ވޭތުވެދިޔަ 5 އަހަރު ކޮންމެ އަހަރެއްގައި ދެފަހަރެއްގެ މަތިން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ބަންޑާރަ ނައިބާއި ހިއްސާ ކުރެއްވި ކަމަށް، އޭސީސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދު އޮތް ބައްދަލުވުމުގައި، އޭސީސީގެ މައްސަލަތައް ނިންމުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން، މަޖިލިސް މެންބަރުން، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއައްވިޒް ވިދާޅުވީ، އާ ސަރުކާރު ވުޖޫދަށް އައުމާ އެކީގައި، މިހާރުގެ ބަންޑާރަ ނައިބަށްވެސް އޭސީސީ އާ ގުޅުންހުރި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ލިޔުމަކުން އަރުވާފައި ވާނެކަމަށެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ޕްރޮޕޯސަލެއް ތައްޔާރު ކުރައްވާ ފޮނުއްވާފައި ވާނެ ކަމަށާއި، އޭގައި، ގާނޫނުތަކާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތަކުުގެ ގޮތުގައި، އޭސީސީއިން ރިކަމެންޑު ކުރާ ކަންތައްތައް ހިމެނޭ 7 ކަރުދާހެއް ވާނެކަމަށްވެސް މުއައްވިޒް ވިދާޅުވިއެވެ. އޭގެތެރޭގައި، ދައުލަތަށް ގެއްލިގެންދާ ފައިސާ އަނބުރާ ހޯދުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަމާއި، ކުންފުނިތަކުގައި މިހާރު ހުރި ނިޒާމުތަކުގައި ހުރި 'ލޫޕް ހޯލްސް' ތަކާ، އެކަންކަން ހަރުދަނާ ކުރުމަށް ކުރެވިދާނެ، ކަންތައްތަތަކަކީ ކޮބައިކަންވެސް ހިމަނާފައި ވާނެކަމަށެވެ.

މިގޮތުން ވާހަކަ ދައްކަވަމުން މުއައްވިޒް ވިދާޅުވީ، ދައުލަތުގެ ކޮރަޕްޝަންތަކާ ގުޅިގެން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ގެއްލިގެން ގޮސްފައި ވަނީ، ދައުލަތުގެ ކުންފުނި ތަކުގެ ތެރެއިން ހިނގާފައި ހުރި ކޮރަޕްޝަންގެ މައްސަލަ ތަކުގެ ތެރެއިންކަމަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގައި، އޭސީސީއިން ނެރުނު ތަހުގީގު ރިޕޯޓުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅޭގޮތުން، އެކޮމިޝަނަށް ފާހަގަ ކުރެވުނު ކަންތައްތަކާ ބެހޭގޮތުން، ވާހަކަ ދައްކަވަމުން މުއައްވިޒް ވިދާޅުވީ، އެ ބޭންކުގެ އުސޫލުތައް ހަރުދަނާ ކުރުމަށްޓަކާ ކުރެވިދާނެ ކަންތައްތަކުގެ ރިކަމަންޑޭޝަންތަކެއް ލިޔުމަކުން ބީއެމްއެލްއަށް ހަވާލުކުރައްވާފައި ވާނެ ކަމަށެވެ.

އަދި މިމައްސަލައިގެ ތެރެއިން، ބޭންކިން ނިޒާމުގައި، ފާހަގަ ކުރެވުނު ކަންތައްތަކާ ގުޅޭ ގޮތުން ހާއްސަ ރިޕޯޓެއް ތައްޔާރުކުރެއްވުމަށް ފަހު، ކުރީގެ ސަރުކާރަށް އަރުވާފައިވާނެ ކަމަށްވެސް މުއައްވިޒް ވިދާޅުވިއެވެ.

މީގެ އިތުރުން މުއައްވިޒް ވިދާޅުވީ، އޭސީސީގެ ތަހުގީގު ރިޕޯޓުގައި، ދައުލަތުން ފާހަގަ ކުރެވުނު، ކަންތައްތަކާ ގުޅިގެން ދައުލަތުގެ ވަރަށް ގިނަ އިދާރާތަކަށް، ރިކަމަންޑޭޝަން ފޮނުއްވާފައި ވާކަމަށެވެ. އޭގެ ތެރޭގައި، ޓޫރިޒަމް މިނިސްޓްރީ އާއި، ފިޝަރީޒް މިނިސްޓްރީ އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވެސް ތަހުގީގު ކުރުމަށްޓަކާ އިތުރު މައްސަލަތަކެއް ފޮނުއްވާފައިވާނެ ކަމަށާއި، ޕީޖީ އޮފީހަށްވެސް މި މައްސަލަތަކުގައި ދައުވާކުރުމަށް ފޮނުއްވާފައި ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ފޮނުއްވުނު ސިޓީތަކާ ގުޅިގެން އޭސީސީއަށް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް ވެސް މުއައްވިޒް ވިދާޅުވިއެވެ.

އެކަމަކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފަރާތުން ބޭންކިން ނިޒާމު ހަރުދަނާ ކުރުމަށްޓަކާ، ބޭންކުތަކަށް، އިރުޝާދު ތަކެއް ދީފައި އެބަހުރިކަން ތަހުގީގަށް އެނގެން އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގު ކުރިއަށް ގެންދިޔައިރު ދިމާވި ގޮންޖެހުންތަކާ ގުޅޭގޮތުން އޭސީސީއިން ބުނީ، ބޭންކު ތަކުން ފުރަތަމަ އެކަމާ ގުޅުންހުރި މައުލޫމާތު ތަކަކީ ދެވޭނެ މައުލޫމާތު ތަކެއް ނޫންކަމަށް ބުނެ ސިޓީ ފޮނުވަމުން ދިޔަކަމަށެވެ. އަދި ބައެއް އިދާރާތަކަށް ތަހުގީގުކުރަން އޭސީސީ ދިޔުމުން ޑޮކިއުމެންޓުތައް ނެތޭ ނުވަތަ ވީތަނެއް ނޭނގޭކަމަށް ވެސް ބުނެފައި ވާކަމަށެވެ.

އެހެންކަމުން އޭސީސީގެ އިންވެސްޓިގޭޓަރުންނަށް ގުދަންތަކަށާއި، ފައިލްތައް ވަކިވަކިން ބަލާ ހާވައިގެން، ބައެއް ލިޔުންތައް ހޯދަން، ޖެހުނުކަމަށްވެސް މުއައްވިޒް މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން ތަހުގީގުގައި މިމައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކާ ގުޅޭގޮތުން ސުވާލު ކުރުމުން، ބައެއް ފަރާތްތަކުން ސީދާ ގޮތުން ޖަވާބުދޭން ޖެހިލުންވި ކަމަށާއި، އެއީ އެފަރާތްތަކަށް އޭސީސީއިން ކުރިމަތި ކުރުވި ސުވާލުތަކާއި، ސުވާލާ ގުޅުންހުރި މީހުންގެ ސަބަބުން ކަމަށްވެސް މުއައްވިޒު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ އޭސީސީގެ ތާރީހުގައި، ތަހުގީގު ކުރި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށް ވެސް އޭސީސީއިން މިއަދު ބުނެފައިވެއެވެ.