މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ގުޅިގެން، ކުދިންނަށް އަމަލީ ތަޖުރިބާ ހޯދައިދީ މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާއެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި، ސީނިއާ ޖެނެރަލް މެނޭޖާ އަލީ ހުޒައިމްގެ އިތުރުން އެކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއޭސީއެލް އިން ބުނީ މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ކްލާސްރޫމުގައި ދަރިވަރުން އުނގެނޭ އިލްމީ މައުލޫމާތުތައް އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދީ، ވަޒީފާގެ މާހައުލަށް ދަރިވަރުން އަހުލުވެރިކުރުވުން ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސް، އިންޖިނިއަރިން، އައިޓީ، ކަސްޓަމާ ސާވިސް، ލޮޖިސްޓިކްސް، ކޯޕަރޭޓް ސާވިސަސް އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ފަދަ މުހިންމު ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދާނެކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، މިއީ ކުންފުނީގެ "އެމްޕަވާ އެންޑް ޑިވެލޮޕް އަވާ ޕީޕަލް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަގުހުރި ފުރުސަތުތަކަކާއި ފައިދާތަކެއް ލިބިގެންދާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގެ ސަބަބުން، މަސައްކަތުގެ މާހައުލަށް ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ކަމަށްވާ މުއާމަލާތުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެ ދަރިވަރުންގެ ލޯހުޅުވިގެންދާނެކަން އެމްއޭސީއެލް އިން ވަނީ ބުނެފައވެެ.

މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ކެރިއަރާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، މެންޓާޝިޕް ދިނުމުގެ އިތުރުން އަމަލީ މަސައްކަތުގެ މާހައުލު ތަޖުރިބާކުރުމުގެ ގިނަ ފުރުސަތުތަކަކަށް މަގުފަހިވެގެންދާނެއެވެ.