ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި އިސްމާއިލް އާސިފަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އޭނާ މިނިވަންކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިކަން ހާމަވެއްޖެއެވެ.

އާސިފް އަކީ ނޮވެމްބަރު 22، 2019، ގައި "ޖަރީ" ނަމަކަށް ކިޔާ ލަނޑާ ނަގާ ދޯނީގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާ ދިނުމަށްފަހު މޫދަށް އެއްލައިލި މައްސަލައިގައި ހައްޔަރުކުރި މީހެކެވެ. 2022 ވަނަ އަހަރު އޭނާ ވަނީ 10 އަހަރަށް ޖަލަށްލާން ހުކުމް އިއްވާފައެވެ. އެކަމަކު އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒުކުރަން އޮތީ ހަތް އަހަރާއި ތިން މަހުގެ ޖަލު ހުކުމެކެވެ.

ނަމަވެސް އޭނާ ވަނީ ހުކުމުގެ މުއްދަތު އެންމެ ފަސް ދުވަހަށް ކުރުކޮށްގެން މިނިވަންކޮށްފައެވެ. އެނގިފައިވާ ގޮތުގައި އާސިފް މިނިވަން ކުރީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިންނެވެ.

އެއީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ. 2025 ވަނަ އަހަރުވެސް އާސިފް ވަނީ އޭނާގެ ބޭބެގެ ބޮލަށް ވަޅިއަކުން ހަމަލާދިން މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އޭނާ ދިން ހަމަލާގައި ޒަހަމްވީ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު މުއީންއެވެ.

އޭގެ ފަހުން ދާދިފަހުން އާސިފް ހައްޔަރުކޮށްފައި މިވަނީ މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައެވެ. އެ ފައިސާގެ ތެރެއިން މިހާތަނަށް ފުލުހުންނަށް ހޯދިފައި ވަނީ 50،000ރ. އެވެ. ބާކީ ހުރި ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭއިރު، މިހައިތަނަށް ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހަތަރު މީހެކެވެ. އަނެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު ތަހުގީގީ މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެކަމަކު މި މައްސަލާގައި ތުހުމަތުވާ އެކަކު އަދި ހައްޔަރު ނުކުރެވޭ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.