ބަސް ސްޓޮޕަކަށް ވަދެ ޓީވީއެއް ވަގަށް ނެގި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ހެންވޭރު ޕޮލިހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން މަސައްކަތްކުރަމުންދާކަމަށާއި، ނަމަވެސް އެއީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއާއެކު އޭނާ ޓީވީ ވަގަށް ނަގާ ވީޑިއޯ ފުޓޭޖު ފުލުހުން ވަނީ އާންމުކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެވަގުތު އެ ބަސް ސްޓޮޕުގައި މީހުން ވެސް ތިއްބެވެ. ޓީވީ ވަގަށް ނަގާފައިވަނީ ސްޓެލްކޯ ފުރަގަހުގައި ހުންނަ ބަސް ސްޓޮޕްއިންނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ފުރަތަމަބަސް ސްޓޮޕް ދޮރުމަތީގައި ފޯނު ކޯލެއްގައި ހުރުމަށްފަހު ބަސް ސްޓޮޕްގެ އެތެރެއަށްވަދެ އެތާގައި ހަރުކޮށްފައި ހުރި ޓީވީ ނައްޓުވާލާ އެ ޓީވީ ކިހިލި ޖަހައިގެން ގެންދެއެވެ.

ފުލުހުން ވަނީ އެ ވީޑިއޯގައިވާ މީހާއާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި އެކަން ހިއްސާކުރުމަށް އެދިފައެވެ.

މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.