ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ ފަށައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަހާސިންތާ ފަށްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާ އައުގާފާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މިއީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވައިގެން ބާއްވާ ހާއްސަ މަހާސިންތާއެކެވެ.

އެއް ދުވަހަށް ކުރިއަށްގެންދާ މި މަހާސިންތާގައި 300 އަށްވުރެ ގިނަ ހާތިބުން ބައިވެރިވެއެވެ. އަދި މިއީ އަންނަން އޮތް ޖީލުތަކުގައި ދީނީ ޝިއާރުތައް ދެމެހެއްޓުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަހާސިންތާއެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ރާއްޖޭގައި ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަގުބަލު އުޖާލާކޮށް ހިމާޔަތް ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަމެއް ދެއްވައިގެން ކުރަމުން ގެންދަވާ ކަމެކެވެ. އެގޮތުން އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ހަތީބު ތަމްރީން ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާން ހަތީބުން ތަމްރީނުވެފައިވެއެވެ.

ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާގެ ބައިވެރިން

މި ޕްރޮގްރާމަކީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅައިގެން ވެސް ޕްރޮގްރާމްގައި ބައިވެރިވެ އެވެ.

ޒުވާން ހަތީބު ތަމްރީން ޕްރޮގުރާމަކީ މި ދައުރުގައި ކުރިއަށް ގެންދެވޭ އެންމެ ކާމިޔާބު އެއް ޕްރޮގުރާމުކަން ފާހަގަކޮށްލެވެއެވެ.