ސްޕްރިންޓެންޑެންޓް އޮފް ފޮލިސް މުހައްމަދު ރިޔާޒަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އިއްޔެ ދީފިއެވެ.

ސުލޫކީ މައްސަލެއްގައި ފުލުހުންގެ ވަޒީފާއިން ރިޔާޒު 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަކިކުރުމާ ގުޅިގެން އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ރިޔާޒަށް އެސިސްޓެންޓް ކޮމިޝަނާކަން ދެއްވައި ލިޔުން ހަވާލުކޮށްދެއްވީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) އެވެ.

ރިޔާޒަކީ ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގާފައިވާ ބޮޑެތި މައްސަލަތަކުގެ ތަހުގީގުގައި އުޅުއްވާފައިވާ އަދި ފުލުހުންގެ ފަރާތުން ކޯޓަށް ވަޑައިގަންނަވާ ސީނިއާ ވަކީލެކެވެ.

އިއްޔެ ރިޔާޒުގެ އިތުރުން ފުލުހުންގެ އިސް މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ އަހުމަދަށް ވެސް އިއްޔެ ވަނީ އެސިސްޓެންޓް ކޮމިޝަނާގެ މަގާމު ދީފައެވެ. އަދި އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޔޫނުސް ސޮބާހަށް ވަނީ ޗީފް ސްޕްރިންޓެންޑެންޓުގެ މަގާމު ދީފައެވެ.