ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 9 އަހަރުގެ އަންހެން ކުއްޖާގެ ހާލު ސީރިއަސްވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ބަދަލުކޮށް ފަރުވާ ދިނީ އައިސީޔޫގައި ކަމަށާއި އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރީގައިކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، މަގުބޭރުގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ދިވެހި އަންހެނެއްކަމަށާއި އެއީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ކަމަށެވެ.
ފުލުހުން ދަނީ ސީސީޓީވީ ފުޓޭޖްތައް ބަލައި، މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
