މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގެއްލުވާލިތާ 4 އަހަރު ފުރުނީއެވެ. ލިޔުންތެރިޔާ ޔާމީން ރަހުމްކުޑަ ގޮތަކަށް މަރާލިތާ 2 އަހަރު ފުރުނީއެވެ. މި ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި އެތަކެއް ފަހަރުގެ މަތިން މި ދެފަރާތުގެ އާއިލާއިންނާއި ރަހުމަތްތެރިން އަދި ހެޔޮ އެދޭ ފަރާތްތަކުން އިންސާފު ހޯދުމަށް ގިނަ މަސަތްކަތްތަކެއް އައީ ކުރަމުންނެވެ. ރިޟްވާން ކޮބައިތޯ އާއި ޔާމީން މަރާލި މީހުން ކޮބައިތޯ ގޮވަމުންނެވެ. ނަމަވެސް އޭރުގެ ސަރުކާރުން މިކަންކަމަށް ދިނީ ބީރު ކަންފަތެކެވެ. އިންސާފް ހޯދައިދިނުމުގެ ބަދަލުގައި ބެލީ ރިޟްވާނާއި ޔާމީނަށްޓަކާ އާއިލާއިންނާއި ރަހުމަތްތެރިން އުފުލަމުން ދިޔަ އަޑު ހުއްޓުވާށެވެ. އެކި ފަހަރު މަތިން ފުލުހުން ނިކުމެ މި އެއްވުންތައް ރޫޅާލުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ.
ވޭދުވެދިޔަ ތަނުގައި ސަރުކާރުން މިކަމަށް މާބޮޑު އެއްބާރުލުން ދީފައި ނުވި ނަމަވެސް އިއްޔެ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގެއްލުވާލިތާ 4 އަހަރު އަދި ލިޔުންތެރިޔާ ޔާމީން މާރާލިތާ 2 އަހަރު ފުރުމާ ގުޅިގެން ކުރިޔަށް ގެންދިޔަ ހިނގާލުމުގައި މަންޒަރު މުޅިން ބަދަލު ވިއެވެ. ސަފުގެ ކުރީގައި ހުންނެނެވީ ރާއްޖޭގެ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އިއްޔެގެ ހިނގާލުމުގެ އެންމެ ކުރީސަފުގައި ރިޟްވާންގެ މަންމަ އާއި ޔާމީންގެ ބައްޕަގެ އަރިހުން ރައީސް ފެނިގެން ދިއުމަކީ މިކަމަށް ސަރުކާރުގެ އެއްބާރުލުން އޮތް މިންވަރު ހާމަވެގެން ދިޔަ ކަމެކެވެ. މިއީ މިފަދަ ހަރަކާތެއްގައި ރައީސަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރައީސްގެ އިތުރުން ބައެއް މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ވެސް ވަނީ އިއްޔެ ބޭއްވި މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ވަނީ ހޭޝްޓެގް 'ދުލެއްނުކުރާނަން' މިހެން ލިޔުއްވައި އިއްޔެ ޓްވިޓާގައި ޕޯސްޓެއް ވެސް ކުރައްވާފައެވެ. އަދި ލިޔުންތެރިޔާ ޔާމީން އެންމެ ފަހުން ކޮށްފައިވާ ޕޯސްޓްގައިވާ ރެޑް ބެލޫން އެމޯޖީ ރައީސް ވަނީ އެ ޓްވީޓުގައި ބޭނުން ކުރައްވާފައެވެ.
ނޫސްވެރިޔާ ރިޟްވާން އަދި ލިޔުންތެރިޔާ ޔާމީންގެ އިތުރުން އިލްމުވެރިޔާ އަފްރާޝީމްގެ މަރު ފަދަ ގޮތް ނޭނގޭ ގޮތަށް މަރަލާފައިވަ މީހުންނާ ގެއްލުވަލާފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެގޮތުން މަރުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނެއް ވަނީ އުފައްދަވާފައެވެ. އެ ކޮމިޝަނުގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވަނީ ރިޟްވާން ގެއްލުވާލެވުނު މައްސަލައިގެ އިތުރުން ލިޔުންތެރިޔާ ޔާމީން އަދި ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަޕްރާޝީމް އަލީ މަރާލި މައްސަލައިގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިފައި ވާކަމަށް ވިދާޅުވެފައެވެ.
މިހުރިހާ ކަމެއްގެ އިތުރުން އެފަރާތްތަކުގެ އާއިލާތަކުންނާއި ހެޔޮއެދޭ އެހެނިހެން ފަރާތްތަކުން އުއްމީދެއް ކަނޑައެއް ނުލައެވެ. ކެނޑި ނޭޅި އިންތިޒާރު ކުރަމުން ދަނީ ރިޟްވާން ވީތަނެއް ހޯދޭނެ ދުވަހަކަށެވެ. ޔާމީނަށް އިންސާފް ލިބޭނެ ދުވަހަކަށެވެ. ކިތަންމެ ވަރަކަށް ފުލުހުން ނެރެގެން އެމީހުންގެ އެއްވުންތައް ހުއްޓުވާލުމަށް މަސަތްކަތް ކުރަމުން ދިޔަ ނަމަވެސް އެ އަޑެއް ކަނޑުވައެއް ނުލެވުނެވެ. 4 އަހަރު ވީ އިރުވެސް ރިޟްވާންގެ އާއިލާއިން އެ ދަނީ ރިޟްވާން އެނބުރި ގެއަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.
ޔާމީނުގެ އާއިލާއިން ދަނީ ޔާމީން އެހާ ރަހުމު ކުޑަކޮށް މަރާލުމުގައި ބައިވެރިވި އެންމެން ހިފާ ހައްޔަރުކޮށް އެމީހުންނަށް ހައްގު އަދަބު ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. ޑރ. އަފްރާޝިމް އަލީގެ އާއިލާއިންނާއި އެހެންވެސް އެފަދަ ގޮތްގޮތަށް މަރާލާފައިވާ އެކިއެކި ފަރާތްތަކުގެ އާއިލާތަކުގެ ހިތާމައަށް ލުޔެއް ލިބޭނީ އިންސާފު ލިބިގެންނެވެ.
އިންސާފު ހޯދައިދޭން ޖެހޭ މީހާ ބެނާގައި ހިފީމަ ދެން ކޮން އިންސާފެއް ލިބޭނީ؟ ކޮން އުފަލެއް؟ ތީގެން ޔަގީންކޮށްދިނީ އެމްޑީޕީ ފިކުރުގެ މީހުންގެ ކަންތަކުގައި އެކަނި ރައީސް އުޅޭނެކަން. ޝިމާގެ މައްސަލައިގައި ރައީސް ހުރި ހަނު. ޝިމާ ހިނގާ ބުލޮގެ ނޫނީ އެމްޑީޕީގެ ފިލޯސަފީއަށް ތާއިދުކުރާ ޒާތުގެ ޓްވީޓެއް ކޮށްފައި ނެތީމަ ޝިމާ އަކީ ބޭކާރު މީހެއް. ގެއްލުނަސް އޯކޭ. ތިމާ ޕާޓީ ފިލޯސަފީ ކުދިން މަދުވީމާ މައްސަލައެއް.