ސަރުކާރު ހިއްސާވާ އެމްޕީއެލުން ޑޮލަރު ގަތުމުގެ ނަމުގައި 70 އެތައް މިލިއަން ރުފިޔާ އެމްއެމްޕީއާރުސީއަށް ނަގާ، އެ ފައިސާ ބޭނުން ކުރީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ބަހާ ވޯޓު ގަތުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހަނިމާދޫގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރީ އެމްޕީއެލްގެ ފައިސާ ކެންޑިޑޭޓުންނަށް ބަހާ ވޯޓު ގަނެގެން ކަމަށެވެ. އަދި މިއަދާ ހަމައަށް އައި އިރުވެސް އެ ފައިސާ އެމްޕީއެލަށް އަނބުރާ ލިބިފައި ނުވާ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަނީ މިފަދަ ކަންކަން ކުރައްވަން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދާ ހަމައަށް އައިރުވެސް އެ ފައިސާ އެމްޕީއެލްއަކަށް ނުލިބޭ. މި ވައްކަން ވެސް އޮތީ ކޮށް ނިންމާފައި. މިއަދު އެ ވިދާޅުވަނީ ތިމަންނާއަށް ނޭވާ ލެވޭނީ އަނެއްކާ ވެސް މި ބާރު ދީގެންނޭ. އަޅުގަނޑު ދަންނަވާނީ އެބޭފުޅުންނަށް އެފުރުސަތު ދެއްވައިފިއްޔާ ރައްޔިތުން އަނެއްކާވެސް ރައްޔިތުން ތިބެންޖެހޭނީ ކުރިން ތިބި ހާލުގައޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ދުށް އެންމެ އަނިޔާވެރި ހުދުމުހުތާރު ވެރިކަން ފެނިގެން ދިޔައީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވީ ރާއްޖޭ ދުވަހުގެ ނުދެކޭފަދަ ހުދުމުހުތާރު ވެރިކަމެއް ކަމަށެވެ.

"ރާއްޖެ ދުށް އެންމެ އަނިޔާވެރި ހުދުމުހުތާރު ވެރިކަން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެއްވީ. ދައުލަތިގެ މާލިއްޔަތުން ދުވަހަކު ވެސް ވައްކަން ނުކުރާ ވަރަށް، އެބޭފުޅުން އެ ތިއްބެވީ ވައްކަމާއި ހިޔާނާތަށް އަރައިގެންފައި. މިއަދު އަނެއްކާވެސް އެ ދަންނަވަނީ އެ ބާރު ތިމަންނާއަށް ދެއްވާށޭ. އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވާނީ، އަނެއްކާ ވެސް މި ރާއްޖެ އެނބުރި އެ އަނދަވަޅަށް ވައްޓާލަން ފުރުސަތު ނުދެއްވާށޭ. " ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2008 ގައި ވެރިކަމުގައި އޮތީ އެމްޑީޕީ ކަމަށާއި، ރާއްޖެގެ ރައްޔިތުންގެ ބޮޑު އަގލަބިއްޔަތަކާއެކު ވޯޓު ދެއްވީ އެމްޑީޕީއާއި އެއްކޮޅަށް ކަމަށެވެ. އަދި މަޖިލިސް ތެރޭގައި އެއިރު ކަންތައް ވެގެން ދިޔަ ގޮތް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި، ސަރުކާރު ހިންގުން ހުއްޓުވާ، މާލިއްޔަތު ގާނޫނު ބަދަލުކޮށް، ލާމަރުކަޒީ ގާނޫނު ފުނޑާލާ އެއިރު ސަރުކާރަށް އޮތް ބާރުތަައް އިދިކޮޅުން ހުއްޓުވާލިކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ސަބަބުން އޭރު ގެންނަން މަސައްކަތް ކުރި ލާމަރުކަޒީ ނިޒާމެއް ނުގެނެވި ސަރުކާރު ހިންގުމުގައި ދަތިތަކެއް އުނދަގޫތަކެއް ކުރިމަތިވެގެން ދިޔަ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ އަގުލަބިއްޔަތު، އެއިރު ވެރިކަމަށް ވަޑައިގަތް ރައީސް ޔާމީންނަށް ދިވެހި ރައްޔިތުން ދެއްވީ ރަނގަޅު ވެރިކަމެއް ކޮށްދޭނެ ކަމުގެ ވައުދާ އެކުގައި ކަމަށެވެ. ނަމަވެސް ކަންތައް ވެގެންދިޔަ ގޮތް މިއަދު ދިވެހި ރައްޔިތުން ވިސްނާވަޑައިގަންނަވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.