މ. ދިއްގަރުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން (ޖެނެރޭޝަން ކެޕޭސިޓީ) އިތުރުކުރުމުގެ ގޮތުން 360 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، ކޮމިޝަންކުރުމަށްފަހު މިހާރު ބޭނުންކުރަން ފަށާފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މި ކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ މި އާ ޖަނަރޭޓަރު ސެޓާއެކު ދިއްގަރުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އިތުރުވެގެންދާނެކަމަށެވެ.
އަދި މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބި، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ފެންވަރެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު މަގުފަހިވެގެންދާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ސްޓެލްކޯއިން އަންނަނީ އަތޮޅުތަކުގެ ރަށްރަށުގައި އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑްއަށް ބަލާ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ޓަކައި އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މ. އަތޮޅުގެ ހުރިހާ ރަށެއްގެ އިންޖީނުގެތަކާއި ޔުޓިލިޓީގެ ހިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ. މީގެ ކުރިން އެ އަތޮޅުގައި ހިދުމަތް ދެމުން ދިޔައީ ފެނަކަ ކޯޕަރޭޝަނުންނެވެ.
ސްޓެލްކޯއިން މި ވަގުތު ވެސް އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅާއި އއ އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅުގައި މިހާރު ވެސް ޔުޓިލިޓީ ހިދުމަތް ދެމުންނެވެ.
