މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުން ދަނީ މި ސަރުކާރުގެ ދޯހަޅި ކަމުން ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ރަމަޟާން މަހާއި ދިމާކޮށް ބަޒާރުގައި ތަކެތީގެ އަގުތައް ބޮޑުވަމުން ދާއިރު، ސަރުކާރުން އެކަމާ ދުރާލާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ފާހަގަކޮށް ޕީޕީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއަދު އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނީ، ގޭބީސީތަކުގައި މައިގަނޑުގޮތެއްގައި ކެއްކުމާއި ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް އަތް ނުފޯރާ ފަށަށް އުފުލިފައި ވަނީ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށެވެ.
ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާއި ސަރުކާރުން ބާޒާރުގައި ތަކެތީގެ އަގުތައް ކުޑަކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް ޕީޕީޯއެމުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނީ ދިވެހި ރައްޔިތުންނާއި ގުޅިފައިވާ މިފަދަ ބޮޑު ކަމެއްގައި ސަރުކާރުން ޒިންމާދާރު ކަމާއި އެކު އަމަލުކޮށް ބާޒާރުގައި ތަކެތީގެ އަގުތައް ތިިރިކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.