މަނީ ލޯންޑަރިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާ ގެ ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ގިނަ ހެކިންތަކެއް ދައުލަތުން ހުށަހަޅައިފި އެވެ.
ޔާމީން ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީހުން ދައުވާ އުފުލާފައި ވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގައެވެ.
މި މައްސަލައިގެ މިއަދު އޮތް އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި، ރައީސް ޔާމީން ކުރިން ފުލުހުންނަށް ދީފައިވާ ބަޔާން ވެސް ހުށައަޅާފައި ވެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ، މި މައްސަލައިގާ ދައުލަތުގެ ފަރާތުން އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ ސާފު ނުވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އެސްއޯއެފުން ޖަމާ ކޮށްފައިވާ ފައިސާއަކީ ކާކު ޖަމާކުރި ފައިސާއެއްކަން ސާފު ނުވާކަމަށް ވެސް ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ތިން ޓްރާންސްއެކްޝަނެއް ހިމެނޭ ގޮތަށް ދައުވާ ކުރާ ކަމާށް ބުނެފައެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވަނީ މި ދައުވާ އަށް އިންކާރު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާ ކޮށްފައިވާ ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާ ނޫން ކަމަށާއި އެސްއޯއެފުން ޖަމާ ކޮށްފައިވާ ފައިސާކަމަށެވެ.
މި މައްސަލައިގައި ދެން އަޑު އެހުމެއް އޮންނާނީ 10 ދުވަސް ފަހުން ކަމަށް ޝަރީއަތުން މިއަދު ނިންމާފައި ވެއެވެ.
ސަރުކާރާއި އަދީބު ޑީލްއެއް ހެދީ ދޯ؟