ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް އެޗްޑީސީއާއެކު އެއްބަސްވި ކުންފުނިތަކުގެ ދަށުން އަމަލީ މަސަައްކަތް ފެށިނީ އަށް ކުންފުންޏަކުން ކަަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ 2017 ވަނަ އަހަރު ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކާއި އިދާރާތަކާއެކު ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް އެޅުމަށް ސޮއިކުރި ކަމަށާއި، މިއީ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ފެށި މަސައްކަތެއް ކަމަށެވެ. އަދި މިގޮތުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކޮންމެ އިމާރާތެއްގައި 14 ބުރި ހިމެނޭ ގޮތަށް ކޮންމެ އިމާރާތަކުން އެއް ކޮޓަރީގެ އެޕާޓްމަންޓެއް ސަރުކާރަށް ލިބޭގޮތަށް އެއްބަސްވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގައި ސޮއިކުރި ގިނަ ކުންފުނިތަކާއި އިދާރާތަކުގައި މިފަދަ މަޝްރޫއުތަކެއް ހިންގާނެ މާލީ އަދި ފަންނީ ގާބިލްކަމެއް ލިބިފައި ނުވާކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ކުންފުނިތަކާއި އިދާރާތަކުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބޭރުގެ ކުންފުނިތަކުގައި ސަބް ކޮންޓްރެކްޓް ކޮށްގެން އަދި ބޭރުގެ ބޭންކު ތަކުން ކުންފުނިތަކުގެ ނަމުގައި ލޯނު ނަގައިގެން ކަމަށެވެ.

"ގިނަ ކުންފުނިތަކަކީ އަމިއްލަ ފައިސާއިން މަސައްކަތް ކުރަން ނިންމި ކުންފުނިތަކަށް ވުމުން ކުންފުނިތަކުގެ މާލީ ހާލަތަށް އަސަރުކުރި. އަދި މިހެން މަޝްރޫއުތައް ކުރިއަށް ގެންްދިއުމަށް ކުންފުނިތަކަށް ނުކަތާވަރުގެ ލޯން ނަގަން ޖެހި އަދި ކުންފުނިތަކުގެ މުވައްޒަފުން ބޮޑު އަގުގައި ފުލެޓަށް ކުރިއަށް ފައިސާ ދައްކަން ޖެހުނު" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ މަޝްރޫއު ހިންގާނެ މާލީ އަދި ފަންނީ ގާބިލްކަން ކުންފުނިތަކުގައި ނެތުމުން އެޗްޑީސީއާއެކު ސޮއިކުރި 16 ކުންފުނީގެ ތެރެއިން އަމަލީގޮތުން މަސައްކަތް ފެށިފައިވަނީ 8 ކުންފުންޏަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފުލެޓް އެޅުމަށް ހޯދަން ޖެހޭ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ އިކޮނަމިކް މިނިސްޓްރީން ކަމަށާއި، އެ މިނިސްޓްރީން މިކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކުންފުނިތަކާއި އިދާރާތަކާއި އެކު މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހިޔާ މަޝްރޫއާއި ގުޅިގެން ވަރަށް ގިނަ މައްސަލަ ހުށަހެޅިފައި އެބަހުރި ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ މެންދުރުފަހު މުޅިން ވެސް މަސައްކަތް ކުރަނީ އެ މައްސަލަތައް ހައްލު ކުރުމަށް ކަމަށާއި، ފުލެޓްގެ މައްސަލަ ބެލުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވާފައިވާތީ މިނިސްޓްރީއަށް ހުށަހެޅޭ ހުރިހާ މައްސަލަތެއް ވެސް ކޮމިޓީއަށް ފޮނުއްވަމުން ގެންދަވާކަމަށެވެ.