ތިނަދޫ ސިޓީ އަލުން އާބާދުވިތާ 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފިއެވެ.

މި ދެ ބޭފުޅުން ތިނަދޫ ސިޓީއަށް އިއްޔެ ވަޑައިގަތުމުން، އެ ސިޓީގެ ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ކުލަ ގަދަ ހަރަކާތްތަކެއް ބާއްވަމުން އަންނަ އިރު، މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތގެ ދެ ރައީސުން ވަނީ ބައިވެރިވެވަޑައިގެންފައެވެ،

މި ޒިޔާރަތުގައި، އަލުން އާބާދުވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަޖަލްސާގައި ދެ ރައީސުންވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ދެކުނުގެ ތިން އަތޮޅުން އުފެއްދި ”ސުވަދީބު ހަރަކާތް“ ކޮންޓްރޯލްކުރުމަށްޓަކައި، އޭރުގެ ބޮޑުވަޒީރު އަދި ފަހުން ރައީސް އިބްރާހިމް ނާސިރުގެ އަމުރުފުޅަށް ތިނަދޫން މީހުން ބާލައި، އެ ރަށް ފަޅުކޮށްލީ ފެބްރުއަރީ 4، 1962 ގައެވެ. އެ ހިތާމަވެރި ހާދިސާއަށްފަހު، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ތިނަދޫ އަލުން ހަމަޖައްސައި، ރައްޔިތުން އަލުން އެ ރަށުގައި އާބާދުވާން ފެށީ އޭގެ ހަތަރު އަހަރު ފަހުން، އޮގަސްޓު 22، 1966 ގައެވެ.

ތިނަދޫ އަލުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް 2016 ވަނަ އަހަރު ބޭއްވި ރަންޔޫބީލް ރަސްމިއްޔާތުގައި ވެސް، އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން ވަނީ އެ ސިޓީއަށް ވަޑައިގެން ބައިވެރިވެވަޑައިގެންފައެވެ.

ތިނަދޫ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ތާރީހީ މުނާސަބަތާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، އާބާދީ ދުވަހުގެ ހަރަކާތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. މި ހަރަކާތްތަކުގެ ތެރޭގައި އެކި ކަހަލަ ކުޅިވަރު ރޭސްތަކާއި، ސަގާފީ ތަފާތު ހަރަކާތްތަކުގެ އިތުރުން ސަގާފީ ކެއުންތައް ދައްކާލުމާއި، ޝަރަފުވެރި ހާއްސަ ޖަލްސާއެއް ބޭއްވުން ހިމެނެއެވެ.