ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލައި ޝަރުތު ހަމަވި މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީން ކުރި ފޯނު ކޯލްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ފްލެޓްތަކާ ގުޅޭ ފޯނު ކޯލްތަކެއްގެ މައްސަލަ އޭސީސީގެ ސަމާލު ކަމަށް އައީ މީޑިއާތަކުން ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވިއެވެ. އަދި ކޮމިޝަނުގެ މެންބަރުން އެ މައްސަލައާއި މެދު މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ އޮފީހުގެ ނަމުގައި ގުޅި ބައެއް މީހުން ބުނެފައިވާ ގޮތުގައި ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ދަތި ހާލުގައި ދިރިއުޅޭ 4،000 މީހުންގެ ލިސްޓެއް އެ އޮފީހުގައި އެބައޮތް ކަމަށެވެ.

އިންތިހާބުގެ ވޯޓު ކައިރިވެފައި ވަނިކޮށް ފްލެޓް ދޭނެ ކަމަށް ބުނުމަކީ ރިޝްވަތުގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރުމުން އެމްޑީޕީން ވަނީ ފްލެޓް ދޭނެ ކަމަށް ބުނެ ގުޅާފައެއް ނުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެމްޑީޕީން އޮފީހުން ގުޅި ބައެއް ފަރާތްތަކުން ޓްވިޓާއަށް ލާފައިވާ އޯޑިއޯ ވާގޮތުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ފުލެޓަށް ކުރިމަތިލާ ފުލެޓް ނުލިބުނު ފަރާތްތަކަށް ގުޅުމަށްފަހު ދާންވީތަނަކާއި ގަޑިއެއް އަންގާނެކަމަށް ބުނެފައިވެއެވެ.

އެމްޑީޕީން ގޯއްޗާއި ފުލެޓް ކަށަވަރުވެފައިވާ ކަމަށް ބުނެ އެމްޑީޕީން ގުޅަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް ފަށްޓަވާނެކަން ހާމަކުރައްވާފައެވެ.