އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި، އިންޑިއާއިން ބޭނުންނަމަ ރާއްޖެ ހިފިދާނެކަމަށް ވިދާޅުވެވުނު ކަމަށްޓަކައި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އެ އިންޓަވިއުގައި ވަރަށް ގިނަ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށެވެ. އަދި އޭގެ ތެރޭގައި އަސްކަރިއްޔާގެ ގުޅުމާއި ޓެރަރިޒަމާއި އަދި އެނޫން ކަންކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް ބައެއް ބޭފުޅުންގެ ހިތަށް ނުތަނަވަސްކަން އައިސްގެން އުޅެނީ އެ 22 މިނެޓްގެ ތެރެއިން ފަސް ސިކުންތުގެ ވާހަކައަކަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިިޔާ ވަނީ އޭނާ ދޭން ބޭނުންވި މެސެޖް މަޖިލީހުގައި އިއްވަވާފައެވެ. މާރިޔާ ވިދާޅުވީ "އިންޑިއާއަކީ އަސްކަރީ ވަރުގަދަ ބާރެއް ކަމަކު، އެގައުމު އަބަދުވެސް ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލަށް އިހުތިރާމް ކުރައްވާ ވާހަކަ. އަޅުގަނޑުމެން އިންޑިއާއަށްދާ ކޮންމެ ފަހަރަކު އަޅުގަނޑުމެންނަށް އިންޑިއާއިން އިހްތިރާމް އަދާކުރާ ވާހަކަ. އަދި ދެގައުމުގެ ދޭތެރޭގައި މުއާމަލާތްކުރަނީ ހަމަހަމަ ކަމާއެކުގައި ކަން. އިންޑިއާއަކީ އަޅުގަނޑުމެންގެ އުތުރުގައި އޮންނަ ބޮޑު އަވަށްޓެރި ގައުމެއް ކަމަކު އަޅުގަނޑުމެން އިންޑިއާ ދެކެ ބިރުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް" މިއީ އަޅުގަނޑު ދަންނަވާލަން ބޭނުންވި ވާހަކައަކީ، މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެރަ ކަމަކީ މިހެން ބައެއް ފަހަރު ދޭ އިންޓަވިއުއެއްގައި، ލައިވްކޮށް ދޭ ނުވަތަ ރިކޯޑް ކުރާ އިންޓަވިއުއެއްގައި އަލުން ޖަވާބު ދިނުމުގެ ފުރުސަތު ނޯންނާތީ ކަމަށެވެ. އަދި އެހެންކަމުން އޭނާ އިންޓަވިއުގައި ވިދާޅުވެވުނު ބަސްކޮޅާމެދު ހިތްހަމަ ނުޖެހުޖެހުމެއް ނުވަތަ އޮޅުމެއް އަރާފައިވާނަމަ "އަޅުގަނޑު އެކަމާމެދު ނުހަނު އިހުލާސްތެރިކަމާއެކު މައާފަށް އެދެން" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މައާފަށް އެދިވަޑައިގަތުމާއެކު މަޖިލީހުގެ ގިނަ މެންބަރުން އެކަމަކާއަށް ހިތްވަރު ދެއްވުމުގެ ގޮތުން އަތްތިލަބަޑި ޖެއްސެވިއެވެ.

މިނިސްޓަރު ވިދާޅުވި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ރާއްޖެ ބާރުގަދަ ގައުމެއްގެ ގޮތުގައި ބޭއްވުމެވެ. އަދި ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ އަސްކަރިއްޔާއަކަށް ހަދަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.