އެންމެ ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނިޒާމުތައް އިންސާނުންގެ ކޮންޓްރޯލުން ނެއްޓިއްޖެ ހާލަތެއްގައި އެ ނިޒާމުތައް މަޑުޖައްސާލުމަށް ނުވަތަ އެއްކޮށް ނިއްވާލުމަށް މަޖުބޫރުކުރާ ބިލެއް އެމެރިކާގެ ކޮންގްރެސްއަށް ބުރާސްފަތި ދުވަހު ހުށަހަޅައިފިއެވެ.
“އޭއައި ކިލް ސްވިޗް އެކްޓް” ގެ ނަމުގައި މި ބިލު ހުށަހެޅުއްވީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ޓެޑް ލިއު އަދި ރިޕަބްލިކަން ޕާޓީގެ މެންބަރު ނެތޭނިއަލް މޯރަންއެވެ. މި ބިލުގެ ދަށުން، އޭއައި ނިޒާމުތަކުން އިންސާނުންގެ ފުރާނައަށް، މުހިންމު އުމްރާނީ ވަސީލަތްތަކަށް ނުވަތަ އިގުތިސާދަށް ނުރައްކާވެއްޖެނަމަ، އެ ނިޒާމުތައް ހުއްޓުވުމަށް ކުންފުނިތަކަށް އެންގުމުގެ ބާރު އެމެރިކާ ސަރުކާރަށް ލިބިގެންދާނެއެވެ.
މި ބިލު ހުށަހަޅާފައިވަނީ ޗެޓްޖީޕީޓީ އުފެއްދި ކުންފުނި ކަމަށްވާ އޯޕަންއޭއައިގެ އެންމެ ކުރިއަރާފައިވާ ދެ އޭއައި މޮޑެލްއެއް ޓެސްޓުކުރުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓުނުކަން އެ ކުންފުނިން ހާމަކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އޯޕަންއޭއައި އިން ބުނި ގޮތުގައި، އެތެރޭގެ ސެކިއުރިޓީ ޓެސްޓެއްގެ ތެރޭގައި އެ ދެ މޮޑެލް ވަނީ ޓެސްޓުކުރަމުންދިޔަ މާހައުލުން ބޭރުވެ، އޭއައި ތަރައްގީކުރާ ޕްލެޓްފޯމެއް ކަމަށްވާ ހަގިންގް ފޭސް ހެކްކޮށްފައެވެ.
އޯޕަންއޭއައި އިން ހާމަކުރި ގޮތުގައި، އެ މޮޑެލްތަކާ ހަވާލުކުރި މަސައްކަތް ފުރިހަމަކުރުމަށްޓަކައި އެ ނިޒާމުތަކުން ވަނީ އާދަޔާހިލާފު ކަންތައްތަކެއް ކޮށްފައެވެ. އެގޮތުން، ޓެސްޓުން މަކަރުހެދުމަށް ބޭނުންވާ ސިއްރު މައުލޫމާތު ހޯދުމަށް އެ ނިޒާމުތަކުން މަސައްކަތްކުރި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ހަގިންގް ފޭސް އިން ބުނީ އެ ކުންފުނީގެ ސެކިއުރިޓީ ނިޒާމުތައް މެދުވެރިކޮށް މި ހަމަލާ ހުއްޓުވާފައިވާ ކަމަށާއި، މިއީ އޯޕަންއޭއައި އިން ގަސްދުގައި ދިން ހަމަލާއެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ކޮންގްރެސްއަށް ހުށަހެޅި ބިލުގައިވާ ގޮތުން، އޭއައި ނިޒާމެއް ކޮންޓްރޯލުން ނެއްޓިއްޖެ ހާލަތެއްގައި ފިޔަވަޅު އެޅުމަށް ކުންފުނިތަކަށް އެންގުމުގެ ބާރު ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އަށް ލިބޭނެއެވެ. މިކަން ކުރާނީ ސެކްރެޓަރީ އޮފް ކޮމާސް އަދި ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސްއާ މަޝްވަރާކުރުމަށްފަހު ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ނުރައްކަލުގެ ކުޑަބޮޑުމިނަށް ބަލައި، ނިޒާމު މަޑުޖައްސާލުމުން ފެށިގެން އެއްކޮށް ނިއްވާލުމާ ހަމައަށް އެންގުމުގެ އިހުތިޔާރު އޮފިޝަލުންނަށް ލިބޭނެއެވެ.
މީގެ އިތުރުން، އޭއައިއާ ގުޅުންހުރި ބޮޑެތި ހާދިސާތައް ސަރުކާރަށް ރިޕޯޓުކުރުމަށާއި، މައްސަލަ ދިމާވި ގޮތް ތަހުގީގުކުރުމަށް ބޭނުންވާ ޓެކްނިކަލް ރެކޯޑުތައް ރައްކާތެރިކޮށް ބެހެއްޓުމަށްވެސް މި ބިލުގައި ކުންފުނިތަކަށް މަޖުބޫރުކޮށްފައިވެއެވެ. މިހާރު ގިނަ ކުންފުނިތަކުން އަމިއްލަ އިހުތިޔާރުގައި ސަރުކާރަށް މައުލޫމާތު ހިއްސާކުރި ނަމަވެސް، ނިޒާމެއް ކޮންޓްރޯލުން ނެއްޓޭ ހާލަތުގައި އެ ނިއްވާލެވޭނެ ގޮތް ހެދުމަށް ގާނޫނީ ގޮތުން މިހާތަނަށް މަޖުބޫރުކޮށްފައެއް ނުވެއެވެ.
މި ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ޓެޑް ލިއު ވިދާޅުވީ، އޭއައި ނިޒާމުތައް މިހާރު ބަދަލުވަމުންދަނީ ހަމައެކަނި ސުވާލުތަކަށް ޖަވާބުދޭ އެއްޗަކުން، އަމަލީ ގޮތުން ކަންކަން ކުރާ ނިޒާމުތަކަކަށް ކަމަށެވެ. މީގެ ތެރޭގައި މާލީ މުއާމަލާތްތައް ކުރުމާއި، ދަތުރުފަތުރުގެ ނިޒާމުތައް ކޮންޓްރޯލްކުރުމުގެ އިތުރުން ސައިބަރ ހަމަލާތަކުން ދިފާއުވުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިފަދަ ނިޒާމުތަކުން ބޮޑު ގެއްލުމެއް ވިޔަނުދިނުމަށްޓަކައި އެ ނިއްވާލެވޭނެ ގޮތް ހުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
އެލަޔަންސް ފޯ ސެކިއޯ އޭއައިގެ އިސްވެރިޔާ ބްރެންޑަން ސްޓެއިންހައުސަރ ބުނި ގޮތުގައި، އޭއައި ނިޒާމުތައް ކިތަންމެ ބާރުގަދަވި ނަމަވެސް، އެ ނިޒާމުތައް ހުއްޓުވުމުގެ ބާރު އިންސާނުންގެ އަތުގައި އޮތުމަށް ކޮންގްރެސްއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީގެ އިސް ޑިމޮކްރެޓް މެންބަރު މާކް ވޯނަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބާރުގަދަ އޭއައި ނިޒާމުތައް އާންމުކުރުމުގެ ކުރިން ސަރުކާރުގެ އިދާރާތަކުގެ ބައިވެރިވުމާއެކު ސެކިއުރިޓީ ޓެސްޓުތައް ހަދަންޖެހޭ ސަބަބު މި ހާދިސާއިން ސާބިތުކޮށްދީފައިވާ ކަމަށެވެ.
މި ބިލުގެ އިތުރުން، އެންމެ ބާރުގަދަ އޭއައި މޮޑެލްތައް އާންމުކުރުމުގެ ކުރިން މިނިވަން ސެކިއުރިޓީ އޮޑިޓެއް ހެދުމަށް މަޖުބޫރުކުރާ އެހެން ބިލެއްވެސް ވަނީ ހުށަހަޅާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެކްނޮލޮޖީ އެޑްވައިޒަރު މައިކަލް ކްރެޓްސިއޯސްއަށް އޯޕަންއޭއައިގެ ހާދިސާއާ ގުޅޭ މައުލޫމާތު އަރުވާފައިވާ ކަމަށާއި، އެ މައްސަލަ ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
