ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު، ހުޅުމާލޭގެ ދެވަނަ ދިޔަވަހީގައި އިމާރާތް ކުރަން ފެށި 7000 ފުލެޓްގެ އިމާރާތް ތަޅާލާފައި އަލުން އިމާރާތެއް އެޅިޔަސް މާ ރަނގަޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައެވެ. ރައީސް ވިދާޅުވީ އެއީ ބަހާލި ފުލެޓްތަކެއް ކަމަށެވެ. އަދި އެ ފުލެޓްތަކުގެ ކޮޓަރިއެއްގެ ބޮޑުމިނަކީ އަށް ފޫޓް ނުވަ ފޫޓް ކަމަށާއި، އެތަނަށް އެނދެއް ވެއްދީމާ އަލަމާރިއެއް ވައްދާނެ ތަނެއް ނެތް ކަމަށެވެ.

"ކިހިނެއްތޯ އެތަނުގައި މީހުން ދިރިއުޅޭނީ. އިހައްދުވަހު އިކޮނަމިކް ކޮމިޓީގައި އަޅުގަނޑު ދެންނެވިން ހިނގާށޭ އެތަން ތަޅާލަން. ބޭނުންކުރެވޭނެ ތަނެއް ނޫނޭ. އެއަށްވުރެ މާ ރަނގަޅުވާނޭ އެތަން ތަޅާލާފައި އަލުން ތަނެއް ހެދިއްޔާ. މިއީ ފުލެޓްތައް އެ ހަދާ އިމާރާތް ހުރި ގޮތް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ފުލެޓްތަކަށް މީހުން ވަދެ ދިރިއުޅޭނެ ގޮތެއް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށެ. އަދި މިއީ ރައްޔިތުންގެ ފައިސާއަށް މިދިޔަ ސަރުކާރުން ހިޔާނާތް ވެފައި ހުރިވަރު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ މިކަންކަން ބެލޭނެ ޝަރުއީ ނިޒާމެއް ގާއިމް ކުރުމަށްޓަކައި ކަމަށާއި، ވަކި ފަރާތަކަށް ބުރަ ނުވެ އިންސާފު ގާއިމް ކޮށްދޭނެ ބަޔަކު ހޯދަން ޖެހޭ ކަމަށެވެ. އަދި މިކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ތެރެއިން ކަމަށާއި، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން މިއުޅެނީ ވަކި މީހަކާއި ޖައްސާލައިގެން ވަކި މީހަކާ އިދިކޮޅަކަށް ނޫން. އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ އެއްކޮޅަށް. އެއީ އަޅުގަނޑުގެމެން ކުރާ ކަމަކީ" ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އިމާރާތް ކުރި ފުލެޓްތައް ހައްގު ނޫން ފަރާތްތަކަށް ބަހާލިކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ އިރު، ފުލެޓްތަކުގެ މައްސަލަ ބަލަން ރައީސް ވަނީ ހާއްސަ ކޮމިޓީއެއް އުފައްދަވާފައެވެ. އަދި އެކޮމިޓީން ގެންދަނީ ފުލެޓްތަކުގެ މައްސަލަ ދިރާސާކުރަމުންނެވެ.

މީގެ އިތުރުން ހިޔާ ފުލެޓްތަކަށް ބަދަލު ގެންނަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ފުލެޓްތަކުގެ ޑިޒައިނަށް ބަދަލުގެނެސް، ކޮޓަރިތައް ބޮޑުކުރުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި 7000 ފުލެޓަށް ބަދަލު ގެނައުމާއެކު، ފުލެޓްގެ އަދަދު ދެބައިކުޅަ އެއްބަޔަށް ދަށް ވާނެކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.