ރަމަޟާން މަހާ ދިމާކޮށް އެމް.އެން.ޑީ އެފުން "ފަޔާ ޕްރިވެންޝަން ވީކް 2019" ގެ ނަމުގާ އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މިއަދު ހަވީރު ފަށަން ހަމަޖެހިފައި ވާކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.
މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމުގެ މަސްސަދަކީ ރަމަޟާން މަހަކީ އެހެން މަސްމަހާ ހިލާފަށް ގޭބިސީތަކުގައި އާންމުން ހޭދަކުރާ ވަގުތު އިތުރުވާނެ މަހަކަށް ވާތީ ގެތަކުގައި ހިނގާފާނެ ހާދިސާއަކުން ރައްކާތެރި ވުމަށް އާންމުން ހޭލުންތެރި ކުރުން ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުން ވެސް މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގެ މަގްސަދު ތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 7 ދުވަހުގެ މުއްދަތަކަށް ކަމަށާ، މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފް އިން މައުލޫމާތުދެއެވެ. މި "ފަޔާ ޕްރިވެންޝަން ވީކް"ގެ ތެރެއިން އަލިފާނުގެ ނުރައްކަލަށް ހޭލުންތެރި ކުރުމާ އޮފީސް މާހައުލު އަދި ގޭތެރޭގައި ދިމާވެދާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުން ސަލާމަތްވާނެ ގޮތް އާންމުންނާ ހިއްސާކުރާނޭ ކަމަށް އެމް.އެން.ޑީ.އެފުން ބުނޭއެވެ. އަދި ކައްކާ ގޭސް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން އަލިފާން ރޯވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ލައިވް ޑޮމޮންސްޓްރޭޝަން ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.
މި ޕްރޮގްރާމަކީ އެމް.އެން.ޑީ.އެފުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދު ނުކެނޑި ކުރިޔަށް ގެންދާތާ 7 އަހަރު ވެފައިވާކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.