އިންޓަނެޓާ ނުގުޅައި އެކަހެރިކޮށް ޓެސްޓުކުރަމުން ދިޔަ އެންތްރޮޕިކް ކުންފުނީގެ އޭއައި މޮޑެލް 'ކްލޯޑް' އިން އެހެން ތިން ޖަމިއްޔާއެއްގެ ނިޒާމުތަކަށް ވަދެ ހެކްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ވާދަވެރި ކުންފުނި އޯޕަންއޭއައިގެ އޭއައި މޮޑެލްތަކަކުން ވެސް އިންޓަނެޓަށް ވަދެ، ސެކިއުރިޓީ ޓެސްޓުކުރުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓިގެން ދިޔަކަން ހާމަކުރިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.

އެންތްރޮޕިކުން ބުނި ގޮތުގައި، ކްލޯޑް މޮޑެލްތަކަށް އިންޓަނެޓަށް ވަދެވުނީ ނިޒާމު ރޭވުމުގައި ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ފާހަގަވީ 141،006 ޓެސްޓު ސެޝަން މުރާޖައާކުރުމަށް ފަހުގައެވެ. މި މުރާޖައާ ފެށީ، އޯޕަންއޭއައިގެ އޭއައި މޮޑެލްއަކުން ހިންގި އޮޓޮނޮމަސް އޭޖެންޓެއް ކޮންޓްރޯލުން ނެއްޓި، އޭއައި ކުންފުންޏެއް ކަމަށްވާ ހަގިން ފޭސްގެ އިންފްރާސްޓްރަކްޗާއަށް ވަންކަން މިދިޔަ ހަފުތާގައި ހާމަކުރުމާ ގުޅިގެންނެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަމިއްލައަށް މަސައްކަތްކުރާ ގޮތަށް ފަރުމާކޮށްފައިވާ އޭއައި އޭޖެންޓްތަކާ މެދު އޮތް ކަންބޮޑުވުންތައް މި ހާދިސާތަކާ ގުޅިގެން ވަނީ އިތުރުވެފައެވެ. އެންތްރޮޕިކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާތައް ހިނގީ "ކެޕްޗާ-ދަ-ފްލެގް" ފަރިތަކުރުންތަކެއްގެ ތެރޭގައި ކަމަށެވެ. މިއީ ސިމިއުލޭޓްކޮށްފައިވާ ނެޓްވޯކްތަކެއްގައި ފޮރުވާފައިވާ މައުލޫމާތު ހޯދުމަށް އޭއައި މޮޑެލްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކެކެވެ. އެ މޮޑެލްތަކަށް އިންޓަނެޓް ނުލިބޭނެ ކަމަށް އަންގާފައި އޮތް ނަމަވެސް، ޓެސްޓުކުރުމުގައި ބައިވެރިވި އިރެގިއުލާ ކުންފުންޏާ ދެމެދު އުފެދުނު އޮޅުމެއްގެ ސަބަބުން ނިޒާމުތައް ހުރީ އާންމު އިންޓަނެޓާ ގުޅިފައެވެ.

ކްލޯޑް މޮޑެލްއިން އެ ޖަމިއްޔާތަކުގެ ނިޒާމުތަކަށް ވަދެފައިވަނީ އާދައިގެ އުކުޅުތައް ބޭނުންކޮށްގެން ކަމަށް އެންތްރޮޕިކުން ބުންޏެވެ. އޭގެ ތެރޭގައި ބަލިކަށި ޕާސްވޯޑްތައް ބޭނުންކުރުމާއި، އޮތެންޓިކޭޓްކޮށްފައި ނުވާ އެންޑްޕޮއިންޓްތަކުގެ ބޭނުން ހިފުން ހިމެނޭ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

ކްލޯޑް މޮޑެލްއިން އިންޓަނެޓަށް ވަދެފައިވާ ކަމުގެ ހެކި ފެނުމާ ގުޅިގެން، ޖުލައި 23 ވަނަ ދުވަހު ސައިބާ ޓެސްޓުކުރުންތައް މެދުކަނޑާލި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ޖުލައި 24 ގެ ނިޔަލަށް ތިން ހާދިސާ ދެނެގަނެ، ޖުލައި 27 ގައި އެކަން ކަމާބެހޭ ޖަމިއްޔާތަކަށް އެންގިއެވެ. އެންތްރޮޕިކުން ބުނި ގޮތުގައި، އޭގެ ތެރެއިން ދެ ޖަމިއްޔާއަކަށް އެކަން އެންގުމާ ހަމައަށް އެފަދަ ކަމެއް ހިނގިކަން ނޭނގެއެވެ. އަދި ތިންވަނަ ޖަމިއްޔާއާ ގުޅުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ބުންޏެވެ.

އޯޕަންއޭއައިއަށް ދިމާވި މައްސަލައާ ގުޅިގެން، އެންމެ ކުރިއަރާފައިވާ އޭއައި މޮޑެލްތައް ނެރުން ލަސްކުރުމަށް އެމެރިކާ ސަރުކާރުގެ ކިބައިން އެދި، އޭއައި ކުންފުނިތަކުގެ 1،000 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. މި ޕެޓިޝަންގައި ސޮއިކުރި މީހުންގެ ތެރޭގައި އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޯޑޭ ވެސް ހިމެނެއެވެ. އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން މި ހަފުތާގައި ބުނީ، އެ ކުންފުނީގެ ނިޒާމުތައް އެކަހެރިކުރުމުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަންދެން ޓެސްޓުކުރުންތައް މަޑުޖައްސާލާފައިވާ ކަމަށެވެ.

އޭއައި މޮޑެލްތައް އަމިއްލައަށް ސައިބާ ހަރަކާތްތައް ހިންގުމުގެ ގާބިލުކަން އިތުރުވަމުންދާތީ، އެތެރޭގެ އަދި ތިންވަނަ ފަރާތްތަކުގެ ޓެސްޓުކުރުމުގެ މާހައުލުތަކުގައި ކޮންޓްރޯލްތައް ވަރުގަދަކުރަން ޖެހިފައިވާކަން މި ހޯދުންތަކުން ހާމަވާ ކަމަށް އެންތްރޮޕިކުން ބުންޏެވެ. މިއަހަރުގެ ތެރޭގައި އޯޕަންއޭއައި އިން 'ސޯލް' އަދި އެންތްރޮޕިކުން 'މިތޯސް' ގެ ނަމުގައި އެ ކުންފުނިތަކުގެ އެންމެ ބާރުގަދަ މޮޑެލްތައް ވަނީ ނެރެފައެވެ.