އިންޓަނޭޝަނަލް ފެންވަރަށް މާފަރު އެއާޕޯޓް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ނ. މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މާފަރު އެއާޕޯޓް އެކަށީގެންވާ ވަރުގެ ރަންވޭއަކާއެކު ހުޅުވިގެންގޮސްފައިވީ ނަމަވެސް އަދިވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާ ބައިވަރު އިތުރު ކަންކަން ހުރިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އެއާޕޯޓުގެ ޓާމިނަލް މަސައްކަތާއި ހޮޓަލެއް އެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް އެއާޕޯޓްގެ މަސައްކަތް ކުރި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޝައުގުވެރިކަން މިކަމަށް ހުރި ކަމަށާއި ދިރާސާތައް ކުރަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މާފަރުގެ ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތައް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ރައީސް ވިދާޅުވީ އެންމެ އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށެވެ. އަދި ރޭ ސޮއިކުރި މާފަރު ސިއްހީ މަރުކަޒުގެ އެއްބަސްވުމަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން 15 އެނދު އިތުރުކޮށް، މި ހަފްތާ ނިމުމުގެ ކުރިން އެގްރީމެންޓް ބަދަލުކޮށް އަލުން ސޮއިކުރުމަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކައުންސިލުން އެނދިފައިވާ ގޮތަށް ސްކޫލަށް 4 ކްލާސްރޫމް އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީއަށް ކުރާ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން މަގުހެދުމުގެ މަޝްރޫއުތައް މި އަހަރުފަހުކޮޅު ފެށިގެންދާނެ ކަމަށެވެ. މާފަރުގެ މަގު ހެދުމުގެ މަޝްރޫއު ވެސް މިއަހަރު ފަހުކޮޅު ފަށާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ފުޓްސަލް ދަނޑުގެ މަސައްކަތް ހިމެނޭހެން ކުޅިވަރުގެ ދާއިރާއަށް މާފަރުގައި ކުރަން ހުރި މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.