަނޑުގައި ހިފަހައްޓައިގެން ހުރެ އޭނާ އެއް އަތުން ފޯނުގެ ސްކްރީންގައި ޓަޗްކުރަމުން ދިޔައެވެ.
ކޯލް ލިސްޓް އިތުރަށް އޭނާ ހާވާލީ އެ ނަންބަރަކީ އަނެއްކާ އޭނާގެ އޮފީސް މަސައްކަތެއްގައި ގުޅާފައިވާ ނަންބަރެއް ތޯ ޔަގީންކޮށްލާށެވެ. އެ ގޮތް ނޭނގޭ ނަންބަރާ މެދު ވިސްނާލަން ހުރެ އިރުފާން އިސް އުފުލާލިއެވެ. އެއްގޮތަކަސް އެނަންބަރަކީ އޭނާ ދަންނަ ނަންބަރަކާ ވައްތަރުވެސް ނަންބަރެއް ނޫނެވެ.
އެ ވަގުތު އޭނާ އުޅޭ އެޕާޓްމަންޓުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ފްލެޓުގެ އެޕާޓްމަންޓަށް އޭނާގެ ކަޅި އަމާޒުވިއެވެ. ރޭގަނޑު އަށެއް ޖެހިއިރު އެ އެޕާޓްމަންޓުގެ އެއްވެސް ބައެއްގައި އަލިކަމެއް ނެތެވެ. ވަށައިގެން ފެންނަން ހުރި އެހެން އެޕާޓްމަންޓްތަކަށް އޭނާގެ ނަޒަރު ހިންގާލެވުނެވެ. ބައެއް އެޕާޓްމަންޓްތަކުގައި އަލިކަމެއް ނެތުމުން އޭނާއަށް އެ ހިސާބުގައި ފަޅުކަމެއް ވާކަން އިހްސާސް ކުރެވުނެވެ. އަނބުރާ ކުރިމަތީ ހުރި އެޕާޓްމަންޓަށް އަނެއްކާވެސް އޭނާގެ ނަޒަރު ހުސްކޮށްލެވުނެވެ. ސްކޫލު ބަންދުވުމުން ގިނަ މީހުން ރަށަށް ދާ ދުވަސްކޮޅަކަށް ވާތީ މި ދުވަސްކޮޅު އެ ފްލެޓްތަކު ްވެސް މީހުން މަދުކަން ފާހަގަވަނީ އެހެންވެ ކަން އޭނާއަށް ނަގައިގަނެވުނެވެ.
އެ ހިޔާލުތަކުން ދުރަށް ޖެހިލުމަށްފަހު އަނެއްކާވެސް އޭނާގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. ފޯނުން ކޯލު ލިސްޓަށް ބަލަމުން ދިޔައިރު އެ ނަންބަރުން އައިސްފައިވާ ކޯލެއް މިރޭ އިރުއޮއްސުނު ފަހުން އިރުފާން ވަނީ ނަގާފައެވެ. ކޯލަށް ހޭދަވެފައިވާ ވަގުތަށް ބަލާލިއިރު އެ ކޯލުގައި އިރުފާން ވަނީ ބައިގަޑިއެއް ހާއިރު ހޭދަކޮށްފައެވެ. ހަނދާންކޮށްކޮށް ވެސް އެ ވަގުތު އިރުފާން ފޯނު ކޯލަކަށް ވާހަކަ ދެއްކި ހަނދާނެއް ނުވިއެވެ. ގުޅާލަން ހިތަށް އަރާފައި ވެސް އެ ނަންބަރަށް ގުޅަން ފަސްޖެހުނެވެ. ނެގިފައިވާ ކޯލަށް އޭނާއަށް ދެއްކުނީ ކޮން ވާހަކައެއްކަން ހަނދާން ނެތުމުން އޭނާ ޖެހިލުންވިއެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އިރުފާން ދިރިއުޅޭ އެޕާޓްމަންޓުން ނުކުންނަން އޭނާ ހިނގައިގަތީ މޭޒުމަތީ އޮތް ތަޅުދަނޑި ހިފައިގެންނެވެ. ސިޑިން ފައިބެ އެ ފްލެޓުން އޭނާ ނުކުމެ ޕާކް ކޮށްފައިވާ އޭނާގެ ސައިކަލާ ދިމާއަށް މިސްރާބު ޖެހިއެވެ. ސައިކަލަށް ސްޓާޓް ކުރުމަށްފަހު ހުޅުމާލެ ޝްވެކް ސިނަމާއާ ދިމާއަށް ދިއުމަށް އޭނާ އަވަސްވެގަތީ އެހެން ރައްޓެހިންނަށް ވުރެ ކުރިން އެ ތަނަށް ދާން ބޭނުންވެފައި ހުރުމުންނެވެ.
ސައިކަލުގައި އިން އިރުވެސް އިރުފާނުގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އޭނާގެ ފޯނަށް ތަކުރާރުކޮށް ގުޅާފައިވާ ގޮތް ނޭނގޭ ނަންބަރެވެ. ތިރީސް މިނެޓް ހޭދަވެފައިވާ ކޯލެވެ. ނިދީގައި އޮވެ އެ ފޯނު ކޯލު ނަގައިގެން ވާހަކަ ދެއްކުނީ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެހެން ވެއްޖެ ނަމަ އޭނާއަށް ކިޔުނީ ކީކޭ ހެއްޔެވެ. ވިސްނާ ވިސްނާވެސް އެ ކޯލަށް ވާހަކަ ދެއްކުނު ހަނދާނެއް ނެތެވެ.
ފިލްމު ފެށެންވާއިރަށް ހުރިހާ ރައްޓެހިން އައިސްފިއެވެ. އެންމެން އެކީ ޕޮޕް ކޯނާ އެކު ބުއިމެއް ނަގައިގެން ފިލްމު ބެލުމަށް ސިނެމާ ހޯލްތެރެއަށް ވަނެވެ. ގޮނޑީގައި އިށީނދެ ހަމަޖެހިލި އިރުވެސް އިރުފާންގެ ސިކުނޑިއަށް ބާރު ބޮޑުވެފައި ވަނީ އޭނާގެ ފޯނަށް އައިސްފައިވާ ކޯލްތަކުގެ ހަގީގަތް އޮޅުން ފިލުވަން ބޭނުންވެފައި އިންލެއް ބޮޑުކަމުންނެވެ. ބަލަން އިން އިނގިރޭސި ފިލްމުގެ މަންޒަރުތައް ކުރިއަށް ދިޔައިރު އެއަށް އިރުފާނަށް ދެވޭ ސަމާލުކަން ވަނީ ކުޑަވެފައެވެ.
ކުއްލިއަކަށް އެ ފިލްމުން އިވިގެން ދިޔަ ޖުމްލައަކުން އިރުފާނުގެ ސިކުނޑީގައި ރަނގަބީލެއް ޖަހާލި ކަހަލައެވެ. އެ ތަންކޮޅަކީ މީގެ ކުރިން އެނާއަށް އިވިފައިވާ ޑައެލޮގަކާ ވައްތަރުވިއެވެ. އެ އަޑު ތަފާތަސް އެ ޖުމްލައިގެ އެންމެ އަކުރަކަށްވެސް ފިޔަކަށްވެސް ބަދަލެއް ނާދެއެވެ. އެ ޖުމ ލަ ހަމައެގޮތަށް މީގެކުރިން އޭނާއަށް ވަނީ އަޑުއިވިފައެވެ.
"އައި ކާންޓް ޑޫ ދިސް އެނީމޯ... އައި ވޯނަ ޑައި..."
އިރުފާންގެ ބޮލުގައި ރިހުމެއް އުފެދުނެވެ. އަތުގައި އޮތް ޕޮޕްކޯނު ތަށި އަތުން ދޫވެގެން ވެއްޓުމުން އިރުފާނުގެ މަގަތުގައި ފިލްމް ބަލަން އިން އޭނާގެ ގާތް އެކުވެރިއާ އީމާން ބަލާލިއެވެ. ގެއްލިފައި އިން އިރުފާނަށް ސިހުމެއް ލިބުނީ އޭނާގެ އަތުގައި އޮތް ފޯނު ރިންގް ވާން ފެށުމުންނެވެ. ތެޅިގަނެފައި ދިއްލިފައިވާ ފޯނުގެ ސްކްރީނަށް އިރުފާނު ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ހާސްވެފައިވާ އިރުފާނުގެ މޫނަށް ބަލަހައްޓައިގެން އިން އީމާނަށް ކޮންމެވެސް ނުބައެއް އުޅޭކަން ދެނެގަނެވުނީ އިރުފާން ގަބުވެފައި ފޯނަށް ބަލަހައްޓައިގެން އިން ގޮތުންނެވެ.
އެކުވެރިޔާއަށް ވީ ކިހިނެއްތޯ ބަލާލަން ބޭނުންވެގެން އީމާން ސުވާލުކުރިއެވެ. މީ ވަރަށް ސީރިއަސް ކަމެއް ކަމަށް ބުނެ އެ ނަންބަރުން މިއަދު އެތައް ފަހަރަކު ގުޅި ކަމަށާއި އޭގެތެރެއިން އެއް ކޯލު އިރުފާނަށް ނިދީގައި އޮވެ ނެގިފައިވާ ވާހަކަ އިރުފާން ކިޔައިދިނެވެ. އިރުފާން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އީމާން އިނީ ދެބުމަ ގޮށް ޖަހައިގެންނެވެ. ހަދާނެ ގޮތް ހުސްވެފައި އިން އިރުފާނަށް އެކުވެރިޔާއަށް އެހީތެރިވާން ބޭނުންވިއެވެ. އެހެންކަމުން އެ ނަންބަރަކީ އީމާން ދަންނަ ނަންބަރެއްތޯ ބަލަން އެ ނަންބަރު ފޯނުގައި ޖަހާލިއެވެ. އެ ނަންބަރަކީ އީމާންގެ ފޯނުގައި ވެސް ސޭވްކޮށްފައިވާ ނަންބަރެއް ނޫނެވެ.
އެ މަޝްވަރާގައި ދެމީހުން ތިއްބާ އިރުފާނުގެ ފޯނަށް އައި މެސެޖް ޕޮޕް ވުމުން ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލާލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ.
"ވައި އާޔޫ އިގްނޯރިންގް މީ... ބޭނުން ނޫނިއްޔާ ބުނޭ... އަހަރެން އޭރުން ދުވަހަކުވެސް އުނދަގުލެއް ނުކުރާނަން..."
މެސެޖް ކިޔާލުމަށްފަހު އިރުފާން ދެލޯ ބޮޑުކޮށްލިއެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ. އަނެއްކާ ބަޔަކު އޭނާ ހައްދަނީ ހެއްޔެވެ. ރައްޓެއްސަކުވެސް ސަމާސާއަަކަށް އެކަހަލަ ކަމެއް ކޮށްގެން ނުވާނެއޭ އިރުފާންގެ ހިތަށް އެރިއެވެ. އިރުފާނުގެ އަތުގައި ހިފަމުން އީމާން ގޮނޑިން ތެދުވެ ބޭރަށް ދާން ހިނގައިގަތެވެ. ދެން ތިބި އެކުވެރިން ވީ ކިހިނެއްތޯ ސުވާލުކޮށްލީ އެދެމީހުން އެކީގައި ބޭރަށް ދާތަން ފެނުމުންނެވެ. ވަރަށް އެމަޖެންސީ ކަމެއް ޖެހިގެން ބޭރަށް މި ނުކުމެލަނީއްޔޭ ބުނެ އިރުފާނާއި އީމާން ސިނަމާއިން ނުކުތެވެ.
"ދެން ގުޅާބަލަ އެ ނަންބަރަށް.... ސްޕީކަރަށް ލައިގެން ހުރޭ.... އޭރުން މަށަށްވެސް އަޑު އިވޭނީ... ގުޅާ... މިހާރު ބަލަންވެއްޖެ ދޯ ތީ ކާކުކަން؟..." އިރުފާނުގެ ކޮނޑުގައި އަތް އަޅުވާލަމުން އީމާން ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައި ހުރެއެވެ. ފޯނު ނަގާ އެ ނަންބަރަށް ޑައަލް ކޮށްލަމުން އިރުފާނު ސައިކަލުމަތީ ފޫ ޖައްސާލިއެވެ. އަދި ސްޕީކަރަށް ލުމަށްފަހު އެކުވެރިޔާގެ މޫނަށް ބަލާލިއެވެ. އެތައް އިރަކު ރިންގްވަމުން ގޮސް ފޯނު ކެނޑުނު އިރުވެސް އެކޮޅަކުން ފޯނެއް ނުނެގިއެވެ. އިރުފާން ފޯން ކަނޑާލުމަށްފަހު ޝްވެކް ސިނަމާ ހުރި އިމާރާތާ ދިމާއަށް ބަލާލިއެވެ.
"މަށަށް ޔަގީން ތިނަނުން ކޮންމެސް އެކަކު އި އުޅެނީ މަ އޭޕްރީލް ފޫލް ހައްދަން... ބުނަން މީކީ އެހާ މަޖާ ކަމެއް ނޫން އިނގޭ..." އިރުފާނު ހިތްހަމަނުޖެހިފައިވާ ކަން އޭނާގެ ވާހަކަ ދެއްކުމުގެ ރާގުންވެސް ފާހަގަވިއެވެ.
އިރުފާނު ކުރިމަތީ ހުރި އެކުވެރިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ އަބުއިކަމެވެ. އެއްވެސް ސަމާސާ ކަމެއް އެމޫނުން ފެންނާކަށް ނެތެވެ. އިތުރު އެއްޗެކޭ ނުބުނެވޭނީސް އިރުފާނުގެ އަތުގައި އޮތް ފޯނު ރިންގްވާން ފަށައިފިއެވެ. ފޯނަށް ބަލާލުމަށްފަހު އިރުފާނު ދަތްކުނި ވިކާލިއެވެ. އަދި ފޯނު ނަގާ ސްޕީކަރަށް ލުމަށްފަހު ހަލޯއޭ ބުނަން އަނގަހުޅުވާލިއެވެ. ނަމަވެސް އިރުފާނު އެކީ ހިމޭންވެއްޖެއެވެ. އެ ދެމީހުންގެ ކަންފަތުގައި ޖެހުނީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑެވެ. އޭނާ ގިސްލަގިސްލާފައި ރޮނީއެވެ. އިރުފާން އެއްޗެކޭ ނުބުނެ މަޑުކޮށްގެން ހުރީ އެކޮޅުން ވާހަކަ ދައްކާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
"ކީއްވެ އަނގައިން ނުބުނެ ތިހުރީ... އަހަރެންނާ ދެން ވާހަކަ ނުދައްކާކަށްނު ތިއުޅެނީ... އަަހަރެން ވަރަށް ގުޅައިފިން ވާހަކަ ދައްކަން ބޭނުންވީމަ ދޯ މިވަރަށް ގުޅާނީ... އެކަމު ފޯނު ނުނަގާ ތިއުޅެނީ... އަހަރެން ދެރަވާނެ ވަރު އިނގޭތަ... އަހަރެން މިއަދު ކިހިނެއް މި ދުނިޔެއާ ކުރިމަތިލާނީ.. ބުނެބަލަ... ޖަވާބު ދީބަލަ..."
އެ އަޑުގައިވާ ރިހުން އިރުފާންގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ. އިރުފާނަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ތި ގުޅަނީ ނުބައި ނަންބަރަކަށޭ ބުނަން އުޅެފައިވެސް އިރުފާންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ދެން ވެސް ވާހަކަ ދެއްކީ އެކޮޅުންނެވެ. "މާދަމާ މިކަމުގައި އެންމެންވެސް އިނގިލި ދިއްކުރާނީ އަހަންނާ ދިމާއަށް... އަހަރެން ކިހިނެއް އެންމެނާ ކުރިމަތިލާނީ.. މިކަން އެނގިއްޖިއްޔާ އަހަރެންގެ މަންމަވެސް އަހަރެން މަރާލާނެ... އަހަރެން ލައްކަ ދުވަހު މަޑުން މިހުރީ ތީނަ އެއްޗެކޭ ބުނޭތޯ ދޯ.. އަހަރެން ޕްރެގް ވާހަކަ ބުނީމަ އަހަރެން އިގްނޯ ކޮށްލީނު... މީ އަހަރެން އެކަނި ކުރި ކަމެއްތަ؟..."
ދެލޯ ބޮޑުކޮށްލަމުން އިރުފާނުގެ މޫނަށް އީމާން ބަލާލީ އެވަރުގެ ކަމެއް އިރުފާން ކުރީ ކޮން އިރަކު ބާވައޭ ހިތަށް އެރުމުންނެވެ. އަދި ބިޓެއްވެސް ނުނަގާ އުޅޭ އިރުފާންގެ އަމަލުތައް މިހާ ހިސާބަށް ދިއުމުން އޭނާ ހުރީ އާޝޯޚްވެފައެވެ. އިރުފާންގެ ބޮލުގައި އެވަރުގެ ތުހުމަތުތަކެއް އަޅުވ މުން ދާތީ އޭނާއަކަށް އެ ވާހަކަތައް އަޑުއަހާކަށް ހިމޭނަކުން ނުހުރެވުނެވެ. "އަަހަރެން ކޮން އިރަކު... އޭ ކީކޭ ތިކިޔަނީ.. ތީ ކާކު؟..."
"ބުނަން ވާހައެއް... ދެން މިކަން ނޭނގޭ ކަމަށް ހެދިއަސް އަހަރެންނަށް ކުރެވޭނެ ކަމެއް ނެތް... އަހަންނަށް ޝާން ދިން ބޭސްތައް ކައިގެން މިއޮއް މޮޔަވަނީ... ކާކު ކައިރިއަށް އަހަރެން ދާނީ... އަހަރެން މަންމަމެން އެ އުޅޭނީ އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާން... ގޮސްފިއްޔާ ހުރިހާ ކަމެއް ބަސްޓް ވާނެ... އޭރުން މިދުނިޔޭގައި ހުންނާކަށް ލާހިކެއް ނޫން... އެއަށް ވުރެ މަށަށް މާ ރަނގަޅު އަމިއްލައަށް މަރުވުންވެސް.... އިނގޭ މިހާރު ޝާންއަށް މި ރައްޔަ ނޭނގޭނެކަން... އެނގޭކަށް ބޭނުމެއް ނުވާނެ ކަންވެސް" އެ އަންހެން ކުއްޖާއަށް ރޮވެން ފެށުމުން އޭނާގެ ވާހަކަ މެދުކެނޑުނެވެ. ދެން އިވެމުން ދިޔައީ އެ އަންހެން ކުއްޖާގެ ގިސްލާ ރޯ އަޑެވެ.
"ރައްޔާ... ކޮންތާކު ތިހުރީ.... ބުނެބަ... އަދި މަރުވާކަށް ނުވެއެއްނު... މަމި ދަނީ..." އިރުފާނުގެ ސައިކަލަށް އަރަން އޭނާގެ އެކުވެރިޔާއަށް އިޝާރާތްކޮށްލަމުން އޭނާގެ ޖީބުން ތަޅުދަނޑި ނަގާ ދިއްކޮށްލިއެވެ. އެއަށް ފަހު ފޯނު މިއުޓަށް ލިއެވެ. އެކޮޅުން އޭރުވެސް އެ އަންހެން ކުއްޖާ ދިޔައީ ވާހަކަ ދައްކަމުންނެވެ. "މީނީ ޓެރަސްގަ... އިނގޭތަ.. އައިމް ބްލީޑިންގް އަލޮޓް... އަހަރެން މަރުވަނީ ކަންނޭނގެ...ޝާން ޕްލީސް ހެލްޕް މީ..."
"ސައިކަލު ސްޓާޓް ކޮށްބަލަ... ވަރަށް އަވަހަށް ނައްޓާލަބަލަ ޕްލެޓިނަމް ކައިރިއަށް... ވަރަށް އަވަސް..." އިރުފާނުގެ ވާހަކަތައް ހުރިގޮތުން އީމާން އިނީ ހައިރާންވެފައެވެ. ރައްޔަ ޕްރެގް ކޮށްލީ ހަމަ އިރުފާނު ބާވައޭ އީމާންގެ ހިތުގައި ސުވާލު އުފެދުނެވެ. އިރުފާނާ ދިމާއަށް ދެން އެ އަންހެން ކުއްޖާ ޝާންއޭ ކިޔަނީ ކީއްވެހެއްޔެވެ. އެތައް ސުވާލުތަކެއް ކުރަން ބޭނުންވި ނަމަވެސް މިވަގުތަކީ އެ ސުވާލުތައް ކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަން އިމާނަށް އެނގުނެވެ. އެހެންކަމުން ލަސްނުކޮށް މަންޒިލާ ހަމައަށް ދިއުމަށް އީމާން ސައިކަލު ސްޓާޓްކޮށްލިއެވެ.
އިރުފާނު ފޯނުގެ މިއުޓް ކަނޑާލަމުން އަނެއްކާ ފޯނު ކަންފަތުގައި ޖަހާލިއެވެ. "ރައްޔާ... ޕްލެޓިނަމްގަތަ؟..." އިރުފާން މިފަހަރު އެ ސުވާލުކޮށްލީ ޔަގީން ކުރާށެވެ. ރައްޔަ ހުރީ ޕްލެޓިނަމްގައި ތޯ ޔަގީންކުރާށެވެ.
އެ އަންހެން ކުއްޖާ ވާހަކަ ދައްކަން ފެށީ އޭނާ ހުރި ދިމާލުން ތިރިއަށް ބަލާލަމުންނެވެ. "ޝާން... އަހަރެންނަށް މައާފް ކުރޭ... އަހަރެންނާ ހެދި ވަރަށް އުނދަގޫ ވެއްޖެއްނު ދޯ.. ދެން ރައްޔަ ޝާންއަކަށް ދުވަހަކުވެސް އުނދަގުލެއް ނުކުރާނަން... އަހަރެންނާ ހެދި އެންމެނަށްވެސް އުނދަގޫވާކަން އިނގޭ..."
މެދުނުކެނޑި އިރުފާން ދިޔައީ ރައްޔައަށް ވިސްނައިދޭން މަސައްކަތް ކުރަމުންނެވެ. ރައްޔަ ރޮމުން ދިޔަ އިރު އިރުފާން ދައްކަމުން ދިޔަ ވާހަކަތައް ގަބޫލު ކުރަން ބޭނުން ނުވާތީ ދެއަތަށް ބޯހޫރުވަމުން ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ރައްޔަ އެއް އަތުން އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ނޭފަތް ދަމާލަމުން އޭނާ ވާހަކަ ދެއްކީ އަނދިރިކަމުން ފުރިގެންވާ ހާމަކޮށްއޮތް އުޑުމައްޗަށް ބަލާލަމުންނެވެ. "ނޫން ޝާން.. ނޫން... މިހާރު މާ ލަސްވެއްޖެ... ދެން އަހަންނަކަށް ކެތެއްނުވާނެ..."
ރައްޔަގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އެ އިމާރާތުގެ މަތިން ތިރިއަށް ފޯނު ވެއްޓި ބިންމައްޗަށް ޖެހުނު ގޮތަށް އެ ފޯނު އެކީ ފުނޑުފުނޑުވެ އެކި ބައިބައި ވަކިވިއެވެ. އިމާރާތުގެ ތިރީގައި ތިބި މީހުން އެއްފަހަރާ ކަހަލަ ގޮތަކަށް މައްޗަށް ބަލާލީ އެ ފޯނު ވެއްޓުނު ބައެއް ދެނެގަންނާށެވެ. އޭރު ޓެރަސް މަތިން ތިރިއަށް ބޯދިއްކޮށްގެން އިން ރައްޔަ އެތަނުން މީހަކަށް ފެނިގެން ހަޅޭއް ލަވައިގަތެވެ.
ރައްޔަގެ ފުން ނޭވާއެއް އެތެރެކޮށްލިއެވެ. އަދި ހިތާ ހިތުން އެނާއާ ދިމާއަށް މީހުން ކިޔާނެ އެއްޗިހި ހަނދާންކޮށްލިއެވެ. ރަށްމެދަށް ބަލިވެ އިންކަން އެނގިއްޖިއްޔާ އޭނާގެ މައިންބަފައިންނަށް ކުރާނެ އަސަރު އޭނާގެ ހިތަށް އެރިއެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅެން ލަދުގަންނާނެ ވަރު އޭނާއަށް އިހްސާސް ކުރެވުނެވެ. ޝާންގެ ލޯބީގައި ޖެހިގެން އުޅެވުނު ގޮތުން ތިމާގެ އިއްފަތްތެރިކަން ގެއްލިގެން ދިޔައިރުވެސް މިވަރުކަމެއް ވެދާނެއެކޭ ރައްޔަ ހިތަކަށް ނާރައެވެ. ނަހަލާލު ގުޅުމަކުން ލިބުނު ނަތީޖާއަށް ބިރުވެތި ނުވެ ދެން އެޅުނީވެސް ރައްޔައަށް ކަތި ފިޔަވަޅެކެވެ. ދުނިޔޭގެ ލަދަށް އެއްގޯހަށް ފަހު އަނެއް ގޯސް ރައްޔައަށް ހެދުނީތީ އޭނާ މިހާރު އަމިއްލަ މީހާ ދެކެވެސް ފޫހިވަނީއެވެ.
ކުރިއަށް އޭނާގެ ކަނާތު ފައި އަޅާލަމުން ދެލޯ މަރާ ތަގުޅިކޮށްލިއެވެ. އަދި ބޭރަށް ނެރުނު ފަޔަށް ހަށިގަނޑުގެ ވަރު ދޫކޮށްލަމުން ވާތުފައި އުފުއްލާލީ މި ދުނިޔެއާއި އަލްވަދާއު ކިޔަމުންނެވެ.
ރައްޔަގެ އަތުގައި ހިފާ ގަޔާ ދިމާއަށް އިރުފާނަށް ދަމައިގަނެވުނީ ހަމަކިރިޔާއެވެ. ރައްޔައާއެކީ އިރުފާނު ތަޅުން މައްޗަށް ވެއްޓުނެވެ. އަދި ރައްޔަގެ ހަށިގަނޑުގައި ހިފަހައްޓާލަމުން އޭނާގެ މޫނަށް އިރުފާން ރަނގަޅަށް ބަލާލިއެވެ. "މަރެއް ނުވާނެ... ލައިފްގަ ދިމާވާ ކަންކަމާ ފޭސް ކުރާ ީ... ތިހާ ފިނޑިވާކަށް ނުވާނެ... ރައްޔައަށް މިސްޓޭކެއް ހެދިއްޖިއްޔާ އެ ކުށަކަށް އިއުތިރާފްވެ ތައުބާ ވާނީ... މަރުވުމަކީ އަދި ހައްލެއް ނޫން.. އަމިއްލަ މަރުވުމަކީ ބޮޑުވެގެންވާ ފާފައެއް... ދެން އެހެން ނުހައްދައްޗޭ... އަހަރެން މިހުރީނު..."
ރައްޔަގެ ގައިގާ ފިރުމާލަމުން އިރުފާނު ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ. ވަރަށް ވިސްނައިދިނުމަށްފަހު ރައްޔަގެ އެޕާޓްމަންޓަށް ގެންގޮސްދިނެވެ. އަދި ރައްޔައަށް ބެލުމަށާއި އޭނާ މަރުވަން އުޅުނު ވާހަކަ އެގޭ މީހުންނަށް އިރުފާން ކިޔައިދިނެވެ. އޭނާއަށް އޯގާތެރިވުމަށާއި ވިސްނައިދ ހެޔޮ ނަސޭހަތް ދިނުމަށް ވެސް އޭނާ އެދުނެވެ.
އެ އެޕާޓްމަންޓުން ބޭރަށް އިރުފާނު ނުކުތް އިރު އީމާން ހުރީ އިރުފާން ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ސިޑި ކައިރީ ހުރި ކުޑަދޮރުން ބޭރު ބަލަން ހުރި އީމާން ގާތަށް ހުއްޓިލަމުން ގެއަށް ދާން ހިނގާށޭ އިރުފާން ބުނެލީ އެކުވެރިޔާގެ ކޮނޑުގައި ހިފާލަމުންނެވެ. ކުރިމަތިން ފެންނަން ހުރި އެޕާޓްމަންޓަށް ބަލަން ހުރި އީމާން ދެއަތަށް ބޯ ހޫރާލަމުން ވާހަކަ ދެއްކިއެވެ.
"ރައްޔަ އެއީ ތީނާ އަބަދުވެސް ބެލްކަނީގަ ހުރެ ބަލަމުން ދިޔަ މަންޖެ ދޯ... ބުނަމެއްނު އަބަދު ރޯން ހުންނަތަން ފެނެއޭ... ފާޑެއްގެ ފިރިހެން ކުއްޖަކާ ޒުވާބު ކުރާތަންވެސް ފެނެއޭ. އެއީ ރައްޔަ އަކީ... ދޯ" ރައްޔައަކީ ކާކުކަން އީމާނަށް އެނގުމުން އިރުފާން އިސް ޖަހާލަމުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކާލިއެވެ. ބޯޖަހާލަމުން ގެއަށް ދާން އިރުފާން ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ސިޑިއާ ހަމައަށް ގޮސް ފިޔަވަޅު މަޑުޖައްސާލަމުން ފޯނު ނަގާ އޭގެ ސްކްރީނަށް ބަލާލިއެވެ. ރައްޔަގެ ނަންބަރު އޭނާގެ ފޯނަށް ސޭވްކޮށްލަމުން އީމާންގެ މޫނަށް އޭނާ ބަލާލީ ހިނިތުންވަމުންނެވެ.
"އެއް ނަންބަރު ނުބައިކޮށް ޖެހިގެންވެސް އޭނައަށް މަށަށް ގުޅުނު ކަން އެއީ ބޮޑު ނަސީބެއް... ދެން ހިނގާ ދާން"
(ނިމުނީ)