އައްޑޫ ރީޖަނަލް ޕޯޓް ތަރައްގީކޮށް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތް ފެށެމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ޕޯޓަށް 18 އަހަރުވެފައިވާއިރު، އެ ތަންތަނަށް އަންނަން ޖެހޭ ތަރައްގީ އެންމެ އެދެވޭ ގޮތެއްގައި އައިސްފައިނުވާކަން ފާހަގަކުރައްވަމުން ވަޖީހު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އެ ދެ ތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުންކަމަށެވެ.

މީގެއިތުރުން ވަޖީހު ވިދާޅުވީ އައްޑޫ އަކީ މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އޮތް އެންމެ ބޮޑު އާބާދީ ދިރިއުޅެމުން އަންނަ ސިޓީއަށްވާއިރު، ޕޯޓާ ގުޅިގެން އެ ސިޓީގެ ރައްޔިތުންގެ ކިބައިން ފެންނަމުން ދަނީ މާޔޫސްކަންކަމަށެވެ. "ޕޯޓުގެ އިކުއިޕްމަންޓެއް ހަލާކުވެއްޖެނަމަ ފޮނުވަންޖެހެނީ މާލެއަށް. އެތަން އަމިއްލައަށް ހިންގޭނެ ފަދަ ގާބިލުކަމެއް ނެތް." ވަޖީހު ވިދާޅުވިއެވެ.

މި ސަރުކާރުން އައްޑޫ ޕޯޓު ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ހިއްސާކުރައްވަމުން ވަޖީހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި އައްޑޫ ޕޯޓުގައި ބަންކަރިންގެ ހިދުމަތް ފެށުންކަމަށެވެ. މި ހިދުމަތާއެކު އެތަނަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ވަޖީހު ވިދާޅުވީ އޭރުން ޕޯޓުގެ އާމްދަނީވެސް އިތުރުވެގެން ދާނެކަމަށެވެ. މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން އާ ވަޒީފާގެ ފުރުސަތުތައް ހުޅުވި ޕޯޓުގެ މުވައްޒަފުންގެ އާމްދަނީވެސް ރަނގަޅުވެގެން ދާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

އައްޑޫ ސަރަހައްދަކީ ފިޝިން ޕޯޓެއްގެ ގޮތުގައި ތަރައްގީކުރެވިދާނެ ސަރަހައްދެއްކަން ފާހަގަކުރައްވަމުން ވަޖީހު ވިދާޅުވީ އެ ސަރަހައްދު ފިޝިން ޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ ވިސްނުމާއެކު ދާދިފަހުން މިފްކޯ އާއި އެކުވެސް މަޝްވަރާތައް ކުރެވިފައިވާކަމަށެވެ.