ނ. މާފަރު ޕޮލިސް ޕޯސްޓުގެ 49 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ ރާއްޖޭގެ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން، މާފަރުގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އިމާރާތުގެ އޮނިގަނޑުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އަދި މިވަގުތު ސައިޓުގައި އެންމެ ބާރަށް ކުރިއަށްދަނީ އިމާރާތް އެއްކޮށް ނިންމުމަށް ޓަކައި ކުރަންޖެހޭ ފިނިޝިންގެ މަސައްކަތެވެ.

އެގޮތުން އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އިމާރާތުގެ ފާރުތަކުގައި ޕުޓީ ޖެހުމުގެ މަސައްކަތާއި، ފެން ހިންދާ ނިޒާމު ނުވަތަ ޑްރެއިނޭޖް މަސައްކަތްތައް ހިމެނޭކަމަށެވެ.

އެމްޓީސީސީން މާފަރުގައި ޕޮލިސް ޕޯސްޓު ހެދުމަށް ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހެވެ.

އެމްޓީސީސީން ބުނީ ޕޮލިސް ޕޯސްޓުގައި ފުލުހުންނަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރާނެ ޖާގައާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން އަދި ކުށްކުރާ މީހުން ވަގުތީގޮތުން ބައިތިއްބާނެ ގޮޅިތައް ހިމެނޭހެން ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެން ދާނެކަމަށެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުންފުނި ކަމަށްވާ އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، މަގު ހެދުމުގެ އިތުރުން މުހިންމު މުއައްސަސާތަކުގެ އިމާރާތްތައް ބިނާކުރުން ހިމެނެއެވެ.