އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެކްސް މައްސަލަތައް އޮޑިޓުކުރުމުން އޭނާއަށް ރައްކާތެރިކަން ލިބޭ ގޮތަށް، އެ ގައުމުގެ އިންޓާނަލް ރެވެނިއު ސާވިސް (އައިއާރްއެސް) އާއެކު ހަދާފައިވާ 1.8 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް އެމެރިކާގެ ކޯޓަކުން ބާތިލުކޮށްފިއެވެ. މި އެއްބަސްވުން ބާތިލުކުރީ އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރު ކެތުލީން ވިލިއަމްސްއެވެ.

މިދިޔަ މެއި މަހު އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، ސަރުކާރުގެ ފަރާތުން ނުހައްގުން ފިޔަވަޅު އަޅާފައިވާ ކަމަށް ބުނާ ފަރާތްތަކަށް ބަދަލު ދިނުމަށްޓަކައި "އެންޓި-ވެޕަނައިޒޭޝަން" ފަންޑެއް އުފެއްދުމަށް ނިންމާފައި ވެއެވެ. މި އެއްބަސްވުން ހަދާފައިވަނީ، އައިއާރްއެސްއާ ދެކޮޅަށް ޓްރަމްޕް ހުށަހަޅާފައިވާ 10 ބިލިއަން ޑޮލަރުގެ ދައުވާ އަނބުރާ ގެންދިއުމުގެ ބަދަލެއްގެ ގޮތުގައެވެ.

ނަމަވެސް، ފަނޑިޔާރު ވިލިއަމްސް ހޯމަ ދުވަހު ނެރުނު ހުކުމުގައި ބުނެފައިވަނީ، ޓްރަމްޕާއި އޭނާގެ ދެ ދަރިކަލުން އަދި ޓްރަމްޕް އޯގަނައިޒޭޝަނުން 2026 ވަނަ އަހަރު ހުށަހެޅި މި ދައުވާއަކީ ނުބައި މަގުސަދެއްގައި ހުށަހަޅާފައިވާ ދައުވާއެއް ކަމަށެވެ. އަދި މިއީ ދެ ފަރާތެއްގެ ދެމެދުގައި އޮތް ހަގީގީ މައްސަލައަކަށް ހައްލު ހޯދުމަށް ކުރި ކަމެއް ނޫން ކަމަށާއި، މިއީ ޓްރަމްޕާ ގުޅުންހުރި ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ހޯދައިދީ، އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ބިލިއަނުން ހަރަދުކުރުމަށް ރާވައިގެން ހިންގި އަމަލެއް ކަމަށެވެ.

މި ނިންމުމާއެކު، ކުރިމަގުގައި ޓްރަމްޕްގެ ޓެކްސް މައްސަލަތައް އޮޑިޓުކުރުމުގެ ފުރުސަތު އައިއާރްއެސްއަށް އަލުން ލިބިގެން ދާނެއެވެ. މީގެ އިތުރުން، މި މައްސަލައިގައި ޝާމިލުވި ޓްރަމްޕްގެ ގާނޫނީ ވަކީލެއް ކަމަށްވާ އަލެހަންޑްރޯ ބްރީޓޯގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފްލޮރިޑާގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު، އަނެއް ވަކީލު ކަމަށްވާ ޑެނިއަލް އެޕްސްޓީންއަށް މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ފްލޮރިޑާގެ ސަދަން ޑިސްޓްރިކްޓްގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަނީ މަނާކޮށްފައެވެ.

ޓްރަމްޕް ފުރަތަމަ ދައުވާ ކުރެއްވީ، އައިއާރްއެސްގެ ކުރީގެ ކޮންޓްރެކްޓަރެއް ކަމަށްވާ ޗާލްސް ލިޓްލްޖޯން، ޓްރަމްޕްގެ ޒާތީ ޓެކްސް މައުލޫމާތުތައް ލީކުކޮށްލުން ހުއްޓުވުމަށް އެ އިދާރާއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުނެއެވެ. 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ލީކުވި މި މައުލޫމާތުތަކަށް ބިނާކޮށް ނިއު ޔޯކް ޓައިމްސްއިން ތައްޔާރުކުރި ރިޕޯޓެއްގައި، 2016 ވަނަ އަހަރު ޓްރަމްޕް އިންކަމް ޓެކްސްގެ ގޮތުގައި ދައްކަވާފައިވަނީ އެންމެ 750 ޑޮލަރު ކަމަށާއި، އޭގެ ކުރީގެ 15 އަހަރުގެ ތެރެއިން 10 އަހަރު އެއްވެސް ވަރަކަށް ޓެކްސް ދައްކަވާފައިނުވާ ކަމަށް ހާމަކޮށްފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ޓްރަމްޕްގެ ގާނޫނީ ޓީމުގެ ތަރުޖަމާނަކާ ހަވާލާދީ ބީބީސީއަށް ބުނެފައިވަނީ، ސިޔާސީ މަގުސަދެއްގައި މަސައްކަތްކުރި މުވައްޒަފަކަށް ޒާތީ މައުލޫމާތުތައް ލީކުކޮށްލުމުގެ ފުރުސަތު އައިއާރްއެސްއިން ދިނީ ގޯސްކޮށް ކަމަށެވެ. މީގެ އިތުރުން ނިއު ޔޯކް ޔުނިވާސިޓީގައި ގާއިމުކޮށްފައިވާ ޓެކްސް ލޯ ސެންޓަރުގެ ޕޮލިސީ ޑިރެކްޓަރު ބްރެންޑަން ޑިބޮޓް ބުނި ގޮތުގައި، މިއީ ޓްރަމްޕަށް ދީފައިވާ އާދަޔާހިލާފު ލުއިތަކެކެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގާނޫނުހަދާ މަޖިލީހުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

ޓްރަމްޕްގެ ސަރުކާރުން އުފައްދަން އުޅުނު "އެންޓި-ވެޕަނައިޒޭޝަން" ފަންޑުގެ މަސައްކަތް ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ ޖޫން މަހުގެ ކުރީކޮޅު ވަނީ ހުއްޓާލާފައެވެ. އެއީ، އެ ފަންޑަކީ ތަފާތުކުރުން ގެންގުޅޭ ފަންޑެއް ކަމަށް ބުނެ ވާޖީނިއާގައި ދެ މީހަކު ކުރި ދައުވާއަކާ ގުޅިގެން، އެހެން ފަނޑިޔާރަކު އެ ފަންޑު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓުވުމާ ގުޅިގެންނެވެ. މި ފަންޑުގެ ސަބަބުން، 2021 ވަނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓަލް އިމާރާތަށް ހަމަލާދިން މައްސަލައިގައި ކުށް ސާބިތުވެފައިވާ މީހުންނަށްވެސް ފައިސާ ލިބުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، ޑިމޮކްރެޓިކް ޕާޓީއާއި ރިޕަބްލިކަން ޕާޓީގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.