25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ އިކްވިޕްމަންޓްތައް ގަންނަން ހަރަދުވާނީ 23 މިލިއަން ޑޮލަރު ކަމަށް އެ އިމާރާތުގެ މަސައްކަތް ކުރި ކުންފުނިން ބުނި ކަމަށާއި، ނަމަވެސް އިކްވިޕްމަންޓް ގަތުމުގެ ނަމުގައި ބަޖެޓުން 80 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަކީ ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނަ ގޮތަށް ބިނާކުރެވިފައި ހުރި ބިނާއެއް ކަމަށެވެ. އަދި 54 މިލިއަން ޑޮލަރަށް އެޅޭ އިމާރާތަކަށް 144 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށާއި، އެތަނަށް ބޭނުންވާ ފަރުނީޗަރާއި އިކްވިޕްމަންޓް ގަތުމަށްޓަކަައި އިތުރު 80 މިލިއަން ޑޮލަރު ބަޖެޓުން ނަގާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެތަނަށް ގެނައި އިކްވިޕްމަންޓްތައް ދޮރުތަކުން ނުވެއްދޭ ކަމަށެވެ. އަދި އެތަނަށް ގެނައި އިކްވިޕްމަންޓް ވެއްދީމާ އެތަނުގެ ދޮރެއް ނުހުޅުވޭ ކަމަށާއި، އިކްވިޕްމަންޓް ވައްދަން ޖެހުނީ އިތުރު ހަރަދުކޮށްގެން ދޮރުތައް ސްލައިޑިން ދޮރަށް ބަދަލުކުރައްވަން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމީހުން ބުނީ ތިމަންނަމެން އެތަން ޑިޒައިން ކުރީ އެތަނުގެ އިކްވިޕްމަންޓަކީ ގޯލްޑަން ސްޓޭންޑްގެ އިކްވިޕްމަންޓްގެ ގޮތުގައި ގަންނަން ނިންމި އެއްޗެއްސޭ. އެއީ އެންމެ މިޒަމާނުގެ އެއްޗެހި. އެއަށް ދާނި 23 މިލިއަން ޑޮލަރޭ ހަރަދުވާނީ. ވީ ގޮތަކީ މާ ކުރީ ޒަމާނުގެ ބޮޑެތިސައިޒުގެ އިކްވިޕްމަންޓްތައް އެތަނަށް ވެއްދީ، ވެއްދީމާ އެތަނުގެ ދޮރެއް ނުހުޅުވުނު. ދެން މިޖެހުނީ ދޮރުތައް ނައްޓާފައި ސްލައިޑިން ދޮރަށް ބަދަލުކުރަން" ރައީސް ވިދާޅުވިއެވެ.

220 މިލިއަން ޑޮލަރު ހަރަދުކުރި މި އިމާރާތުގެ ކޮންސަލްޓަންޓާއި ބައްދަލުވިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، އެތަނުގެ ބިޑް ހުށަހެޅި ގޮތާއި ހަރަދު ކުރެވޭ ވަރު ގޯސްކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އަދި އެ އިމާރާތް 54 މިލިއަން ޑޮލަަރަށް ހެދޭނެ އިމާރާތެއް ކަމަށް ބުނެ އެކަން އެގޮތަށް ނުކުރުމަށް ބުނެފައިވާނޭ ކަމަށާއި، އެ ހުރިހާ ރިޕޯޓްތަކެއް އެމަނިކުފާނަށް ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރައްވަން ނުކުންނެވީ މި ކަންތައްތައް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި ރައްޔިތުންނަށް ނޭވާ ލެވޭނީ މި ދެންނެވި ކަންތައްތައް ކުރި މީހުން ހިފާ ހައްޔަރުކޮށް ޖަލަށް ލެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.