ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ ޓްރެވަލް ޓްރޭޑް ޝޯ، "ޓީޓީއެމް މޯލްޑިވްސް 2026" ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މި އަހަރުގެ އޮގަސްޓް 26 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާއަކީ މި ސިލްސިލާގެ 10 ވަނަ އެޑިޝަނެވެ. މި އިވެންޓުގެ ތެރެއިން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ "ޓީޓީއެމް ކަނެކްޓް މީޓިންގްސް" ބާސެލޯ ނަސަންދުރާ މާލޭގައި ކުރިއަށްދާއިރު، މި އިވެންޓް ނިންމާލުމުގެ ގޮތުން ބާއްވާ ފަހުރުވެރި "ޓީޓީއެމް އެވޯޑްސް އެންޑް ގާލާ" އޮންނާނީ އޮގަސްޓް 27 ވާ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

އުރީދޫއިން ބުނި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ އީޖާދީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމެވެ. ވޭތުވެދިޔަ 20 އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ވިޔަފާރިތަކުގެ އިތުބާރު ހޯދާފައިވާ އުރީދޫއިން އަންނަނީ 4ޖީ އަދި 5ޖީ ނެޓްވޯކާއި، ކްލައުޑް ސޮލިއުޝަންސް، މެނޭޖްޑް އައިސީޓީ ހިދުމަތްތައް، އެންމެ ފަހުގެ ޑޭޓާ ސެންޓަރު އަދި ފިންޓެކްގެ ޒަމާނީ ވަސީލަތްތައް ފަތުރުވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދެމުންނެވެ.

މި ޕާޓްނަޝިޕާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވީ، ޓީޓީއެމްގެ 10 ވަނަ އަހަރީ މައިލްސްޓޯން ފާހަގަކުރުމުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ވޭތުވެދިޔަ ދިހަވަރަކަށް އަހަރު އުރީދޫ ބިޒްނަސްއިން ޓީޓީއެމްގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ސިނާޢަތުގެ ކުރިއެރުމަށް ބޭނުންވާ ޑިޖިޓަލް އެހީތެރިކަން ދިނުމުގައި އުރީދޫ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

މި އަހަރުގެ ޓީޓީއެމް ފެއާގައި ރާއްޖޭގެ 120 އަށް ވުރެ ގިނަ ރިޒޯޓާއި ހޮޓަލުގެ އިތުރުން، ދުނިޔޭގެ މުހިންމު 30 މާކެޓަކުން 250 އަށް ވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ބައިވެރިވާނެއެވެ. މިއީ ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އާ އެއްބަސްވުންތައް ގާއިމުކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.

މީގެއިތުރުން، ކާމިޔާބު 10 އަހަރު ފާހަގަކުރާ "ޓީޓީއެމް އެވޯޑްސް އެންޑް ގާލާ 2026" ގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކޮށް، މިއަހަރުގެ އެވޯޑްތައް ހައްގުވާ ފަރާތްތަކަށް އެވޯޑް ދިނުން އޮންނާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ.