ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، އެކަމަނާގެ މައިންބަފައިންގެ ހަނދާނުގައި ހުޅުމާލޭގައި އިމާރާތް ކުރި މިސްކިތް ބިނާކުރުމަށް، މޯލްޑިވްސް ގޭސް އިން 2.5 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފިއެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމް ވިދާޅުވީ ހުޅުމާލޭގައި ފާތިމަތު އިބްރާހީމް އެކަމަނާގެ މައިންބަފައިންގެ ހަދާނުގައި ބިނާކުރި މިސްކިތަށް ބޭނުންވާ ސާމާނު ގަނެފައި ވަނީ ގދ. ތިނަދޫގައި މޯލްޑިވްސް ގޭސްއިން ހިންގި ގޭސް ޕްލާންޓަށް ބޭނުންވާ ސާމާނުގެ ނަމުގައި ކަމަށެވެ.

"ތިނަދޫ ގޭސް ޕްލާންޓް ހަދައި އިމާރާތުގެ ނަމުގައި ނަގާފައިވާ ސާމާނުތައް ބަދަލުކޮށްފައި ވަނީ ހުޅުމާލެ މިސްކިތް އެޅުމަށް. 2.5 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އެތަނަށް ވަނީ މޯލްޑިވް ގޭހުގެ ނަމުގައި ޚަރަދު ކޮށްފައި. ލިޔެކިޔުންތަކާ އެކު ސާފު ހެކި އެބަހުރި" ޝަޒައިލް ވިދާޅުވިއެވެ.

"ފާތުމަ މިސްކިތުގެ" ނަމުން މަޝްހޫރުވެފައިވާ މި މިސްކިތް އަޅަން މޯލްޑިވްސް ގޭހުން ހަރަދު ކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ވެސް އަންނަނީ ބަލަމުންނެވެ. އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ކުރިއަށް ދާއިރު، ޝަޒައިލް ވިދާޅުވީ އެ ކުންފުނީގެ ސީއެސްއާރުގެ ނަމުގައި ގިނަ ފަރާތްތަކަށް ފައިސާ ވެސް ދީފައިވާ ކަމަށެވެ.

ފާތިމަތު އިބްރާހީމް ހުޅުމާލޭގައި އިމާރާތްކުރެއްވި މިސްކިތަށް މޯލްޑިވްސް ގޭހުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ހުޅުމާލޭގައި ބޭއްވި ހިތާނީ ކޭމްޕަށް ވެސް މޯލްޑިވް ގޭހުގެ ނަމުގައި ހަރަދުކުރި ކަމުގެ އަޑުތައް ފެތުރުނެވެ. މީގެ އިތުރުން އެސްޓީއޯއިން ކްރެޑިޓަށް ނެގުމަށް ފަހު ސަދަގާތު ފައުންޑޭޝަނުން ބެހި ކާޑުގެ ބާވަތްތަކަށް ފައިސާ ނުދައްކާ އެތައް ދުވަހެއް ފަހުން އެ ފައިސާ ވެސް ދައްކާފައި ވަނީ އިހައް ދުވަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.