ހިޔާ މަޝްރޫއުގެ ދަށުން ނިލަންދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލުގެ އާއިލާގެ ބޭފުޅުންނަށް ފުލެޓް ލިބިވަޑައިގަތީ އޭނާގެ ނުފޫޒެއް ނެތި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން އާންމުކުރި ފުލެޓް ލިބުނު މީހުންގެ ލިސްޓުގައި ހަލީލުގެ އާއިލާގެ ބޭފުޅުންނަށް ފުލެޓް ލިބުނުކަމަށް ދެކެވެމުން ދިޔަ ވާހަކަތަކާ ގުޅިގެން އޭނާ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ނިލަންދޫގެ 44 މީހަކަށް ފުލެޓް ލިބުނު އިރު، އާއިލީ ގޮތުން ނުވަތަ ކައިވެނީގެ ގޮތުން ގުޅުންހުރި 37 މީހަކަށް ފުލެޓް ލިބިފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުގެ ނަން ކިލަނބު ކުރުމަށް އަޅުގަނޑުގެ ދާއިރާގެ މީހަކު ބައެއް ނޫސްވެރިންނަށް ދީފައިވާ މައުލޫމާތުގައި ހިމެނޭ އަަދަދަށްވުރެ ތިން ގުނަ އިތުރު އަދަދެއް" ހަލީލު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ އޭނާގެ އާއިލާގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓީޗަރުންނާއި އަލަތު ކައިވެނީގެ ކެޓަގަރީއަށް ހާއްސަ ފުލެޓްތަކަށް ހުށަހަޅާ ފުލެޓް ލިބުނު ފަރާތްތައް ހިމެނޭ ކަމަށެވެ. އަދި މި ކެޓަގަރީތަކަށް ފޯމު ހުށަހެޅި އަދަދު މަދުވުމުން، ހުށަހެޅި އެންމެނަށް ފުލެޓް ކަށަވަރުވި ކަމަށް ހަލީލު ވިދާޅުވިއެވެ.

މީގެ އިތުރުން ސިފައިންނަށް ހާއްސަކޮށްފައިވާ ކެޓަގަރީން ވެސް އޭނާގެ އާއިލީ ގޮތުން ގުޅިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ލިބިފައިވާކަމަށް ހަލީލު ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލު އެއްގޮތަށް ފުލެޓް ލިބޭ ދެމަފިރިންގެ ތެރެއިން އެކަކު ފުލެޓް ދޫކޮށްލިކަމުގެ ލިޔުން ހައުސިން މިނިސްޓްރީއަށް ހުށަހެޅުއްވި ކަމަށެވެ.

"ލިޔުން ހައުސިން މިނިސްޓްރީން ހުށަހެޅިޔަސް މި ސަރުކާރުން އާންމުކުރި ލިސްޓުގައި ފުލެޓް ދޫކުރި ފަރާތްތަކުގެ ނަން ވެސް އެބައޮތް" ހަލީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރަކަށް އޭނާވުމަކީ، އޭނާގެ އާއިލާގެ މީހަކަށް ލިބިގެންވާ ހައްގަކުން މަހުރޫމްވާންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނުފޫޒު ބޭނުންކޮށްގެން ކަންކަން ކުރުމަކީ އޭރުވެސް އަދި މިހާރުވެސް ކަންކަން ކުރުމުގައި އޭނާގެ ހަމައެއް ނޫން ކަމަށެވެ.

"ހިޔާ މަޝްރޫއުގެ ދަށުން އަޅުގަނޑުގެ އާއިލާއަށް ނިސްބަތްވާ ފަރާތްތަކަށް ފުލެޓް ލިބިފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެކަމަށް ޝަރުތު ފުރިހަމަވާތީ. ނުފޫޒު ބޭނުންކޮށްގެން ނޫން. އިންސާފުވެެރިކަމާއެކު ބަލާ އެމީހުންގެ ޝަރުތު ފުރިހަމަ ނުވާނަމަ، ފުލެޓް ލިބޭ ލިސްޓުން މިހާރުގެ ސަރުކާރުން އުނިކުރާނެ" ހަލީލް ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުގައި ވާގޮތުން ހަލީލުގެ އާއިލާގެ 12 މެންބަރަކަށް ފުލެޓް ލިބިފައިވެއެވެ. މީގެ ތެރޭގައި ހަލީލްގެ އަނބިކަނބަލުންނާއި ކޮއްކޮއިންނާ އެ މީހުންގެ އަނބިންނާއި ފިރިން ހިމެނެއެވެ.